ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި ށ. ކޮމަންޑޫ ދާއިރާ ތަރައްގީކޮށްދިނުމަށް އެދި އާދޭސް ކުރުމުން ވެސް ތަރައްގީކޮށް ނުދެއްވި ކަމަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
ރާޝިދު އެގޮތަށް ވިދާޅުވީ، އަންނަ މަހު ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެމްޕޭނަށް ގިނަ އަދަދެެއްގެ މަޖިލިސް މެމްބަރުންނާއި ބައެއް މިނިސްޓަރުން ބައިވެރިވި އޭނާގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރާޝިދު ވިދާޅުވީ، ކޮމަންޑޫގައި ބަނދަރު ނުހަދައި ވެރިކަންކުރާ މާލޭގައި ކޮތަރުކޮށިތަކެއް އެޅިޔަސް ރަށުގެ ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ދާއިރާ ތަރައްގީކޮށްދިނުމަށް އެދުމުން ޒައްރެއްގެ މިންވަރު ވެސް ރައީސް ޔާމީނު ތަރައްގީ ކޮށްދީފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފެނާއި ނަރުދާމާގެ އިންޖީނުގެ އާއި ސްކޫލުގެ މިއޮތް ހުރިހާ ދުވަހަކު، ހާއްސަކޮށް ޔާމީނުގެ ފަސް އަހަރު ރޮއެ ހޭރި އާދޭސް ކުރުމުން ވެސް އެއިން އެއްވެސްކަމެއް ޒައްރެއްގެ މިންވަރުވެސް އަޅުގަނޑުމެންނަށް ތަރައްގީގެ ގޮތުން ނުދޭ، އެފަދަ ވެރިއަކަށް ނޫނެކޭ ބުނަން ޖެހޭ،" ރާޝިދު ވިދާޅުވިއެވެ.
ޖަލްސާގައި ރާޝިދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ކޮމަންޑޫ ދާއިރާ ތަރައްގީކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން މަރުހޫމް ހުސައިން ވަހީދު ދާއިރާއަށް ވައުދެވެ ވަޑައިގެންނެވި ހުރިހާ ކަމެއް ދެ އަހަރު ތެރޭގައި ރަނުންރަނަށް އަދި އަކުރުން އަކުރަށް ފުއްދައިދޭނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ތިބެންވާނީ ތަރައްގީއާއެކު،" ރާޝިދު ވިދާޅުވިއެވެ.
ރާޝިދުގެ ކެމްޕޭން ޖަލްސާއަށް ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، 2013 ވަނަ އަހަރު ވެސް ކޮމަންޑޫއަށް ދަތުރުކުރެއްވި ކަމަށާއި، އޭރު ކޮމަންޑޫގެ ބަނދަރު އޮތް ގޮތް ހަނދަން އެބަހުރި ކަމަށެވެ. އެއަށްފަހު ވިދާޅުވީ 2018 ވަނަ އަހަރު ވެސް ބަނދަރު އޮތީ ހަމަ އެ ހާލަތުގައި ކަމަށާއި ރަށުގެ ރައްޔިތުން ބަނދަރު ތަރައްގީކޮށްދޭން އެދުމުން ވެސް ރައީސް ޔާމީން އެކަން ކޮށްނުދެއްވި ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓު މޫސާ ފަތުހީއަކީ ރައީސް ޔާމީނުގެ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހެއް ކަމަށާއި އެކަމަކުވެސް ރަށް ތަރައްގީވެފައިނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ޖަޒީރާ ރާއްޖޭގެ ނަމުގައި 2018 ގައި ކެމްޕޭނުކޮށް އިންތިހާބު ކާމިޔާބުކުރުމަށްފަހު ކޮމަންޑޫ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރު އެމީހުން އަތުގައި (ޕީޕީއެމް) އޮވެގެން ތިއިން ބޭފުޅަކަށް ކޮށްދިނީ ކޮންކަމެއް،" މާރިޔާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މަރުހޫމް ހުސެއިން ވަހީދަކީ އެމްޑީޕީގެ އެޖެންޑާ 19 ހިފައިގެން ނުކުންނެވި އެންމެ ކުޅަދާނެ އެއް ފަހުލަވާނު ކަމަށާއި ކޮމަންޑޫ ނުވަތަ ކޮމަންޑޫ ދާއިރާއަށް ބަލައިލިޔަސް ރައްޔިތުންގެ ހައްގުގައި ހުސެއިން ވަހީދު މަސައްކަތް ކުރެއްވިކަމުގެ މަންޒަރު ފެންނަން އެބަހުރި ކަމަށެވެ. އަދި އެމްޑީޕީގެ ރީނދޫ ލަޝްކަރު މި ނުކުންނަނީ ރާޝިދު ހޮވަން ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްބުރުން މީތި ނިންމާލާނީ އަނެއްކާވެސް ހިބަރު ނަގައި ތައްޓުމައްޗަށް ވައްޓާލައިފަ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ މި ސަރުކާރުން ކޮމަންޑޫގައި ފަށާފައިވާ ތަރައްގީ މަޝްރޫއުތަކުގެ ވަކިވަކި ތަފްސީލު ވެސް ޖަލްސާގައި ވާހަކަދައްކަވަމުން ދެއްވައިފައެވެ. އަދި ވަނީ ކޮމަންޑުއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވައިލަން ނިންމި ނިންމުން ވެސް ފާހަގަކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު، މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ކެންޑިޑޭޓުން ވެސް އަންނަނީ ވާދަވެރި ކެމްޕެއިނެއް ކުރަމުންނެވެ. މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރާޝިދު ވާދަކުރާ އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަބްދުލް ހަންނާނު އިދުރީސްއެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ މޫސާ ފަތުހީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު