އިދިކޮޅު ޕީޕީއެމުން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން އިންޑިއާގެ ޓީޗަރުންގެ ސަލާމަތަށް ހުރަސްއެޅޭ ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ށ. ފުނަދޫގައި ސްކޫލު ވަށާ ފާރުގައި އިންޑިއާއަށް ނޫނެކޭ ބުނުމަށާއި އިނގިރޭސި ބަހުން އިންޑިއާ އައުޓް ޖަހާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެ ތިބެ ހިންގަމުންގެންދާ "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ ފަރާތުން ނ. އަތޮޅުގައި ކުރިއަށްގެންދިޔަ ބައެއް ހަރަކާތްތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަހައްދުގައި ހަރުކޮށްފައިވާ ކަމަށެވެ. އަދި ށ. ފުނަދޫގައި ކުރިއަށްގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން އިންޑިއާ އައުޓް، ގެތަކުގެ ފާރުތަކުގައި ލިޔަންވެއްޖެ ކަމަށް ބުނެ ވާހަކަދެއްކިތާ މާ ގިނައިރުތަކެއް ނުވެ، ށ. އަތޮޅު މަދުރަސާގެ ފާރުގެ ބޭރުގައި "އިންޑިއަން-އައުޓް" މި މޭރުމުން ލިޔެފައިވަނީ އެ ސްކޫލުގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރުންނަށް އަމާޒުކޮށްކަމަށް އެޑިއުކޭޝަންގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.

އެޑިއުކޭޝަނުން ބުނީ، ސްކޫލު މަދުރަސާތަކަކީ ގިނަ އަދަދަކަށް އިންޑިއާ ޓީޗަރުން ވަޒީފާ އަދާކުރަމުން އަންނަ ތަންތަނަށްވެފައި، ސްކޫލު ސަރަހައްދުތަކުގައި އެގޮތަށް ގޮވުމާއި ބެނާތައް ހަރުކުރުމާއި ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެފަރާތްތަކުން ސްކޫލުތަކުގައި އެދެމުންދާ ކަމަށްވެސް ބުންޏެވެ.

"ބިދޭސީ ޓީޗަރުން ހޯދުން ދަތިވެފައިވުމާއި އަދި ރާއްޖެ ގެނެވޭ ބިދޭސީ ޓީޗަރުންނަކީ ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައިދިނުމަށް ގެނެވޭ ފަރާތްތަކަށްވުމުން، މިފަދަ އަމަލުތަކުގެ ސަބަބުން އެ ފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލުތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ..،" އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ، ސިޔާސީ މަންފާއަށް ހިންގާ މި ބާވަތުގެ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުންގަންނައިދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުންދިއުމަކީ އެ މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި އެފަދަ ކަންކަމުގައި ބައިވެރިވެ ހިތްވަރުދޭ ފަރާތްތަކުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖޭގެ ސްކޫލު މަދުރަސާތަކުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން މިހާރަށްވުރެ ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

ފުނަދޫ ސްކޫލު ބޭރު ފާރުގައި އިންޑިއާ އައުޓް ޖެހި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ އިރު، އިންޑިއާ އައުޓް ޖެހުމުގައި ސަރުކާރުގެ އަތެއްވާ ކަމަށް ފުނަދޫ ކައުންސިލުން ތުހުމަތުކުރެއެވެ.