މަނީލޯންޑާ ކުރުމުގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ހުކުމްކޮށް ޖަލުގައި ހުންނެވި، މުއްދަތަށް އިނާޔަތުގެ ގޮތުގައި، 2.4 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވަން އަށް މިއަދު ވިދާޅުވީ، ރައީސް ޔާމީން ޖަލު ހުކުމްގައި ހުންނެވި ދެ އަހަރުގެ މުއްދަތަށް، ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިޔަން ދައުލަތުގެ ބަޖެޓުން އެމަނިކުފާނަށް ދީފައިވާ ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑާ ކުރިކަމުގެ ކުށުގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް އެމަނިކުފާނު ޖަލަށް ލުމަށް ކުރިިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރީ ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ގައެވެ.
އެ ހުކުމް ބާތިލު ކުރުމާ ގުޅިހެން ހުކުމް ބާތިލު ކުރި ހިސާބުން ކުރީގެ ރައީސުންނަށް ލިބެން ޖެހޭ އިނާޔަތާއި ސެކިއުރިޓީ ސަރުކާރުން ރައީސް ޔާމީނަށް ދޭން ފެށިއެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ ޖަލު ހުކުމްގައި ހުންނެވި ދެ އަހަރު ދުވަހުގެ މުއްދަތު ކެނޑުމަށްފަހުގައެވެ.
އެހެންކަމުން، ކުރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނަށް އިއްވި ދުވަހުން ފެށިގެން، މިނިވަންވުމާ ހަމައަށް، ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތް ހަމަޖައްސައިދޭން ރައީސް ޔާމީންގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުއްވިއެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި އެއް ދައުރު ވެރިކަން ކޮށްފައިވާ ރައީސުންނަށް މަހަކަށް 275،000 ރުފިޔާ ލިބޭނެއެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000 ރުފިޔާ އާއި ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާ އަދި އޮފީސް ހިންގެވުމުގެ ހަރަަދަށް މަހަކު 175،000 ރުފިޔާއެވެ.
އޭގެ އިތުރުން ބޭސްފަރުވާގެ ގޮތުގައި އަހަރަކަށް 700،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު