Close
ޚަބަރު

ވިލާ ހައިސްކޫލުގައި ފުރަތަމަ ހަފުތާ ކިޔެވައިދެނީ އޮންލައިންކޮށް

މުހައްމަދު ޖަމްޝަތް ވަހީދު

ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިފައިވާއިރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ވަން އަށް މައުލޫމާތު ދެއްވަމުން ވިލާ ހައި ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް، އަހުމަދު ވަހީދު ވިދާޅުވީ ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ ފުރަތަމަ ހަފުތާގައި ކިޔަވައިދޭން ނިންމާފައިވަނީ އޮންލައިންކޮށް ކަމަށެވެ. އަދި ބަލީގެ ހާލަތު އޮތް ގޮތުން، ގިނަ ބެލެނިވެރީންގެ ކަންބޮޑުވުން އެބަހުރިކަމަށާއި އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވަނީ ގިނަ އަދަދެއްގެ ދަރިވަރުން މާލެ ނައިސް ރަށްރަށުގައި ތިބުމުން ކަމަށެވެ.

ވަހީދު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދޭން އަދި ނިންމާފައިވަނީ މިހަފުތާ އެކަނި ކަމަށާއި ސްކޫލުން ބޮޑަށް ބާރުއަޅަނީ ކްލާހަށް ދަރިވަރުން ހާޒިރުކޮށް ކިޔަވައިދޭން ކަމަށެވެ. ކޮވިޑް ހާލަތު ވަރަށް ގޯސްވެގެން ނޫނީ އޮންލައިންކޮށް ކިޔަވައިދޭން ނިންމި މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ.

ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިފައިވާއިރު ސްކޫލްތަކުގައި މިހަފުތާ ކިޔަވައިދޭނީ ދެ ދުވަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މާލެއާއި އަތޮޅުތެރޭގައި އޮމިކްރޯން ފެތުރެމުންދާ މިދުވަސްވަރުގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ ހާހަކާ ގާތް ވެފަ އެވެ.

ސްކޫލުތަކުގައި ކިޔަވައިދޭން ފެށި ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގައިފައެވެ.