ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯޗަކް ޖޮކޮވިޗްގެ ވިސާ، އޮސްޓްރޭލިއާއިން އަނެއްކާވެސް ކެންސަލް ކޮށްފިއެވެ.
ވެކްސިން ނުޖަހާ އެގައުމަށް އެތެރެވުމުގެ މައްސަލައިގައި ޖޮކޮވިޗްގެ ވިސާ މީގެ ކުރިންވެސް ކެންސަލްކޮށް، ޖޮކިވިޗް ޑިޓެންޝަންގައިވެސް ބަހައްޓާފައިވެއެވެ. އެ މައްސަލަ ހޫނުވެ ޖޮކޮވިޗް ފަރާތުން މައްސަލަ އޮސްޓްރޭލިއާގެ ކޯޓަށް ހުށަހަޅައިގެން ކާމިޔާބުވެސް ހޯދިއެވެ. ކޯޓުން ޖޮކޮވިޗާ އެއްކޮޅަށް މައްސަލަ ނިންމުމުން އޭނާ އެގައުމަށް އެތެރެވި ނަމަވެސް، ވެކްސިނަށް އުޒުރުވެރިވާ ލިޔުން ހޯދުމަށް ޖޮކިވިޗް މަކަރު ހެދި ކަމަށް ބުނެ، އޮސްޓްރޭލިއާ އިމިގްރޭޝަނުން އަނެއްކާވެސް ވިސާ މައްސަލަ ބަލަން ފެށިއެވެ.
އެ މައްސަލަގަނޑު އޮއްވައި އިއްޔެ ޖޮކޮވިޗް ހިމެނޭހެން އޮސްޓްރޭލިއާ އޯޕަންގެ ގުރު ނެގި ނަމަވެސް، އޭނާއަށް ކުޅެވޭނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.
ވެކްސިން މައްސަލައިގައި ޖޮކޮވިޗްގެ ވިސާ ދެވަނަ ފަހަރަށް ކެންސަލް ކޮށްފައިވާ އިރު، އެ މައްސަލައިގައިވާ ގޮތުން ޖޮކޮވިޗް ޑީޕޯޓްކޮށް، ތިން އަހަރު ވަންދެން އެގައުމުގެ ވިސާ ނުދޭނެ ގޮތަށް ހެދުން ގާތެވެ. ނަމަވެސް އަދިވެސް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ޖޮކޮވިޗަށް އޮންނާނެއެވެ.
"އަހަރެންގެ ބާރުގެ ދަށުން ނޮވާކް ޖޮކޮވިޗްގެ ވިސާ ކެންސަލް ކުރީ ސިއްހީ ސަލާމަތުގެ އުސޫލުތަކަށް ބަލައިގެން. ވިސާ ކެންސަލް ކުރަން ޖެހުނީ އޮސްޓްރޭލިއާގެ ގާނޫނުތައް ތަންފީޒުކޮށް، ރައްޔިތުންގެ މަސްލަހަތަށްޓަކައި،" ޖޮކިވިޗްގެ ވިސާއާ ގުޅޭ ގޮތުން އިމިގްރޭޝަންސް މިނިސްޓަރު އެލެކްސް ހޯކް ވިދާޅުވިއެވެ.
އޮސްޓްރޭލިއާ ޕްރައިމް މިނިސްޓަރު ސްކޮޓް މޮރިސަން ވިދާޅުވީ އިމިގްރޭޝަންގެ ނިންމުން ނިންމާނީ ގިނަ ކަންތައްތަކަކަށް ބެލުމަށްފަހުގައި ކަމަށާއި އެކަމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ހާއްސަކޮށް އޮސްޓްރޭލިއާ ރައްޔިތުން ކޮވިޑުން ސަލާމަތްވުމަށް ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށާއި އެ ގުރުބާނީގެ އަގު ހިފެހެއްޓޭނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށްވެސް ސްކޮޓް މޮރިސަން ވިދާޅުވިއެވެ.
ޖޮކޮވިޗްގެ ވިސާ ކެންސަލް ކޮށްލުމާއެކު އިމިގްރޭޝަންސް އޮފިޝަލުންނާއެކު މިހާރު ހުރި އެކޮމޮޑޭޝަންގައި މަޑުކުރާނީ މިރެއާ ހަމައަށެވެ. ޑިޓެންޝަން ސެންޓަރަށް އަލުން ނުގެންގޮސް، ޖޮކޮވިޗް ދެން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.
ޖޮކިވިޗަކީ ނުވަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވާ އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު