އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި އިކުއެޓޯރިއަލް ގީނީ އަތުން ބަލިވެ، އެޓީމަށް ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ކެމަރޫންގެ ޑޯލާގައި ރޭ ކުޅުނު މެޗުގައި އިކުއެޓޯރިއަލް ގީނީން ވަރުގަދަ އަލްޖީރިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން އަލްޖީރިއާ ބަލިވީ އެންމެފަހުން ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެގައުމުން ކުޅުނު 35 މެޗުންވެސް ބަލި ނުވެ އޮތުމަށް ފަހުއެވެ. މިހާތަނަށް ފުޓުބޯޅަ ތާރީހުގައި ގައުމީ ޓީމަކުން އެންމެ ގިނަ މެޗު ބަލިނުވެ ހަމަކުރީ އިޓަލީންނެވެ. މިދިޔަ އަހަރު އިޓަލީ ހެދި ރެކޯޑުގައި އެޓީމު ވަނީ 37 މެޗު ބަލިނުވެ ހަމަ ކޮށްފައެވެ. އެ ރެކޯޑާ ހަމަ ނުކުރެވި، ރޭގެ މެޗުން ބަލިވުމަކީ އަލްޖީރިއާއަށް ލިބޭނެ ބޮޑު މާޔޫސް ކަމެކެވެ.
މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ނުކުތް އަލްޖީރިއާ މިހާތަނަށް މިއަހަރުގެ އެފްކޮންގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ގްރޫޕް އީގައި ނައިޖީރިއާއިން ކުޅުނު ފުރަތަމަ މެޗުގައި ސިއެރާ ލެއޮން އަތުން އެއްވަރުވި އިރު، ރޭގެ މެޗުން ޕޮއިންޓެއް ނުލިބި އަލްޖީރިއާ އޮތީ ގްރޫޕް ފުލުގައެވެ. ގްރޫޕް އީގައި ރޭ ސިއެރާ ލެއޯންއިން އައިވޮރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މެންޗެސްޓާ ސިޓީގެ ތަރި ރިޔާދު މަހަރޭޒްގެ ކެޕްޓަން ކަމުގެ ދަށުގައި މެޗަށް ނުކުތް އަލްޖީރިއާގެ ގޯލު އިކުއެޓޯރިއަލް ގީނީން ފޫއަޅުވާލީ މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ އެސްޓެބަން އޮބިއާންގެވެ.
ރޭގެ ނަތީޖާއަކީ އިކުއެޓޯރިއަލް ގީނީއަށް ތާރީހީ ނަތީޖާއެކެވެ. 2015 ވަނަ އަހަރު މުބާރާތުގެ ހޯސްޓް ޓީމުގެ ގޮތުގައި އެޓީމު މުބާރާތުގައި ވާދަކޮށް ސެމީ ފައިނަލަށް ދިޔަ ނަމަވެސް، މިއަހަރު މުބާރާތަކީ ކޮލިފައިވެގެން އެގައުމުން އެފްކޮންގައި ކުޅޭ ފުރަތަމަ މުބާރާތެވެ. އެހެންކަމުން އަލްޖީރިއާ ފަދަ އެފްރިކާގެ ގަދަ ބާރެއް ބަލިކުރެވުން ވެގެންދަނީ އިކުއެޓޯރިއަލް ގީނީ ތާރީހުގައި ބޮޑު ނަތީޖާއަކަށެވެ.
މިވަގުތު ގްރޫޕް އީގެ އެއްވަނައި އައިވޮރީ ކޯސްޓް އޮތީ ހަތަރު ޕޮއިންޓާ އެކުގައެވެ. އިކުއެޓޯރިއަލް ގީނީ ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތީ ސިއެރާ ލެއޯންއެވެ. ތަރިންގެ އައިވޮރީ ކޯސްޓާ ވާދަކޮށް ސިއެރާ ލެއޯންއިން ޕޮއިންޓެއް ހޯދީ ފަހު ވަގުތު ގޯލެއް ޖަހައިގެންނެވެ. މެޗުގައި އައިވޮރީ ކޯސްޓަށް ލިބުނު ޕެނަލްޓީއެއް އޭސީ މިލާންގެ ފްރޭންކް ކެސީ ޖެހި ނަމަވެސް، ސިއެރާ ލެއޯންގެ ގޯލްކީޕަރު މުހައްމަދު ކަމާރާ ވަނީ މަތަކޮށްފައެވެ.
21:00 ބުރްކީނޯ ފާސޯ - އިތިއޯޕިއާ
21:00 ކޭޕް ވާޑޭ - ކެމަރޫން
އެފްކޮންގައި މިރޭ ފަށާނީ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތަކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު