ނ. މާފަރު/ ހުދުވިލާގޭ އިބްރާހިމް މުހައްމަދު (އިބްރާހިމްބެ) އަށް ޑިސެމްބަރު 22, 2014 ވަނަ ދުވަހަކީ ހިތްދަތި ދުވަހެކެވެ. ހަޔާތުގެ ލައިލާއާ އެކު ހޭދަކުރި 22 އަހަރުވީ ކައިވެނި ނިމިދިޔައީ, އަންހެނުން, ހަމަ އެރަށު ދިލްބަހާރުގޭ ވަހީދާ އާދަމް ކުއްލި ގޮތަކަށް ނިޔާވުމުންނެވެ. އެ ކައިވެންޏަށް ތިން ދަރީން ތިބި ނަމަވެސް, އެއީ އިބްރާހިމްބެ އުފާވެރި ހަޔާތުގެ ހުޅުކޮޅު ނިވުނު ދުވަހެވެ. އެއަށްފަހު އެންމެންނާ ގުޅިގެން އުޅުނު އިބްރާހިމްބެގެ ބަސް މަދުވެ, ގެއިން ބޭރަށް ނުކުތުންވެސް ހުއްޓުނެވެ. މީހާ ހުއްޓުން އެރިއެވެ.
"ގުރޭޑް 12 ނިންމީންސުރެ, ރަށްރަށަށް ދަތުރުކޮށް އެއިރު އެހެން އުޅުނު އިރު, އިބްރާހިމްބެ ބުނާނެ ތިހެން އުޅޭ އުޅުމުގަ އިންނާނެ މީހަކު ލިބޭތޯ ބަލައިދޭށޭ. މިކޮޅަށް (މާފަރަށް) އަންނަ ކަހަލަ ކުއްޖަކުވޭތޯ. އޭރުވެސް އޭނަ ވަރަށް މަސައްކަތްކުރި. ޗުއްޓީގަ ރަށަށް އަންނައިރުވެސް ކުއްޖަކު ނުލިބޭތޯ އަހާނެ," އިބްރާހިމްބެއަށް ބައިވެރިޔަކު ހޯދައިދޭން މަސައްކަތް ކުރި އަބްދުالله ޒަހީން "ވަން" އަށް ބުންޏެވެ.
މާފަރު ކައުންސިލުގައި މަސައްކަތް ކުރާ ޒަހީން ބުނި ގޮތުގައި, އިބްރާހިމްބެގެ ދިރިއުޅުމަށް ވެރިވެފައި އޮތް ފަޅުކަން ފިލުވައިދޭނެ ހަޔާތުގެ ބައިވެރިޔަކު ހޯދަން މަސައްކަތް ފެށީ އެކަމަށް އިބްރާހިމްބެ ރަށު މީހުން ކައިރީގައިވެސް އެދެން ފެށުމުންނެވެ. އެއާއެކު ރަށު ތެރެއިން އެކަމަށް ޓީމެއް ހެދިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހަކުވޭތޯ އަތްފުނާ އަޅަން ފެށިއެވެ. ރައްޓެހީން މެދުވެރިވެގެން ކުރި މަސައްކަތުން އިބްރާހިމްބެއަށް ހަތް ވަރަކަށް މީހަކު ހޯދައިދީ, އެ އެންމެންނާ އިބްރާހިމްބެއާ ފޯނުން ގުޅުވައިދިނެވެ. ނަމަވެސް އެއިން އެކަކުވެސް ރަށް ދޫކޮށް, މާފަރަށް ބަދަލުވާކަށް ބޭނުމެއް ނުވިއެވެ. އިބްރާހީމްބެ ބޭނުންވަނީ ރަށުން ބޭރު މީހެކެވެ. އެހެންވީމަ އިބްރާހީމްބެގެ ހަޔާތަށް ަބއިވެރިޔަކު ހޯދަން ޖެހެނީ ރަށުން ބޭރުންނެވެ. އަދި އިބްރާހީމްބެ އެދޭ ގޮތަކީ ކައިވެނި ކޮށްގެން އެމީހަކު އިބްރާހިމްބެޔާއެކު މާފަރުގައި ދިރިއުޅުމެވެ.
އެހެން އުޅެނިކޮށް އިބްރާހިމްބެގެ އަތުގައި ނަސީބު ހިފީ ރަށު ކުރިމަތީ އޮތް ނ. ޅޮހިންނެވެ. އިބްރާހިމްބެގެ ޝަރުތުތަކަށް ރުހި ގަބޫލުވެ, މާފަރަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވީ އެރަށު ވައިޖެހޭގެ/ އައިމިނަތު އަބްދުالله އެވެ. ނަންބަރު ލިބި ދެމީހުން ވާހަކަދެއްކީ ހަތަރު ވަރަކަށް މަސް ވާންދެނެވެ. އެއަށްފަހު ނިންމީ ދިރިއުޅުމުގެ އާ ސިލްސިލާއެއް ފަށާށެވެ. ޅޮހީ މެޖިސްޓްރޭޓް ކޯޓަށް ކައިވެނި ކުރަން އިބްރާހިމްބެ ދިޔަ ދުވަހަކީ އޭނާއަށް އައިމިނަތު ހަމަލޮލުން ފެނުނު ފުރަތަމަ ދުވަހެވެ. ނަމަވެސް އެހެން ހީވެސް ނުވެއެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ލޯބީގެ ގުޅުމުގެ ހެއްކަކީ، މަރު ދުވަހާ ހަމައަށްވެސް އިބްރާހިމްބެގެ ކައިރީގައި ހުންނާނެ ކަމަށްވީ ވައުދެވެ.
އިބްރާހީމްބެގެ އުމުރުން 61 ފުރިފައިވީ ނަމަވެސް، އަދި އައިމިނަތު މިހާރު ގުނަމުން އެގެންދަނީ އުމުރުން 51 ފުރި 52 ވަނަ އަހަރު ކަމަށްވިޔަސް، ދެބައިވެރީންގެ ފުރަތަމަ ފެނިލުމުން މުޅި ހަޔާތް އަލުން ޒުވާން ކޮށްލިއެވެ.
މިއީ އައިމިނަތުގެ ހަތަރު ވަނަ ކައިވެންޏެވެ. އެ ކައިވެނިތަކަށް ޖުމުލަ ނުވަ ދަރިން ލިބިފައިވާ އިރު، މިއީ އިބްރާހިމްބެގެ ފަސް ވަނަ ކައިވެންޏެވެ. އޭނާގެ ތިބި ތިން ދަރީންވެސް ލިިބިފައިވަނީ އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނު ވަހީދާ އާދަމަށެވެ.
"ކައިވެނި ކުރަން ލޯންޗެއް ހިފައިގެން ޅޮއްސަށް ދިޔަ ދުވަހު ދެމީހުންނަށް ދެމީހުން ފެންނާނީ. ކައިވެނީގެ ރަނަށް ދެއްކި 100 ރުފިޔާ ފިޔަވައި އިތުރު އެއްވެސް ހަރަދެއް މި ކައިވެންޏަށް އިބްރާހިމްބެ ކޮށްފައެއް ނުވާނެ. ކައިވެނިކުރަން ލާންވެގެން ހުދު ގަމީހެއްވެސް ދިނީ ހެޔޮ އެދޭ މީހެއް. ޅޮއްސަށް ދާން ލޯންޗެއް ހިފައިދިނީވެސް ހެޔޮ އެދޭ މީހެއް. މާފަތި ހެދުމާއި ބަގީ ޒީނަތްތެރިކުރީވެސް ރަށު މީހުން," ކައިވެނީގެ އެއް ހެކިވެރިއެއްގެ ގޮތުގައިވެސް ހުރި ޒަހީން ބުންޏެވެ.
ދިރިއުޅުމަށް މިދިޔަ އަންގާރަ ދުވަހު ލިބުނު ދޮންހިޔަލައާއެކު އުފަލުން ހުރީ އިބްރާހިމްބެ އެކަންޏެއް ނޫނެވެ. މުޅި މާފަރަށް އައިސްފައި އޮތީ އީދެކެވެ. އިބްރާހިމްބެ ރަށަށް އައުމުން އޭނާއަށާއި އައިމިނަތަށް މަރުހަބާ ކީ ކައުންސިލުގެ ރައީސްއާއި ނައިބު ރައީސެވެ. ވެދުމަށް ކުރުނބާ އަރުވައި, މާފަތި އެޅުވިއެވެ. ގެއަށް ގެންދިޔައީ މަލާއި ފަނުން ތައްޔާރުކޮށްފައި އޮތް ސަވާރީއެއްގައެވެ.
މިއީ އަދި ކައިވެނީގެ އީދުގެ ކުޑަ މިންވަރެކެވެ. ކައިވެންޏަށް ހަފުތާއެއް ވާން ދާއިރު، ރަށުގެ ބައެއް މީހުންނާއި އާއިލާތަކުން ވަކިވަކިން އިބްރާހިމްބެއަށާއި އޭނާގެ އަންހެނުންނަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ. ކަރާ ފެޅުމާއި ކޭކު ފެޅުމުންނެވެ. މާ ކެއުންތައް ތައްޔާރުކޮށްގެންނެވެ. މިއީ އިބްރާހިމްބެ ހަނދާނުން ފިލައި ނުދާނެ، ފަޅުވިލުވުމެކެވެ. މާފަރު ރައްޔިތުންގެ ނަމޫނާ މަސައްކަތެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް