ޚަބަރު

އެމްއެންޕީގެ ވެރިކަމެއްގައި ދިވެހިން ނިދާނީ އަރާމުގައި، ފިނި ކޮޓަރީގައި: ނާޒިމް

އަލީ ޔާމިން

2

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ދިވެހިން ނިދާނީ އަރާމުގައި ފިނި ކޮޓަރީގައި ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސްގެ މާލޭ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، އެމްއެންޕީން އަބަދުވެސް އެދެނީ ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ކަމަށާއި އެ ޕާޓީގެ މަގުސަދަކީވެސް ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

ނަމަވެސް ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮއްޓަށް އެމްއެންޕީން ކުރި ޒިޔާރަތުގައި ފެނުނީ ރައްޔިތުން ބިކަވެފައި ތިބި މަންޒަރު ކަމަށާއި އެރަށްރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ މި ޕާޓީގެ ޒައާމަތުގައި އިރާދަކުރެއްވިއްޔާ ދިވެހިން ނިދާނީ ފިނި ކޮޓަރީގައި. ދިވެހިންނަކީ އަރާމުގައި ގޭގައި ނިދާލެވެންޖެހޭ ބައެއް" ދިވެހިންނަށް ލިބެނީ ހައްގު މިންވަރު ނޫންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް އެމްއެންޕީއަށް ވުރެ ބޮޑަށް ދަންނާނެ އެހެން ޕާޓީއެއް ނެތް ކަމަށާއި އެމްއެންޕީއަށް ވުރެ ވަރުގަދައަށް ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ކުރެވޭނެ އެހެން ޕާޓީއެއްވެސް ނެތް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަށް ކަންތައްތަކެއް ކޮށްދޭން ޖެހޭނީ އިންތިހާބަކާ ދިމާކޮށް ނޫން ކަމަށާއި އެއީ މާކުރިންވެސް އެރަށްރަށުގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ.