ރާއްޖޭގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ޑޮލަރުގެ ވަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިމަހުގެ 11 ވަނަ ދުވަހު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ކަމަށްވެސް ވިދާޅުވިއެވެ.
އުމުރުން 28 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައި ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކައިގެން ލިބުނު ފައިސާ ޖަމާކުރުމަށް އޭޓީއެމްގައި ހުއްޓައެވެ. އަދި އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުހޯދައި ކުރި ކަމުގެ ކުށުގެ ތުހުމަތެވެ.
މަނިކު މިއާގެ ބަންދުގެ މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ އޭނާއަކީ 2020 ވަނަ އަހަރުގެ ފަހުން އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެެއް ކަމަށެވެ. އަދި އެ މައްސަލަ މީގެ ކުރިން ފުލުހުންނަށް ހުށަހަޅަައި މަނިކު މިއާ ރާއްޖެއިން ފޮނުވާލުމަށް ސްޕޮންސަރު އެދިފައިވާ ކަމަށްވެސް ބުންޏެވެ.