ޚަބަރު

ނިހާނަށް ކުރާ ހަ ދައުވާގެ އަޑުއެހުމެއް މާދަމާ

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުލަތުން ކުރާ ހަ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ނިހާނުގެ މައްޗަށް ދައުލަތުން ކުރާ ހަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ. އެ މައްސަލަތަކުގެ އަޑުއެހުން މާދަމާ ކުރިމިނަލް ކޯޓުގައި އޮންނާނީ ހެނދުނު 9:00 ގައެވެ.

ދައުލަތުން ނިހާނުގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ނިހާނުގެ ދިފާއި ވަކީލު ހުސްނީ މުބާރިކް ވިދާޅުވެފައިވަނީ، ދައުލަތުން ހެކި ހާމަކުރުމުގެ ކުރީން ދިފާއުގެ ފަރާތުން ހުށަހަޅާފައިވާ ފޯމުތަކައް ދައުލަތުން ޖަވާބު ދޭން ޖެހޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކޯޓަށް ހާޒިރުވެ ތިބެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހުސްނީ މުބާރިކު އެދުނެވެ. އޭނާ އެގޮތަށް އެދުނީ ޕީޖީގެ ވަކީލުން ކެމެރާއަށް ނާރާނެހެން ފަރުދާގެ ފުރަގަހުގައި ހުންނަ ވަކީލެއްގެ އިރުޝާދު ހޯދާކަމަށް ތުހުމަތުކުރުމަށްފަހުއެވެ. އެ ތުހުމަތާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ ފަރުދާގެ ފުރަގަހުގައި ވަކީލަކު ނެތް ކަމަށެވެ.

ހުސްނީ މުބާރިކް އިތުރަށް ވިދާޅުވެފައިވަނީ ފެބްރުއަރީ މަހު ޕީޖީ އޮފީހަށް ނިހާނު ފޮނުވި ފޯމުތަކުގެ ޖަވާބު ނުލިބޭ ކަމަށެވެ. އެ ފޯމުތަކުގައި ނިހާނުގެ ފަރާތުން އެދިފައިވަނީ، މައްސަލައާ ގުޅުން ހުރި ކޮރަޕްޝަނުގެ ދައުވާ ލިބޭ އެއްވެސް މީހަކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރިތޯ އާއި ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ސައިމަން އެކްސްޓިން އާ ބެހޭ މައުލޫމާތު ދިނުމަށެވެ. ދިފާއުން ތުހުމަތުކުރާ ގޮތުގައި ސައިމަން އެކްސްޓިންއަކީ ހިޔާލީ މީހެކެވެ. މީގެ އިތުރުން ދިފާއުން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ނިހާނުއާ ދެކޮޅަށް ދިން ބަޔާން ވެސް ހޯދަން އެދިފައެވެ.

އަދީބުގެ ބަޔާން ނުލިބުމުގެ ސަބަބުން ދިފާއަށް ހެކި ބިނާކުރަން ނޭނގޭނެ ކަމަށް ވެސް އެ އަޑުއެހުމުގައި ހުސްނީ މުބާރިކު ވަނީ ވިދާޅުވެފައެވެ. އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ވަރަށް ގިނަ އިދާރާތަކަށް އެކި މީހުންނާ ދެކޮޅަށް ބަޔާންދީފައިވާނެ ކަމަށެވެ. އެހެންކަމުން އެ ބަޔާން ހޯދައި، ދިފާއުން އެދިފައިވާ އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ދައުލަތުން އެގޮތަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދިފާއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ދިހަ ދުވަހުގެ މުއްދަތެއް ދީފައެވެ.

މީގެ އިތުރުން ދިފާއަށް އެ ލިޔެކިޔުންތައް ދިރާސާކޮށް ހެކި ތައްޔާރުކުރަން ވެސް ގާޒީ އަލީ އާދަމް ވަނީ ދިހަ ދުވަހުގެ ފުރުސަތެއް ދީފައެވެ. ދިފާއަށް ދީފައިވާ ދިހަ ދުވަހުގެ މުއްދަތުގެ ގުނަން ފަށާނީ ދައުލަތަށް ދިން މުއްދަތު ހަމަވާ ދުވަހުން ފެށިގެންނެވެ. އެ ޝަރީއަތް ނިންމާލީ 20 ދުވަސް ފަހުން ހެކި ހާމަކުރުމުގެ ބައި ކުރިއަށް ގެންދާނެ ކަމަށް ކަނޑައަޅައިފައެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަަތް ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ވެސް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާ ކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕީޖީން ބުނެފައި ވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.