މާދަމާ ފަށާ އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ވާދަކުރުމަށް ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ކުރި މަސައްކަތް ނާކާމިޔާބުވެ، އޮސްޓްރޭލިއާއިން ޑީޕޯޓް ކޮށްލަން ތައްޔާރުވެއްޖެއެވެ.
އެންމެފަހުގެ އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަން ޖޮކިވިޗް ވެކްސިން ނުޖަހާ ހުރުމުން އޮސްޓްރޭލިއާއިން އޭނާގެ ވިސާ މިހާތަނަށް ދެފަހަރު ކެންސަލް ކޮށްފައިވާ އިރު، މިފަހަރު ކޯޓުން ނިންމީ އޮސްޓްރޭލިއާ ސަރުކާރާ އެއްކޮޅަށެވެ. އެ ނިންމުމާއެކު ޖޮކޮވިޗް ޑީޕޯޓް ކޮށްލަން މިހާރު ވަނީ ނިންމައިފައެވެ.
ވެކްސިން ނުޖަހާ އޮސްޓްރޭލިއާއަށް އެތެރެވުމުގެ މައްސަލައިގައި ޖޮކޮވިޗްގެ ވިސާ ފުރަތަމަ ކެންސަލް ކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެފަހަރު ގައުމަށް އެތެރެވިޔަ ނުދީ ޖޮކިވިޗް ޑިޓެންޝަންގައިވެސް ބަހައްޓާފައިވާ އިރު، އެ މައްސަލަ ހޫނުވެ ޖޮކޮވިޗްގެ ފަރާތުން މައްސަލަ އޮސްޓްރޭލިއާގެ ކޯޓަށް ހުށަހަޅައިގެން ކާމިޔާބުވެސް ހޯދިއެވެ. އެފަހަރު ކޯޓުން ޖޮކޮވިޗާ އެއްކޮޅަށް މައްސަލަ ނިންމުމުން އޭނާ އެގައުމަށް އެތެރެވި ނަމަވެސް، ވެކްސިނަށް އުޒުރުވެރިވާ ލިޔުން ހޯދުމަށް ޖޮކިވިޗް މަކަރު ހެދި ކަމަށް ބުނެ، އޮސްޓްރޭލިއާ އިމިގްރޭޝަނުން އަނެއްކާވެސް ވިސާ މައްސަލަ ބަލަން ފެށިއެވެ.
އެ މައްސަލަ ބަލައި އޮސްޓްރޭލިއާ އިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ ދެވަނަ ފަހަރަށް ކެންސަލް ކުރިއެވެ.
އެ މައްސަލަ ކޯޓަށް ޖޮކޮވިޗްގެ ފަރާތުން ވެއްދީ އިމިގްރޭޝަން އޮފިސަރު އެލެކްސް ހޯކާ ދެކޮޅަށެވެ. މައްސަލައިގައި ޖޮކޮވިޗް ބުނެފައި ވަނީ ހޯކު މަގާމުގެ ނާޖައިޒު ބޭނުންކޮށް، އޭނާގެ ވިސާ ކެންސަލް ކުރި ކަމަށެވެ. ޖޮކޮވިޗްގެ ފަރާތުން ހުށަހެޅި މައްސަލަ ބެލީ ތިން ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ފަނޑިޔާރުންގެ ތެރޭގައި އޮސްޓްރޭލިއާގެ ޗީފް ޖަސްޓިސް ޖޭމްސް އޯލްސޮޕް ހިމެނެއެވެ.
ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލަން އޮސްޓްރޭލިއާގެ އިމިގްރޭޝަނުގެ ނިންމުން ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ދަމަހައްޓައިފައެވެ. މައްސަލަ ނިންމި ގޮތުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖޮކޮވިޗްގެ ގާނޫނީ ޓީމަށް އަންގާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
ޖޮކޮވިޗް މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ ނިންމުމާ މެދު ވަރަށް ބޮޑަށް މާޔޫސްވި ނަމަވެސް ނިންމުން ގަބޫލުކުރާނެ ކަމަށެވެ.
ޖޮކޮވިޗްގެ މައްސަލައިގައި އެގައުމުގެ ރައްޔިތުންވެސް ދަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔަމުންދާ އިރު، ވެކްސިނާ ދެކޮޅަށް ވާހަކަދައްކާ ގިނަ ބަޔަކު ވަނީ ޖޮކޮވިޗާއެކުގައި ތިބި ކަމަށް ބުނެ އަޑުއުފުލައިފައެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަނަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ފާޑު ކިޔާފައިވާ އިރު، ޖޮކޮވިޗްގެ މައްސަލަގަނޑު މިހާރު ވަނީ ދިހަ ވަރަކަށް ދުވަހަށް ދިގުލައިގެން ގޮސްފައެވެ.
އޮސްޓްރޭލިއަން އޯޕަންއަކީ މިއަހަރުގެ ފުރަތަމަ އޭޓީޕީ މުބާރާތެވެ. ޖޮކިވިޗް ވަނީ މީގެ ކުރިން ނުވަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް