ޚަބަރު

ހުއްދަދިން އަދަދަށްވުރެ އިތުރަށް ހުޅުމާލޭގައި ޓާޓާއިން ފުލެޓު ހަދާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ޓާޓާ ކުންފުންޏަށް ހުޅުމާލޭގައި ފްލެޓް އިމާރާތްކުރަން ދޫކުރި ދެ ބިމުގެ ތެރެއިން އެއް ބިމުގައި ހުއްދަ ދިން އަދަދަށް ވުރެ އިތުރަށް ފްލެޓް ހަދާކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ އިން ދޮގުކޮށްފިއެވެ.

ވަން އަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ފްލެޓް ހަދަން ޓާޓާއަށް ދޫކުރި ބިމުގެ ތެރެއިން އެއް ބިމުގައި އިތުރަށް ފްލެޓް ހެދުމުގެ ޖާގަ އެބައޮތް ކަމަށާއި އެހެންކަމުން އެބިމުގައި އިތުރަށް ފްލެޓް ހެދުމުގެ ހުއްދަ އެކުންފުންޏަށް ދީފައިވާ ކަމަށެވެ.

"ހުއްދަ ދިން އަދަދަށްވުރެ އިތުރަށް ފްލެޓް އަޅާވާހަކަ އެއީ ކަނޑައެޅިގެން ދޮގެއް. އެތަނުން އެއް އިމާރާތުގައި އެވަރަށް ޖާގަ އޮތުމުން އިތުރަށް ފްލެޓް އަޅަން ވާނީ ފުރުސަތު ދީފައި." އަކްރަމް ވިދާޅުވިއެވެ.

ސޮލިޓެއާ އިމާރާތުގެ އެޕާޓްމެންޓްތަކުގެ ބަދަލުގައި ލަގްޒަރީ ވިލާއިން ބައެއް އުނިކުރާ ވާހަކަވެސް އަކްރަމް ދޮގުކުރެއްވިއެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏާއެކު 2010 ވަނަ އަހަރު ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ހަދަން ހަމަޖެހިފައިވަނީ 150 ހައުސިން ޔުނިޓާއި 15 ލަގްޒަރީ ވިލާއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓާޓާގެ ސަބްސިޑަރީ ކުންފުނި، ސެންޑަލް މޮރިޝަސްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން "ވަން ސެންޓްރަލް ޕާކް" އާއިި ސޮލިޓެއާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުގައި ޖުމުލަ 186 އެޕާޓްމެންޓް ހަދައެވެ.

ވަން ސެންޓްރަލް ޕާކް ޕްރޮޖެކްޓްގެ ދަށުން ހަދަނީ 1000 އަކަ ފޫޓޫގެ 120 ފްލެޓެވެ. ފްލެޓެއްގައި ހުންނާނީ ތިން ކޮޓަރިއެވެ.

ސޮލިޓެއާ ޕްރޮޖެކްޓަކީ މަތީފަންތީީގެ ފްލެޓުގެ 10 ބުރީގެ އިމާރާތެކެވެ. 64 އެޕާޓްމެންޓް ހުންނާ ގޮތަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އުތުރުގައި އިމާރާތްކުރާ މިތަނުގައި ހަދަނީ 1+3 ގެ ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އެންމެ މަތީ ބުރީގައި އިންފިނިޓީ ޕޫލަކާއި ޖިމެއް ހުރެ އެވެ.