ޚަބަރު

ދުންޔަވީ ކަންކަމުން ދުރުވެ, ހުކުރަށް ދިއުމަށް އަވަސްވެ ގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް: ހުތުބާ

ދުންޔަވީ މަސައްކަތުން ދުރުވެ, ހުކުރަށް ދިއުމަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ

"ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަންނާށެވެ!" މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ހުކުރު ދުވަހަކީ އެދުވަހެއްގައި ދުއާ އިޖާބަކުރައްވާ ހާއްސަ ވަގުތެއްވާ ދުވަހެއް ކަމަށާއި އެވަގުތަކީ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައި އައިސްފައިވާ ކަމަށެވެ.

ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖެއައުމަށް ދާންދެން އެވާ ވަގުތު ކަމުގައިވެސް ރިވާވެގެންވާ ކަމަށާއި އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހުވަގުތު ކަމުގައިވެސް އައިސްފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ. އަދި މާތް الله އިންސާނުންނަށް އެފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑިނޭޅި ތަކުރާރުކޮށް ދެއްވަވަނީ, އެ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ކަމަށާއި އެކަމުގެ ސަބަބުން ފާފަތައް ފުހެވި, ތިމާގެ ހެޔޮ އަމަލުތަކުގެ ފަތް ބުރަވެ, ދެދުނިޔޭގެ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ހުކުރު ދުވަހުގެ ހުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުކުރަށް ހާޒިރުވި މީހުން ލިޔުއްވުމަށް މާތް الله ހާއްސަކުރައްވާފައިވާ މަލާއިކަތުންގެ ފަށްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަވާނެ ކަމަށާއި މާތް الله ހުކުރު ނަމާދަށް ހާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބުގެ ވަރަށް ބޮޑު ބައެއް އެފަދަ މީހުންނަށް އުނިވެގެންދާނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މާތް الله ގެ ނިދާއަށް ކިޔަމަންތެރިވެ, ދުންޔަވީ މަސައްކަތުން ދުރުވެ, ހުކުރަށް ދިއުމަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް ކަމަށެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިންނާއި ހިދުމަތް ހޯދާފަރާތްތަކުން ހުކުރު ވަގުތަށް ބެލުމެއް ނެތި, އެބައިމީހުންގެ ވިޔަފާރިން މަންފާ ހޯދައި, ހިދުމަތް ލިބިގަތުމުގައި އުޅޭތަން ފެންނަ ކަމަށް ބުންޏެވެ.