ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓު އަޅަން އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް (ޓާޓާ) އާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވައިލި މައްސަލައިގައި ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ބޭރުގެ ގާނޫނީ މާހިރުން ލަފާދީފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އޯޑިއޯން ބިމާއި ނާދީ ބިމުގައި ފްލެޓު އަޅަން ޓާޓާއަށް ދިނުމާ ބެހޭ އެއްބަސްވުމަށް ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ސޮއިކޮށްފައިވާކަން ހާމަކުރުމަށް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ ފިޔަވައްސަކަށް ބަހާލައިގެން މާލޭގައި 500 ފްލެޓުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކަރްގަވާލް އެސްޖީ 18 ޑިވެލޮޕާސް އާއެކު 26 މެއި 2010 ގައި ސޮއިކުރި ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުމަށް ގެނައި އިސްލާހަކާއެކު، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަރަބިއްޔާ ހުރި ބިމާއި، ގާކޮށި ބިމާއި، އޯޑިއޯން ބިން ފްލެޓް އެޅުމުގެ މަސައްކަތް އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ. އަދި އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަރްގަވާލްއާ ހަވާލު ކުރިި 150 ފްލެޓާއި 15 ލަގްޒަރީވިލާ ފައިނޭންސްކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް މޮރިޝަލްސް ޕްރައިވެޓް ލިިމިޓެޑާއެކު 19 މާޗް 2015 ގައި ސޮއި ކުރިއެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެޕެކްސްއާ ހަވާލުކުރި މަސަައްކަތްތަކުގެ ތެރެއިން މއ. ވޭސައީޑް އަދި ގާކޮށީގައި އިމާރާތްކުރަންޖެހޭ ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި 19 އޭޕްރީލް 2016 ގައި އޭރުގެ ހައުސިން މިިނިސްޓްރީއާ ހަވާލުކުރި ނަމަވެސް، އޯޑިއޯން އަދި ނާދީ ބިމުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ، 9 އޭޕްރީލް 2015 ގައި އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރުން، އެ ކުންފުންޏަށް ނޯޓިސް ފޮނުވުމަށްފަހުވެސް މަަސައްކަތް ކުރިއަށް ނުގެންދިއުމުން ނުވަ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު 17 އޭޕްރީލް 2017 ގައި އެއްބަސްވުން އުވައިލިއެވެ.

އެކަމާ ގުޅިގެން އެޕެކްސްއިން އެ އެ ނޯޓިސް ބާތިލުކުރުމަށް ހަތެއް ޖޫން 2017 ގައި އިންޑިއާގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިއެވެ. އެކަމާ ގުޅިގެން ސަރުކާރުން ބާތިލުކުރި އެއްބަސްވުމަށް އަމަލުކުރުން ފަސް ކުރުމަށާއި، އޯޑިއޯން އާއި ނާދި ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދިނުމަށް ޓްރައިބިއުނަލުން ސަރުކާރުގެ މައްޗަށް އަމުރު ކުރިއެވެ.

މި މައްސަލައިގައި އެޕެކްސްއިން އާބިޓްރޭޝަންގައި އެދިފައި ވަނީ ސަރުކާރުން ދީފައިވާ ނޯޓިސްތަކަކީ ގާނޫނާ ހިލާފު ބާތިލު އެންގުންތަކެއް ކަަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް އެންގުމަށެވެ. އަދި އެފަދަ އަމުރެއް ނުނެރެދެވޭނެމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިޔަން ޑޮލަރާއި އާބިޓްރޭޝަނަށް ހިނގާ ހަރަދުތައް ނަގައިދިނުމަށްވެސް އެދިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މައްސަލައިގައި އެޕެކްސްއިން އެދިފައިވާގޮތަށް އަމުރު ނެރެދިނުމުގެ ފުރުސަތު ބޮޑުކަމަށްވާތީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ އެ މައްސަލަ އާބިޓްރޭޝަންގެ ބޭރުން ހައްލު ކުރުން ކަމަށް ގާނޫނީ ވަކީލުން ލަފާދިނެވެ.

އެކަމާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރާއި އެޕެކްސްއާ ދެމެދު މަޝްވަރާކޮށް 20 ސެޕްޓެމްބަރު 2018 ގައި ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކުރި ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ކުރީގެ އެއްބަސްވުމަށް ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ސޮއިކުރުމާ ގުޅިގެން އެޕެކްސް އިން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން އެއްބަސްވެފައިވާ ކަމަށެވެ.