ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްސަލަ ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.
އާރަށު މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ، މައްސަލައިގެ ބައެއް ލިޔެކިޔުންތައް ލިބިފައިވަނީ އަޑުއެހުން އޮތް ދުވަހު ކަމަށްވުމާއެކު، ލިޔެކިޔުންތައް ހަމަތޯ ބަލައި ދިރާސާކޮށްލުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ޑރ. ޖަމީލު އެގޮތަށް އެދުމުން ގާޒީ ޝަކީލު ވިދާޅުވެފައިވަނީ މިމަހު 13 ވަނަ ދުވަހު ހެނދުނު 9:30ގައި އިތުރު އަޑުއެހުމެއް ބާއްވައި ލިޔުންތައް ލިބިފައިވޭތޯ ކަށަވަރުކުރުމަށްފަހު މިމަހު 27 ވަނަ ދުވަހުގެ 9:30 ގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި، ލޯންޑާ ކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު