އޯޑިއޯން ބިމާއި ނާދީ ބިމުގައި ފްލެޓު އަޅަން ޓާޓާއަށް ދިނުމާބެހޭ އެއްބަސްވުމަށް ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ސޮއިކޮށްފައިވާ އިރު، އެ ދެބިމުގެ މިލްކުވެރި ފަރާތަކީ ދިވެހި ސަރުކާރު ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފްލެޓް އަޅައިގެން ވިއްކުމަށް އޯޑިއޯން ބިމާއި ނާދީ ބިން އިންޑިއާގެ ޓާޓާއަށް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 26 މެއި 2010 ގައެވެ. އެއީ ބަދަލުގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ޅ.ޅޮއްސަލަފުށި ދޭ ގޮތަށެވެ.
ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ ދެން އައި ރައީސް ޔާމީންގެ ސަރުކާރުން، އެ އެއްބަސްވުން ބާތިލުކުރިއެވެ.
އެ މައްސަލައިގައި ޑިވެލޮޕާ، އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް (ޓާޓާ) ގެ ފަރާތުން ހަތެއް ޖޫން 2017 ގައި އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅިއެެވެ. އެކަމާ ގުޅިގެން ސަރުކާރުން ބާތިލުކުރި އެއްބަސްވުމަށް އަމަލު ކުރުން ފަސް ކުރުމަށާއި، އޯޑިއޯން އާއި ނާދި ބިމުގައި އިމާރާތް ކުރުުމުގެ ހުއްދަ އެ ކުންފުންޏަށް ދިނުމަށް ޓްރައިބިއުނަލުން ސަރުކާރުގެ މައްޗަށް އަމުރުކުރިއެވެ.
މި މައްސަލައިގައި އެޕެކްސްއިން އާބިޓްރޭޝަންގައި އެދިފައި ވަނީ ސަރުކާރުން ދީފައިވާ ނޯޓިސްތަކަކީ ގާނޫނާ ހިލާފު ބާތިލު އެންގުންތަކެއް ކަަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށް އެންގުމަށެވެ. އަދި އެފަދަ އަމުރެއް ނުނެރެދެވޭނެމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިއަން ޑޮލަރާއި އާބިޓްރޭޝަނަށް ހިނގާ ހަރަދުތައް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
އެ މައްސަލައިގައި އެޕެކްސްއިން އެދިފައިވާގޮތަށް އަމުރު ނެރެދިނުމުގެ ފުރުސަތު ބޮޑުކަމަށްވާތީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ އެ މައްސަލަ އާބިޓްރޭޝަންގެ ބޭރުން ހައްލުކުރުން ކަމަށް ގާނޫނީ ވަކީލުން ލަފާދިނެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އެޕެކްސްއާ ދެމެދު މަޝްވަރާކޮށް ސެޓްލްމެންޓް އެގްރީމެންޓެއްގައި 20 ސެޕްޓެމްބަރު 2018 ގައި ސޮއިކުރިއެވެ.
އެގޮތުގެ މަތިން އޯޑިއޯން ބިމާއި ނާދީ ހުރި ބިމުގައި ފްލެޓު އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު، ކުރީގައި ހެދި އެއްބަސްވުމަށް ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ، އެ އެއްބަސްވުމުގެ ދަށުން ލަގްޒަރީ ވިލާ ތަރައްގީކުރުމަށް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވެފައިވާ ބިމަށް ނުވަ މިލިއަން ޑޮލަރު އެ ކުންފުނިން ސަރުކާރަށް ދައްްކަން ޖެހޭނެ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ ކުރީގެ އެއްބަސްވުމާ ހިލާފަށް މިފަހަރު، ބަދަލުގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ޅ.ޅޮއްސަލަފުށި ދިނުމުގެ ބަދަލުގައި އެރަށް ޓޫރިސްޓް ރިސޯޓަކަށް ބަދަލު ނުކޮށް ލަގްޒަރީ ވިލާ ތަރައްގީ ކުރުމަށް އެރަށުން ބިމެއް (މުޅި ރަށުގެ ބަދަލުގައި) އެ ކުންފުންޏަށް ދޫކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރާ 360،000 އަކަ ފޫޓޫގެ ބިމަށް އަކަ ފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމުލަ ނުވަ މިލިއަން ޑޮލަރު އެޕެކްސް ރިއަލިޓީން ސަރުކާރަށް ދެއްކުމަށް އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު