ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުބާއީ އެކްސްޕޯ 2020އަށް އަނެއްކާވެސް ޒިޔާރަތް ކުރައްވައި އެކްސްޕޯގެ ބައެއް ޕެވިލިއަންތައް ބައްލަވައިލައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޒިޔާރަތްކުރެއްވި ޕެވިލިއަންތަކަކީ ރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަން ކަމަށެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު ވެސް ރައީސް ވަނީ ދުބައީ އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފައެވެ.
އެކްސްޕޯގެ ރާއްޖޭގެ ޕެވިލިއަނުން ދައްކައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އަމަލުކުރާ ގޮތްތަކާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކެވެ.
ސިންގަޕޫރުގެ ޕެވިލިއަނުން ދައްކުވައިދެނީ ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެކެވެ. އަދި ސިންގަޕޫރުގެ އީޖާދީ ވިސްނުންތައް ވެސް އެ ޕެވިލިއަނުން ދައްކުވައިދެއެވެ. އިޓަލީގެ ޕެވިލިއަނުން އެގައުގެ އެކި ދާއިރާތަކުން ހުރި ފުރުސަތުތަކާއި ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި އިޖާދީ ކަންކަމާއި އުފެއްދުންތެރިކަން ފެނިގެންދެއެވެ.
ވިޝަން ޕެވިލިއަނަކީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަހްތޫމުގެ ވިސްނުންފުޅުތަކާއި ތަސައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ.
ރައީސް ވަނީ މިއަދު އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައާއި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ސޯލިހު ޔޫއޭއީއަށް ވަޑައިގެންނެވީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ، ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް އިއްޔެ ހެނދުނެވެ. މި ދަތުރުފުޅުގައި ރައީސްއާއެކު ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު