ޗައިނާގައި ދިރިއުޅޭ ޓިބެޓް ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެގައުމުން ހިންގާ އަމަލުތައް އިތުރުވަމުންދާތީ އެމެރިކާއިން ކަންބޮޑުވެއްޖެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބައިނަލްއަގުވާމީ ދީނީ މިނިވަންކަމާބެހޭ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޓިބެޓް ދަރިކޮޅުގެ މީހުން އަޅުކަންކުރަން ގެންގުޅޭ ބުދުތަކާއި ދިދަތައް ނަގައި, ނައްތާލުން ފަދަ އަމަލުތައް ޗައިނާއިން ހިންގާތީ ކަންބޮޑުވާ ކަމަށެވެ.
އަދި ޓިބެޓް ދަރިކޮޅުގެ މީހުން ދީނީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކަށް އިހުތިރާމުކޮށް, އެ މިނިވަންކަން ދިނުމަށް ވަނީ ގޮވާލައިފައެވެ.
އެމެރިކާއިން ކަންބޮޑުވެ މިފަދަ ބަޔާނެއް ނެރެފައިވާ އިރު, ޓިބެޓް ދަރިކޮޅުގެ ކުޑަކުދިން ހާއްސަ ކޭމްޕުތަކަށް ފޮނުވައި, ޗައިނާއިން ގަބޫލުކުރާ ގަބޫލުކުރުންތައް ކިޔަވައިދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބައެއް ކުދިންނަށް އަސްކަރީ ތަމްރީނު ދީ, އަސްކަރިއްޔާއަށް ވެއްދުމަށް ތައްޔާރު ކުރަމުންދާ ކަމަށްވެއެވެ.
ޓިބެޓްގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުން, ޗައިނާގެ ކޮމިއުނިޓީ ޕާޓީން ދަނީ ޓިބެޓް ދަރިކޮޅުގެ މީހުން އުޅޭ ޓިބެޓް އޮޓޮނޮމަސް ސަރަހައްދުގެ އިންތަކަށްވެސް ބަދަލުތަކެއް ގެންނަމުންނެވެ.
ޗައިނާ އާއި އިންޑިއާގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޓިބެޓް, ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ 1950 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ޓިބެޓަކީ ޗައިނާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ވަނީ ކަނޑައަޅައިފައެވެ.
އެފަހުން ޓިބެޓްގައި ވެރިކަން ކުރަމުންދަނީ ކޮމިއުނިސްޓް ޕާޓީގެ އޮފިޝަލުންނެވެ. ނަމަވެސް އަމިއްލަ ވެރިކަމެއް ގާއިމުކުރުމަކީ ޓިބެޓްގެ ސަރަހައްދީ ސަރުކާރުން އަބަދުވެސް މަސައްކަތްކޮށް ވަކާލާތުކުރަމުންދާ ކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ