ކުޅިވަރު

އިންޑިއާގެ ޓެސްޓް ކެޕްޓަން ކަމުން ކޯލީ ފަހަތަށް ޖެހިއްޖެ

އިންޑިއާގެ ފިރިހެން ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަންގެ މަގާމުން ވިރާތު ކޯލީ ފަހަތަށް ޖެހިއްޖެއެވެ.

އުމުރުން 33 އަހަރުގެ ކޯލީ ޓެސްޓް ޓީމުގެ ކެޕްޓަން ކަން ދޫކޮށްލިކަން އޭނާ ވަނީ އިއްޔެ އިއުލާނު ކޮށްފައެވެ. މިދިޔަ އަހަރު ކޯލީ ވަނީ އިންޑިއާގެ ލިމިޓެޑް އޯވާސް ޓީމުގެ ކެޕްޓަންކަންވެސް ދޫކޮށްލައިފައެވެ. ކޯލީ އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

ފަހުގެ ތާރީހުގައި އިންޑިއާއިން ފެނުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ ކޯލީ ވަނީ ރެކޯޑު 68 ޓެސްޓް މެޗެއްގައި އެގައުމުގެ ގައުމީ ޓީމުގެ ބޭންޑް އަޅައިފައެވެ. އޭގެ ތެރެއިން 40 މެޗުން ޓީމު މޮޅުވެފައިވާ އިރު، އެއީ އިންޑިއާގެ ޓެސްޓް ކްރިކެޓް ތާރީހަށް ބަލާއިރު ހަތަރުވަނައަށް އެންމެ ރަނގަޅު ރެކޯޑެވެ.

"މިދިޔަ ހަތް އަހަރަކީ ބުރަ މަސައްކަތުގެ ހަތް އަހަރެއް. ބުރަ މަސައްކަތާއި އަހަރެންގެ ހުރިހާ ހިތްވަރެއް ގުރުބާންކޮށް ޓީމު އެންމެ ރަނގަޅު މިސްރާބަށް ގެންދަން މަސައްކަތް ކުރިން. އަހަރެން ޓީމުގެ ކެޕްޓަންކަން ކުރީ ފުރިހަމަ ތެދުވެރިކަމާއެކު. ކްރިކެޓް ދަނޑަށް ނުކުތް ކޮންމެ ފަހަރަކު އަހަރެންގެ 100 ޕަސެންޓް ދިނިން. ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ. އެ ނިމުން މިއައީ އަހަރެންގެ ކެޕްޓަން ކަމަށް. މިއީ އަހަރެން ޓީމުގެ ކެޕްޓަންކަން ދޫކޮށްލާ ވަގުތު،" ކޯލީ ސަޕޯޓަރުންނަށް ދިން މެސެޖެއްގައި ވެއެވެ.

ކޯލީ ވަނީ އިންޑިއާއަށް ޓެސްޓް ކްރިކެޓްގެ 99 މެޗު ކުޅެފައެވެ. މިދިޔަ އަހަރު އިންގްލެންޑްގައި އޮތް ދުނިޔޭގެ ޓެސްޓް ވޯލްޑް ޗެމްޕިއަންޝިޕަށް އިންޑިއާ ޓީމު ފައިނަލަށް ގެންދިޔުމުގައިވެސް ކޯލީގެ ލީޑާޝިޕް ފާހަގަކޮށްލެވުނު އިރު، ފައިނަލްގައި އިންޑިއާ ބަލިވީ ނިއުޒީލެންޑް އަތުންނެވެ.

ކޯލީ އެންމެފަހުން އިންޑިއާގެ ޓެސްޓް ޓީމާއެކު ކުޅުނު މެޗަކީ ސައުތު އެފްރިކާއާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗެވެ. ހުކުރު ދުވަހު ކުޅުނު އެ މެޗުން އިންޑިއާ ބަލިވީ ހަތް ވިކެޓުންނެވެ.