ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ނަޑާލް އާއި ނައޯމީ އޮސާކާއަށް ވެސް ވަރުގަދަ ފެށުމެއް

އޮސްޓްރޭލިއާ މެލްބަންގައި މިއަދު ފެށި އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ރަފޭލް ނަޑާލް އާއި އެންމެފަހުގެ އަންހެން ޗެމްޕިއަން ޖަޕާނުގެ ނައޯމީ އޮސާކާ މޮޅުވެއްޖެއެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ މުބާރާތް މިއަދު ފެށި އިރު، މުބާރާތުގެ ފޯކަސް އެންމެ ބޮޑަށް އެނބުރިފައި އޮތީ ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗްގެ ވިސާ މައްސަލަ އަށެވެ. އެންމެފަހުގެ އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަން ޖޮކިވިޗް ވެކްސިން ނުޖަހައި ހުރުމުން އޮސްޓްރޭލިއާއިން އޭނާގެ ވިސާ މިހާތަނަށް ދެފަހަރު ކެންސަލް ކޮށްފައިވާ އިރު، އެންމެފަހުން އިއްޔެ ކޯޓުން ނިންމީ އޮސްޓްރޭލިއާއިން އޭނާ ޑީޕޯޓު ކޮށްލުމަށެވެ. އެ ނިންމުމާއެކު ޖޮކޮވިޗް މިހާރު ވަނީ އޮސްޓްރޭލިއާއިން ޑީޕޯޓު ކޮށްލައިފިއެވެ.

އެ މައްސަލަގަނޑު ތެރެއިން އިއްޔެ ސަލާމަތް ވެ، މިއަދު މުބާރާތް ފަށައިގެން ނަޑާލް ކުޅުނު ފުރަތަމަ މެޗުގައި މާކޯސް ގިރޯންގެ މައްޗަށް ކުރި ހޯދީ 6-1، 6-4 އަދި 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ. ފިރިހެން ޑިވިޝަންގެ ހަވަނައަށް ސީޑު ކޮށްފައިވާ ނަޑާލްއަކީ މިހާރު މުބާރާތުގައި ވާދަކޮށްފައިވާ ހަމައެކަނި ކުރީގެ ޗެމްޕިއަނެވެ. ނަޑާލް މިފަހަރުގެ މުބާރާތަށް ނުކުތީ ކެރިއަރުގެ 21 ވަނަ ތަށްޓައް އަމާޒު ހިފައިގެންނެވެ.

އަންހެން ޑިވިޝަންގެ އެންމެފަހުގެ ޗެމްޕިއަން ނައޯމީ އޮސާކާ ކޮލަމްބިއާގެ ކަމީލާ އޮސޯރިއޯ މައްޗަށް ކުރިހޯދީ 6-3 އަދި 6-3 އިން ސެޓުތައް ގެންގޮސް ގެންނެވެ.

ދެހާސް ނަވާރަވަނަ އަހަރުވެސް އޮސްޓްރޭލިއަން އޯޕަން ހޯދި އޮސާކާ މިފަހަރުގެ މުބާރާތަށް ނުކުތީ މެންޓަލް ހެލްތު ރަނގަޅު ކުރުމަށް ހަތަރު މަހުގެ ބްރޭކެއް ނެގުމަށް ފަހުއެވެ. އުމުރުން 24 އަހަރުގެ އޮސާކާ މިފަހަރުގެ މުބާރާތަށް ނުކުތި 13 ވަނަ ސީޑުގައި ރޭންކް ކުރެވިގެންނެވެ. އޮސާކާގެ ކެރިއަރުގައި މިހާތަނަށް މެލްބަންގައި ކުޅުނު 24 މެޗުގެ ތެރެއިން އޭނާ ވަނީ 23 މެޗު ކާމިޔާބު ކޮށްފައެވެ.