ޚަބަރު

އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރާ މިންވަރު އިތުރުވެއްޖެ: އެޑިއުކޭޝަން

އަލީ ޔާމިން

1

ރާއްޖޭގެ ސްލޫކުތަކުގައި މަސައްކަތްކުރާ އިންޑިއާގެ ބައެއް ޓީޗަރުންނަށް މަގުމަތިން ފުރައްސާރަކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ށ. ފުނަދޫ ސްކޫލުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ފަހަކަށް އައިސް އިންޑިއާގެ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް، އެކަމުގެ ތަފުސީލެއް މިނިސްޓްރީން ދީފައެއް ނުވެއެެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ދެ ރަށެއްގައި އިންޑިއާ ޓީޗަރުންނަށް ފުރައްސާރަކުރި މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި، ބުނީ އިދިކޮޅު ޕީޕީއެމުން އިސްވެ ތިބެ، ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލު، މަދަރުސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުން އިތުރުވެފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ، ސްކޫލުތަކުގެ ބޭރުގައި "އިންޑިއާ އައުޓް" ލިޔުމުން، އެތަނުގައި ކިޔަވައިދޭ، އިންޑިއާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަމަށާއި އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދެމުން އަންނަ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ، އެފަދަ އަމަލުތަކުގެ ސަބަބުން ބިދޭސީ ޓީޗަރުން ވަޒީފާ ދޫކޮށް ދިއުމަށް މަގުފަހިވާ ކަމަށާއި އެކަމުގެ ގެއްލުން ތައުލީމީ ދާއިރާއަށް ކުރާ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާ ކަމަށް ބުންޏެވެ.