ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނުކުރަން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާއެކު މަޝްވަރާކޮށްފިއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުހުތާރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދާއެކު މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި ނައިބު ރައީސް ހުސައިން ސަގީފާއި މެންބަރު އަލީ ހުސެއިނާއި މެންބަރު އިބްރާހިމް ފައުޒީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރު ވަނީ ބައިވެރިވެޑައިގެންފައެވެ.

އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ، "ވަން"އަށް މިއަދު ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި، ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށާއި ޕާކިސްތާންގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށާއި އޮންލައިންކޮށް ނޫސްވެރިންނަށް ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޝަހުބާން ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ޕްރެސް ކައުންސިލާއެކުގައި އެމްއެމްސީން އެއްބަސްވުމެއްގައި ސޮއިކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންވާނެ ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމުތައްވެސް ނޫސްވެރިންނަށް ހޯދައިދިނުމަށް މަޝްވަރާކޮށްފައި. އަދި ކުދި މީޑިއާތަކަށް ފަންޑިން ހޯދުމަށްވެސް މަޝްވަރާކުރެވުނު. އެކަމަށްވެސް އެހީތެރިކަން ފޯރުކޮށްދެއްްވާނެ ކަމަށް ވިދާޅުވި،" ޝަހުބާން ވިދާޅުވިއެވެ.

ޝަހުބާން އިތުރަށް ވިދާޅުވީ، އެމްއެމްސީން އެދުނު ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ހައި ކޮމިޝަނުން ދީފައިވާ ކަމަށެވެ.

އެމްއެމްސީން މީގެ ކުރިން ވަނީ ދިވެހި ނޫސްވެރިން އިންޑިއާއަށް ފޮނުވައިގެން ތަމްރީނުކުރުމަށް އިންޑިއާ އެމްބަސީއާއެކުވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ޝަހުބާން ވިދާޅުވީ، ދިވެހި ނޫސްވެރިން އެންމެ ބޮޑަށް ތަމްރީންކުރަން ޖެހޭ ދާއިރާތައް އަންގައިދިނުމަށް އިންޑިއާ އެމްބަސީން މިހާރު އެދިފައިވާ ކަމަށާއި އެ ދާއިރާތައް ބަޔާންކޮށް އެމްބަސީއަށް އެމްއެމްސީން މި ހަފުތާގެ ތެރޭގައި ކަރުދާހެއް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރުގެ މޭ، ޖޫންގެ ތެރޭގައި ދިވެހި ނޫސްވެރިންތަކެއް އިންޑިއާއަށް ފޮނުވުން ފީލްޑް ޓްރިޕްތަކެއްގެ ގޮތުގައި،" ޝަހުބާން ވިދާޅުވިއެވެ.

އެމްއެމްސީން ވަނީ މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީން ކުރުމަށް ނިންމައިފައެވެ. އެގޮތުން ޝަރުއީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ނޫސްވެރިން ތަމްރީންކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެމްސީން ބުންޏެވެ.