(09 ޖެނުއަރީގެ އަދަދާ ގުޅޭ)
އީރާނުގެ ފުތޫޙާތުގެ ތެރޭގައި ހިޖުރައިން އެކާވީސްވަނަ އަހަރު ނަހާވިންދުގެ ހަނގުރާމަ ކުރިމަތިވިއެވެ. ބައެއް ބޭކަލުން ދެކެވަޑައިގެންނެވިގޮތުގައި އެވަގުތު ހުންނެވި أميـــرالمـؤمـنــيـن އެހަނގުރާމަޔަށް ސީދާ އަމިއްލަފުޅަށް ވަޑައިގެންނެވުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އީރާން ސިފައިން ތައްޔާރުވެފައިވާލެއް ވަރުގަދަކަމުންނެވެ. އެކަމާބެހޭގޮތުންވެސް ވަރަށްބޮޑު މަޝްވަރާ މަޖްލިހެއް ބޭއްވެވުނެވެ. عـثمـان ގެފާނާއި، طـلحـة بــن عُـبَـيد اللّـه އާއި، الــزّبـيــر بــن الـعــوّام އާއި، عبـدالــرّحمــن بــن عــوف (رضـى اللّــه عنـهــم) ވަރަށް ވަރުގަދަޔަށް ވާހަކަފުޅު ދެއްކެވިއެވެ. އެބޭކަލުން ވިދާޅުވީ عــمــر ގެފާނު ސީދާ މައިދާނަށް ވަޑައިގަންނަވާން ފެނިވަޑައިގަންނަވާ ކަމުގައެވެ. އެންމެފަހުން ތަޤްރީރުކުރެއްވީ عـلــى ގެފާނެވެ. އެކަލޭގެފާނު ވާހަކަފުޅުދެއްކެވީ عــمــر ގެފާނު ސީދާ ވަޑައިގަންނަވާން ފެނިވަޑައިނުގަންނަވާކަމުގެ މައްޗަށެވެ. ޞަޙާބީންގެ އަކްސަރިއްޔަތުން ފާސްވީ އެގޮތަށެވެ. ހަމައެފަދައިން ސިފައިންގެ މުސާރައާއި، މުސާރަވެރީންގެ ދަފްތަރު ތަރުތީބު ކުރެއްވުމުގައި އިސްކަންދެއްވާންވީ ގޮތާއި، ގަވަރުނަރުން ލެއްވުމާއި، ބޭރުމީހުނާއެކު ވިޔަފާރިކުރުމުގެ މިނިވަންކަމާއި، އެފަދަ ވިޔަފާރީން މަހްސޫލު ނެގުމާއި މިފަދަ ވަރަށްގިނަ ކަންތައްތަކާ ބެހޭގޮތުން އެކަންކަން ނިންމެވީ މަޖްލިސުއްޝޫރާއަށް ހުށަހަޅުއްވައިގެންކަން އެނގޭ ތާރީޚީ ހެކި އެބަހުށްޓެވެ. އެކަންކަމާ ބެހޭގޮތުން މަޖްލިސުއްޝޫރާގެ ވަރަށްގިނަ ބޭކަލުން ކުރެއްވި ތަޤްރީރުތައްވެސް ތާރީޚު ފޮތްފޮތުގައި ރެކޯޑުކުރެވިފައި އެބަހުއްޓެވެ.
މަޖްލިސުއްޝޫރާ ބޭއްވެވުމަކީވެސް އަދި މުސްލިމުންގެ ކުރިޔަށް ތިއްބަވާ ކަމުވޮށީންގެ ބޭކަލުންނާ އެކިކަންކަމުގައި މަޝްވަރާ ކުރެއްވުމަކީ އެއްވެސް ހާލެއްގައި މީހުންގެ ރުހުން ހޯއްދަވަން ރަނގަޅުކަމެއް ކުރެއްވުމުގެގޮތުން ކުރެއްވިކަމެއް ނޫނެވެ. عــمــر ގެފާނު އެކިފަހަރުމަތީން އެކި މުނާސަބާގައި ސާފުކޮށް ވިދާޅުވެފައިވާ ފަދައިން މަޝްވަރާ ކުރެއްވުމާ ނުލައެވެ. ޚަލީފާކަން ޞައްޙައެއް ނުވާނެއެވެ. އެކަލޭގެފާނު ވިދާޅުވަނީ "لاخـِـلافَـــةَ اِلاّعـَــنْ مَشْــــوَرَةٍ" މިފަދައިންނެވެ. އާދެ މަޝްވަރާކުރެއްވުމަކީ ޚަލީފާގެ މައްޗަށް ލާޒިމުކަމެކެވެ.
އާދެ، ޢާއްމުގޮތެއްގައި މަޖްލިސުއްޝޫރާ ބާއްވަވަނީ ޚާއްޞަ މައްސަލަތައް ކުރިމަތިވާހިނދުގައެވެ. އެކަމަކު ކޮންމެދުވަހަކުވެސް ބައްދަލުވެ ސަރުކާރުގެ އިންތިޒާމީ މައްސަލަތަކާމެދު ބަހުސުކުރާ މަޖްލިހެއްވެސް އޮތެވެ. އެމަޖްލިސް އޮންނަނީ މަސްޖިދުއްނަބަވީގައެވެ. އެ މަޖްލިސްގައި ބައިވެރިވެވަޑައިގަންނަވަނީ މުހާޖިރިއްޔަ ޞަޙާބީންނެވެ. އެކިއެކި ޕްރޮވިންސްތަކާއި އެކިރަށްރަށުން ދުވަހުން ދުވަހަށް ޚިލާފަތުގެ ދަރުބާރަށް އަންނަ ޚަބަރުތަކާއި މައްސަލަތައް އެ މަޖްލިހަށް ހުށަހެޅެއެވެ. عــمــر ގެފާނު އެހުރިހާކަމެއްގެ ތަފްސީލުތައް ބަޔާންކޮށްދެއްވައެވެ. ބަހުސުކުރައްވަން ޖެހޭފަދަ ކަމެއްކަމުގައިވާނަމަ ބަހުސުކުރައްވައި މެންބަރުންގެ ޚިޔާލުފުޅު ހޯއްދަވައެވެ. މަޖޫސީންގެ އަތުން ޢަސްކަރީ ޓެކްސް ނެންގެވުމުގެ މައްސަލަ އެންމެފުރަތަމަ ހުށަހެޅުއްވީ މިދެންނެވި މަޖްލިހަށެވެ.
މަޝްހޫރު މުއައްރިޚު عــلاّمــــة بــلاذرى މިދެންނެވި މަޖްލިސުގައި ކަންހިނގާގޮތް ބަޔާންކުރައްވަމުން ލިޔުއްވައިފައިވާ ގޮތުގައި، މަޖޫސީންގެ އަތުން ޢަސްކަރީ ޓެކްސް ނެގުމުގެ މައްސަލަ އެންމެފުރަތަމަ ހުށަހެޅުނީ މި މަޖްލިސަށެވެ.
މަޖްލިސުއްޝޫރާގެ މެމްބަރުންގެ އިތުރަށް ޢާއްމު ރައްޔިތުންނަށްވެސް ސަރުކާރު ހިންގުމާބެހޭ ކަންތައްތަކުގެ ތެރެޔަށް ވަނުމާއި ފާޑުކިޔުމުގެ ފުރިހަމަ މިނިވަންކަން އޮތެވެ. ޕްރޮވިންސުތަކާއި ރަށްރަށުގެ ޙާކިމުންނާއި ވެރީން ލައްވާއިރު ގިނަފަހަރު އިންތިޚާބުކުރެވެނީ ރައްޔިތުންގެ ރުހުމާއި ގަބޫލުވުމަށް ރިޢާޔަތް ކުރައްވައިގެންނެވެ. ބައެއްފަހަރު އެޒަމާނުގެ ގޮތަށް އިންތިޚާބުވެސް ބާއްވަވައިގެންނެވެ. ކޫފާއާއި ބަސަރާއާއި ޝާމުކަރައިގެ ޓެކްސް ނެގުމާބެހޭ ޢާމިލުން ޢައްޔަންކުރައްވާން ޖެހިވަޑައިގެންނެވުމުން عــمــر އެތިން ޕްރޮވިންސަށް އޮފިސަރުން ފޮނުއްވިއެވެ. ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ރައްޔިތުންގެ ނަޒަރުގައި އެންމެ ޤާބިލު އެންމެ އަމާނާތްތެރި ތިންމީހުން ހޮއްވަވައިފައި ޚިލާފަތުގެ ދަރުބާރަށް ފޮނުއްވުމަށްޓަކައެވެ.
ޖުމްހޫރީ ވެރިކަމެއްގެ ވަރަށް މުހިންމު އެއް އުސޫލަކީ، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ޙައްޤުތަކާމެދު ވަކާލާތުކުރުމާއި އެމީހެއްގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމުގެގޮތުން އަޑު އުފުލުމުގެ ފުރިހަމަ ޙައްޤު ލިބިފައިވުމެވެ. އެކަމުގެ އިޚްތިޔާރާއި ފުރުސަތު ތަނަވަސްވެފައި އޮތުމެވެ. عــمــر ގެފާނުގެ ސަރުކާރުގައި ކޮންމެ ރައްޔިތަކަށްވެސްވަނީ އެޙައްޤު ލިބިފައެވެ. އެކަންވަނީ ވަރަށް ފުރިހަމަޔަށް ހަމަޖެހިފައެވެ. ކޮންމެ މީހަކަށްވެސް މިނިވަންކަމާއެކު ފާޅުގައި އެމީހެއްގެ ޙައްޤުތަކާމެދު ވަކާލާތު ކުރެވެއެވެ. ދައުލަތުގެ ޕްރޮވިންސްތަކުން ގާތްގަނޑަކަށް ކޮންމެ އަހަރަކުވެސް ވަފުދުތައް އާދެއެވެ. އެވަފުދުތަކުގެ މަޤްޞަދަކީ އެ ޕްރޮވިންސެއްގެ ހުރިހައި ކަންކަމަކާއި ހުރިހައި ޝަކުވާތަކެއް ސަރުކާރަށް ހުށަހެޅުމެވެ. އެ ޝަކުވާތައް ފިލުވައިދެއްވަން އެދުމެވެ.
ޖުމްހޫރީ ވެރިކަމެއްގެ ޙަޤީޤީ ޒީނަތްތެރިކަމަކީ ޤައުމުގެ ރައީސް ހުރިހައި ޙައްޤުތަކެއްގައިވެސް ރައްޔިތުންގެ ޢާއްމު ފަރުދަކާ އެއްވަރުވުމެވެ. އެއްވެސް ޤާނޫނެއްގެ ބާރު ހިނގުމުން އެމީހަކު އިސްތިސްނާ ނުވުމެވެ. އެއްވެސްކަހަލަ ޚާއްޞަ އިމްތިޔާޒެއް ލިބިގެން ނުވުމެވެ. ޢާއްމު ފަރުދެއްގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ވަލިއްޔުލްއަމްރަށް އެންމެ ލޯލާރިއެއްވެސް ދައުލަތުގެ އާމްދަނީގެ ތެރެއިން ބޭނުން ނުކުރެވުމެވެ. ޢާއްމު ދިރިއުޅުމުގައި އޭނާގެ ވެރިކަމުގެ ހައިސިއްޔަތަށް ކުޑަކޮށްވެސް ރިޢާޔަތްކުރާން ނުޖެހުމެވެ. އެމީހެއްގެ އިޚްތިޔާރުގެ ދާއިރާ ހަނިވުމެވެ. ކޮންމެ މީހަކަށްވެސް ވެރިމީހާއަށް ފާޅުގައި ފާޑުކިޔޭގޮތް ހަމަޖެހިފައި އޮތުމެވެ. عــمــر ގެފާނުގެ ޚިލާފަތުގައި މިހުރިހައިކަމެއްގައިވެސް ކަންކަން ހަމަޖެހިފައިއޮތީ އޭގެ އެންމެ މިނިވަން އަދި އެންމެ ފުރިހަމަ ގޮތުގައެވެ. އެއަށްވުރެ އިތުރަށް ފުރިހަމަކުރެވޭނެ ޖާގައެއް ނޯންނަވަރަށެވެ. (އަލްފާރޫޤު ދެވަނަބައި)
عــلاّمــــة شِبــلـــى نـعـمــانــى ވަނީ عــمــر ގެފާނު އެކަލޭގެފާނުގެ ވެރިކަމުގައި ތަފާތު ހާދިސާތަކާ ގުޅުއްވައިގެން ރައްޔިތުންގެ މޮހުމާއި ގޮށްޖެހުމުގެ އަހުލުވެރީންނާ (ކަމުވޮށީންނާ) މަޝްވަރާކުރެއްވިލެއް ބޮޑުކަމުގެ ވާހަކަ ބަޔާންކުރައްވައިފައެވެ. ޝައްކެއްނެތެވެ. ޖުމްހޫރިއްޔަތަކީ އެދުވަސްވަރު އޮތް އިސްތިލާޙެއްވެސް ނޫނެވެ. އެކަމަކު ފާރޫޤީ ވެރިކަމުގައި ޖުމްހޫރީ ރޫޙުއޮތީ ނުހަނު ވަރުގަދައަށެވެ. މިޒަމާނުގެ ޖުމްހޫރިއްޔާތަކަށްވުރެ މާފުރިހަމަޔަށެވެ. ޖުމްހޫރިއްޔަތަކީ ޙަޤީޤަތުގައި ގޮށްމުށު ބާރުގެ އިދިކޮޅެވެ. ވީހައިވެސް ބޮޑަކަށް ބާރުތައް ވަކިވެފައިވުމެވެ.
مـــولانــاأبــوالكــلام آزاد ވެސް ވަނީ އޭނާގެ ފޮތެއްކަމުގައިވާ "މަސްއަލާ ޚިލާފަތު" ގައި އިސްލާމީ ނިޒާމުގެ ސަރުކާރެއްގެ ވާހަކަ ދައްކަވައިފައެވެ. ވެރިކަމުގެ އިސްލާމީ ނިޒާމަކީ ޖުމްހޫރިއްޔަތު ކަމުގައި ކަނޑައަޅުއްވައިފައެވެ. مـــولانــا سيّــد أبــوالأعـلــى مـــودودى އޭނާގެ "އިސްލާމްކާ ނަޒަރިއްޔާ ސިޔާސީ" ގައި އިސްލާމީ ޖުމްހޫރިއްޔާއަށް ދެއްވައިފައިވާ ނަމަކީ "އިލާހީ ޖުމްހޫރީ ވެރިކަން" މިނަމެވެ.
އިސްލާމީ ޢިލްމުވެރީން އިސްލާމީ ވެރިކަމުގެ ނިޒާމަށް ޖުމްހޫރިއްޔަތުގެ ނަންދެއްވައިފައިވަނީ މިޒަމާނުގައި ބޭނުންކުރެވޭ ޖުމްހޫރިއްޔަތުގެ ތަޞައްވުރާ އިސްލާމީ ސިޔާސީ ނިޒާމުގައި ބަޔާންކުރެވިފައިވާ ވެރިކަމުގެ ތަޞައްވުރާ ވަރަށްބޮޑަށް އެއްގޮތްވާތީއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ވެރިޔަކު އިންތިޚާބު ކުރުމަކީ ޖުމްހޫރިއްޔަތެއްގެ އަސާސީ އުންޞުރެކެވެ. ރައްޔިތުންގެ ޙައްޤެކެވެ. الخــلافــة الــرّاشــدة ގެ ދުވަސްވަރު أبــوبكر رضى اللّـه عـنــه އިންތިޚާބުވެވަޑައިގެންނެވީ މުސްލިމުންގެ ޢާންމު އެއްވުމެއްގައެވެ. عــمــر ގެފާނު ޢައްޔަންކުރެއްވީ أبــوبكر ގެފާނެވެ. އެހެންކަމުގައިވިޔަސް ޢައްޔަންކުރެއްވުމުގެ ކުރީންވަނީ ޢާއްމުންގެ ރުހުން ހޯއްދަވައިފައެވެ. (ތާރީޚު ޠަބަރީ ޖިލްދު: 2) عـثمـان رضى اللّـه عـنــه އިންތިޚާބުވެވަޑައިގަތީ ކައުސާހިބާގެ މަތިވެރި ޞަޙާބީންކުރެ ހަބޭކަލެއްގެ ޝޫރާއަކުން މަޝްވަރާކުރެވިގެންނެވެ. އެއަށްފަހު ޢާއްމު ބައިޢަތުންނެވެ. عـلــى رضى اللّـه عـنــه އިންތިޚާބުވެވަޑައިގެންނެވީ މަދީނާގެ އަހުލުވެރީންގެ އަކްސަރިއްޔަތުގެ ރުހުމާއެކުގައެވެ. މިއިން ކޮންމެ ބޭކަލަކުމެ އިންތިޚާބުގެ އެންމެފަހު މަރްޙަލާއެއްގެ ގޮތުން ޢާއްމު ބައިޢަތަށް ހުށަހެޅުނެވެ.
الخــلافــة الــرّاشــدة އިން ދައްކަވައިފައިވާ އިސްލާމީ ވެރިކަމުގެ ނިޒާމުގައި ހުރިހާކަމެއް ހިނގަމުންދިޔައީ މުސްލިމުންގެ ރުހުމާ އެއްގޮތަށެވެ. الخــلافــة الــرّاشــدة އިން މުސްލިމުންނަށް ދައްކައިފައިވާ އިސްލާމީ ރިޔާސަތުގެ ތަޞައްވުރުގައި ޖުމްހޫރިއްޔަތުގެ އެންމެ މުހިންމު ސިފައަކީ ޝޫރާޢިއްޔަތެވެ. މުސްލިމުންގެ މަޝްވަރާއިން ކަންތައް ނިމުމެވެ. ދެވަނަކަމަކީ ރައްޔިތުންގެ ބައިޢަތުން (މިޒަމާނުގެ ބަހުރުވައިގައި ވޯޓުން) ޚަލީފާއަކު އިންތިޚާބުވުމެވެ. އާދެ ޚަލީފާކަމަކީ ވިރާސީ ކަމަކަށް ނުވުމެވެ. މިދެކަމަކީ އިސްލާމީ ވެރިކަމުގެ ނިޒާމުގެ އެންމެ އަސާސީ ދެކަންތަކެވެ. ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަނެއް ސިފަޔަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. މިކަންވެސް الخــلافــة الــرّاشــدة ގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމިއޮތެވެ. ޚަލީފާއިން އެކަމަށް ބާރުއެޅުއްވިއެވެ. ހިތްވަރު ދެއްވިއެވެ.
الخــلافــة الــرّاشــدة އަށްފަހު އިސްލާމީ ޚިލާފަތު ނަބަވީ މަންހަޖުގައި ދެމިގެން އައިސްފައި ނުވިކަމުގައިވިޔަސް އަދި އިސްލާމީ ސިޔާސީ ނިޒާމު ފުރިހަމަޔަށް ތަންފީޒުވަމުން ނައިކަމުގައިވިޔަސް ހަރުދަނާ އަދި ބާރުހުރި މަރުކަޒީ ޚިލާފަތެއްގެ މަންފާ އުންމަތަށް އައީ ހާސިލުވަމުންނެވެ. ދުނިޔޭގައި މުސްލިމުންގެ ބާރާއި ހައިބަތު އޮތީ ޤާއިމުވެފައެވެ.
ކުރީންވެސް ދަންނަވަމުން މިއަންނަފަދައިން ވެރިކަމުގެ އިސްލާމީ ނިޒާމުގެ އެންމެ މުހިންމު ސިފަޔަކީ ޝޫރާއިއްޔަތެވެ. މުސްލިމުންގެ ކަންތައް މުސްލިމުންގެ މެދުގައި މަޝްވަރާ ކުރެވިގެން ނިމެމުންދިޔުމެވެ. މުސްލިމުންގެ ކިބައިގައި މިސިފަ އަށަގަތީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ތަރުބިޔަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޚުދު އެމާތް ސާހިބާ ޢަމަލުކުރެއްވީ ކީރިތި ޤުރްއާނުގެ އިރްޝާދާ އެއްގޮތަށެވެ. (އައްޝޫރާ :38) މިސާލެއްގެގޮތުން ދަންނަވަމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ބަދުރުހަނގުރާމައިގައި މުޢަސްކަރު ހައްދަވާނެ ތަނެއް ކަނޑައެޅުއްވިއެވެ. އެވަގުތު ޞަޙާބީންގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. ތިޔައީ މާތް اللّـه ގެ އަމުރުފުޅަށް ކަނޑައެޅުއްވި ތަނެއްކަމުގައި ނުވާނަމަ އެތަނަކުން ފެން ލިބުން ފަސޭހަ ތަނަކަށް ލަޝްކަރު ފައިބާގޮތަށް ހަމަޖައްސަވާށެވެ. ކައުސާހިބާ އެ މަޝްވަރާ ޤަބޫލުކުރެއްވިއެވެ. އެގޮތަށް ޢަމަލުކުރެއްވެވިއެވެ. ހަމައެފަދައިން އަހްޒާބު ހަނގުރާމައިގެ ތެރޭގައި މަދީނާގެ މޭވާއިން ބައެއް ދެއްވާގޮތަށް ޣަޠުފާނުވަންހައިގެ މީހުންނާއެކު އެއްބަސްވުމެއް އެކުލަވައިލެއްވުމުގެ ޚިޔާލުފުޅު ފާޅުކުރެއްވިއެވެ. މަޤްޞަދަކީ ދުޝްމިނުންގެ އެއްބައިވަންތަކަން ރޫޅައިލެއްވޭނެގޮތެއް ހެއްދެވުމެވެ. ނަމަވެސް އެކަމާބެހޭގޮތުން މަޝްވަރާ ކުރެއްވުމުން އަންޞާރުންގެ ދެ ޤަބީލާގެ ވެރީން އެކަމާ އިންކާރު ކުރެއްވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެބޭކަލުންގެ މަޝްވަރާ ޤަބޫލުކުރައްވައި ޣަޠުފާނުވަންހައިގެ މީހުނާ މުޢާހަދާކުރެއްވުމުގެ ޚިޔާލުފުޅު ދޫކޮށްލެއްވިއެވެ.
الخــلفــاء الــرّاشــدون ގެ ހަތަރު ބޭކަލުންވެސްވަނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ބިންގާ އަޅުއްވައިދެއްވައި ނަމޫނާ ދެއްކެވި މަޝްވަރާގެ އުސޫލަށް ފުރިހަމަޔަށް ޢަމަލުކުރައްވައިފައެވެ. އެބޭކަލުންނަކީ އިތުރު ސާހިބާގެ ތަރުބިޔަތު ލިބިވަޑައިގެންނެވި ބޭކަލުންނެވެ. ކުރީންވެސް ދެންނެވި ފަދައިން މަޝްވަރާކުރެއްވުމަކީ ކީރިތި ޤުރްއާނުގެވެސް އިރުޝާދެވެ. ނަބަވީ ސުންނަތެވެ. އެހެންކަމުން އިސްލާމްދީންވަނީ ވެރީން އަމިއްލަޔަށް ހިތްޕުޅަށް އަރައިވަޑައިގެންނެވިހައިގޮތަކަށް ޢަމަލުކުރެއްވުމުގެ އުސޫލު މުލުންލުހެލައިފައެވެ.
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު