ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިިނިސްޓްރީގެ ނާއިބުކަމުގެ މަގާމަށް ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، އަބްދުﷲ ފަލާހު ޝަރީފު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ފަލާހު މީގެ ކުރިން ޏ. އަތޮޅު ކައުންސިލުގެ ރައީސްކަމާއި ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.
މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ފަލާހު ވާދަކުރެއްވި ނަމަވެސް، އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. ޕްރައިމަރީގައި ފަލާހުގެ މައްޗަށް ކުރި ހޯއްދެވީ މިހާރު މޭޔަރުކަން ކުރައްވާ އިސްމާއިލް ރަފީގެވެ.
ފަލާހާއެކު ޕްލޭނިން މިނިސްޓްރީގެ ނައިބުންގެ ގޮތުގައި ހަތް ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. ފަލާހުގެ އިތުރުން ދެން ނައިބުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޒުހުރުالله ސިޔާދާއި މުހައްމަދު އާޒިމާއި މުހައްމަދު ހާލިސް ޝަރީފާއި އަލީ ޝާމިނާއި ފާތިމަތު ނިއުމާ އަދި އާއިޝަތު ރަޝީދާއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު ހިމެނިވަޑައިގެންނަވައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި ކައުންސިލު އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އަބްދުالله ސާދިގު (ސޯބެ) ވެސް ހިމެނިވަޑައިގަންނަވައެވެ. ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެން ހިމެނިވަޑައިގަންނަވަނީ އަކުރަމް ކަމާލުއްދީނާއި ޝިފާޒް އަލީ އަދި މުހައްމަދު އަލީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު