ޚަބަރު

ޝަރީއަތް ލައިވް ކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް ލައިވްކޮށްދިނުމަށް އެމަނިކުފާނު ޝަރީއަތުގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ މަނީލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލައިގެ އިބުތިދާއީ ދެވަނަ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު މި މައްސަލައިގެ ޝަރީއަތްތައް ލައިވް ކޮށްދިނުމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ޝަރީއަތް ލައިވް ކުރެއްވުމަށް ހުށަހަޅުއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ޝަރީއަތްތައް ކުރިއަށްގެންދަން ޖެހޭނީ އިންސާފުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ޝަރީއަތް ލައިވްކުރުން އޭގެ ތެރޭގައި ހިމެނޭކަން ފާހަގަކުރައްވައި، ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ކުރީގެ ޝަރީއަތްތައް ލައިވްކުރި ގޮތަށް މި ޝަރީއަތްވެސް ލައިވްކޮށްދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ މިފަދަ ޝަރީއަތްތައް ލައިވް ކޮށްދިނުމަށް ކުރިވެސް އެދިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރުމަށް އިއުތިރާޒު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ކަމާބެހޭ ގޮތުން ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމާމެދު ނިންމަވާ ގޮތެއް މިމަހު 20 ވަނަ ދުވަހުގެ ކުރިން މައްސަލައާ ގުޅޭ ދެފަރާތަށް އަންގަވާނެ ކަމަށެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވާއިރު، މި މައްސަލައިގައި ރައީސް ޔާމީނަށް ރިޝްވަތު ދިނުމުގެ ދައުވާ، ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ވ. ފުލިދޫ ހަނދުވަރީގެ ޔޫސުފް ނައީމުގެ މައްޗަށް ވަނީ ކޮށްފައެވެ.

މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ކުރިއަށް ގެންދަނީ އެކުއެކީގައެވެ. އެހެންކަމުން މި ޝަރީއަތް ލައިވްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ނަމަވެސް ޔޫސުފް ނައީމު ވަނީ އެކަމަށް ދެކޮޅު ހައްދަވައިފައެވެ.

ޔޫސުފް ނައީމުގެ ވަކީލު ވިދާޅުވީ، ޝަރީއަތް ލައިވްކުރުމަށް އިއުތިރާޒް ކުރައްވާ ކަމަށެވެ. އަދި އެގޮތަށް ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދާ ނަމަ ޔޫސުފު ނައީމްގެ ބައި ވަކިން ކުރިއަށް ގެންދަން އެދޭ ކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައިވެސް އޮތީ މައްސަލައާބެހޭ ލިޔެކިޔުންތައް ދައުވާ ލިބޭ ދެ ފަރާތައް ލިބުނުތޯ އޮޅުންފިލުވުމެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުންނާއި ޔޫސުފް ނައީމުގެ ފަރާތުން ބުނެފައި ވަނީ ދައުވާއާގުޅޭ ބައެއް ލިޔެކިއުންތައް އަދިވެސް ލިބިފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދެފަރާތަށް މަދުވާ ލިޔެކިއުންތައް ހަމަކޮށް މިމަހު 20 ކޯޓާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި ދައުވާއަށް ޖަވާބުދާރީވުމަށް މިމަހު 27 ގައި އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެއަށްފަހު އަންނަ ފެބްރުއަރީ މަހުގެ 10ގައި މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.