ކުޅިވަރު

ކެމަރޫން ގަދަ 16 އަށް، ތަރިއަކީ ކެޕްޓަން އަބޫބަކާރު

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގަދަ 16 ޔަގީންކުރި ފުރަތަމަ ޓީމަކަށް މުބާރާތް ބާއްވާ ގައުމު ކެމަރޫން ވެއްޖެއެވެ.

ކެމަރޫންގެ ޔޯންޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު ގުރޫޕް ސްޓޭޖު މެޗުގައި ކެމަރޫނުން އިތިއޯޕިއާ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު މެޗާއެކު މިހާތަނަށް ދެ މެޗުން ހަ ޕޮއިންޓް ކެމަރޫނުން ހޯދައިފައިވާ އިރު، އެޓީމަށް ގަދަ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންވެސް ގަދަ 16 އަށް ދެވޭނެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ކެމަރޫނުން ކޭޕް ވާޑޭއާ ދެކޮޅަށް ޕޮއިންޓެއް ހޯދި ނަމަވެސް އެޓީމަށް ގުރޫޕް އޭގެ އެއްވަނަ ޔަގީންވާނެއެވެ.

ރޭގެ މެޗުގައިވެސް ކެމަރޫންގެ ތަރިއަކަށްވީ ފުރަތަމަ މެޗުގައި ބުރްކީނޯ ފާސޯ ކޮޅަށް ދެ ގޯލު ޖެހި އެޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާރެވެ. އޭގެ އިތުރުން ރޭގެ މެޗުގައި އެޓީމަށް ދެ ގޯލު ޖަހައިދިނީ ފްރާންސްގެ ކްލަބު ލިޔޯންއަށް ކުޅޭ ޓޯކޯ އެކާމްބީއެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ހޮޓޭސާ ޑާވާގެ ގޯލުން އިތިއޯޕިއާ ލީޑު ނެގިއެވެ. ހޯމް ސަޕޯޓަރުންނާއެކު މުޅި ސްޓޭޑިއަމްއަށް ހަމަހިމޭންކަން ވެރިގެން ދިޔައިރު، އެ ގޯލަށް ހަތަރު މިނެޓު ފަހުން ޓޯކޯ އޭކާމްބީގެ ފުރަތަމަ ގޯލާއެކު ކެމަރޫނުން ނަތީޖާ ހަމަހަމަ ކޮށް، ސަޕޯޓަރުން ހެއްވާލިއެވެ.

ކެމަރޫނުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި އަބޫބަކާރުގެ ދެ ގޯލު ފެނިގެން ދިޔައިރު، 67 ވަނަ މިނެޓުގައި ޓޯކޯ އެމާމްބީ ވަނީ މެޗުގެ ނަތީޖާ 4-1 އަކަށް ބަދަލު ކޮށްލައިފައެވެ.

ޖުމުލަ ހަތަރު ގޯލާއެކު އަބޫބަކާރަކީ މިވަގުތު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. މިހާތަނަށް އެފްކޮން މުބާރާތުގެ ތާރީހުގައި އަބޫބަކާރު ކުޅުނު 10 މެޗުން އޭނާ ފަސް ގޯލު ޖަހައިފައިވާ އިރު، އޭގެ ތެރެއިން އެންމެ ތާރީހީ ގޯލަކީ 2017 ވަނަ އަހަރު ކެމަރޫނުން މުބާރާތް ކާމިޔާބު ކުރި އިރު، އެ މުބާރާތުގެ ފައިނަލް މެޗުގައި ޖެހި ގޯލެވެ.

ރޭ ގުރޫޕް އޭގައި ކުޅުނު އަނެއް މެޗުގައި ބުރްކީނޯ ފާސޯއިން ވަނީ 1-0 އިން ކޭޕް ވާޑޭ ބަލިކޮށްފައެވެ.

އެފްކޮންގައި މިރޭ ހުރި މެޗުތައް

18:00 ސެނެގާލް - ގީނީ
21:00 މަލާވީ - ޒިންބާބުވޭ
00:00 މޮރޮކޯ - ކޮމޮރޮސް