މާފުށީ ޖަލުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ އެވެ.
މާފުށި ޖަލުން މިމަހުގެ 14 ވަނަ ދުވަހު ކޮވިޑު ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭގެ ގައިޑުލައިނާ އެއްގޮތަށް އެތަން ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ. އޭރު ޕޮޒިޓިވް ވެފައިވަނީ ހަތް އޮފިސަރުން އަދި ހަތަރު ގައިދީންނެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ އިއްޔެގެ ނިޔަލަށް މާފުށި ޖަލުން 36 ގައިދީއަކާއި ފަސް އޮފިސަރަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ގައިދީންނާއި ކޮންޓެކްޓުވި 68 މީހަކު މިވަގުތު ކަރަންޓީނުގައި ތިބި އިރު އޮފިސަރުންގެ ކޮންޓެކްޓުން ގޮތުގައި ކަރަންޓީނުގައި ތިބީ 12 މީހުން ކަމަށް ޔުސްރީން ވިދާޅުވި އެވެ. އަދި ޖުމުލަ 41 މީހަކު މިވަގުތު ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާތަލާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސާވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން މާފުށީ ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.
އޭގެ އިތުރުން މާފުށީ ޖަލު އާންމު ހާލަތަށް ގެންނަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު