އެވަޓަންގެ ކޯޗުގެ މަގާމުން ރަފޭލް ބެނިޓޭޒް ވަކިކޮށްފިއެވެ.
އެވަޓަންގެ ކޯޗުކަމާ ބެނިޓޭޒް ހަވާލުވިތާ ހަތް މަސްވީ އިރަށް އެ މަގާމުން އޭނާ ވަކޮށްފައިވާކަން ކްލަބުން ވަނީ ޔަގީންކޮށްދީފައެވެ. އުމުރުން 61 އަހަރުގެ ބެނިޓޭޒް މި ސީޒަނަށް އެވަޓަންގެ ކޯޗުކަމާ ހަވާލުވީ އޭގެ ކުރީގައި ހުރި ކޯޗު ކާލޯ އެންސެލޯޓީ ރެއާލް މެޑްރިޑާ ހަވާލުވުމުންނެވެ.
ބެނިޓޭޒް މަގާމުން ވަކިކުރިކަން އިއުލާންކޮށް ކްލަބުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކްލަބުގެ ކޯޗުކަމާ ދާއިމީކޮށް ހަވާލުވާނެ ކޯޗަކު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ކްލަބުގެ ކޯޗުކަމަށް ވޭން ރޫނީ ދިއުން ގާތެވެ.
އެވަޓަންއިން އެންމެފަހުން ކުޅުނު މެޗުގައި ރޭ ލީގުގެ ފުލުގައި އޮތް ނޯވިޗް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު އެވަޓަންއިން އެންމެފަހުން ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެންމެ ހަ މެޗުންނެވެ. އެވަޓަން މިވަގުތު ލީގުގެ 15 ވަނައިގައި އޮތީ ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓް ކައިރީގައެވެ.
ބެނިޓޭޒްއަކީ މީގެކުރިން ޕްރިމިއާ ލީގުގެ ޓީމުތައް ކަމަށްވާ ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭގެ އިތުރުން ޗެލްސީގެ ވަގުތީ ކޯޗުކަމާ ހަވާލުވެ އެ ކްލަބާއެކު ބެނިޓޭޒް ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ވަނީ ލިވަޕޫލާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
އެވަޓަން
އެވަޓަން
އެވަޓަން