ބަންގްލަދޭޝްގައި ޗައިނާގެ ބައެއް ކުންފުނިތަކުން ފޭކު ލިޔުންތައް ތައްޔާރުކޮށް، ސަޕްލައިކުރާ މައްސަލައެއް ބޮޑުވެއްޖެއެވެ.
ޗިޓަގޮންގް ކަސްޓަމް ހައުސް ޕޯޓް ކޮންޓްރޯލް ޔުނިޓް (ޕީސީޔޫ)އާ ހަވާލާދީ ބަންގްލަދޭޝްގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޗައިނާގެ ޝިންޒެންގެ ޑިޖިޓް އެންޓި ފޭކް ކޮމްޕެނީ ލިމިޓެޑް (ޑީއޭއެފްސީ) ނަމަކަށް ކިޔާ ކުންފުންޏަކުން ދަނީ ޗިޓަގޮންގްގައި ހުންނަ އަރަފާތް އެންޓަޕްރައިސް ނަމަކަށް ކިޔާ ކުންފުންޏަކަށް ބިޑި ހަދާ ފޭކު ކަރުދާހާއި ސްޓޭމްޕު ސަޕްލައި ކުރަމުންނެވެ.
އެކަން ދޮގުކޮށް އެތަކެއްޗަކީ އާޓް ހެދުމަށް ބޭނުންކުރާ ތަކެތި ނުވަތަ އޭ4 ކަރުދާސް ކަމަށް ޗައިނާ ކުންފުނިން ބުނި ނަމަވެސް، ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ވަނީ އެތަކެތި ސަޕްލައި ކުރަމުންދަނީ ޓެކްސްއަށް މަކަރު ހަދައިގެން ކަމަށް ބުނަމުންނެވެ. އެގޮތުން އެތަކެއްޗަށް 250 ކްރޯ ޓާކާ ދައްކަންޖެހޭނެ ކަމަށް ބުނެއެވެ.
ބަންގްލަދޭޝްގައި ސްޓޭމްޕާއި ބިޑި ހަދާ ކަރުދާސް ވިއްކުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ދަ ނެޝަނަލް ބޯޑް އޮފް ރެވެނިއު (އެންބީއާރު) އަށެވެ. އަދި އެތަކެތި އެހެން ތަނަކުން ގަތުންވެސް މަނާވާނެއެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ވަގު ޕާސްޕޯޓާއި ވަގު ވޯޓު ކަރުދާހާއި އައިޑެންޓިޓީ ކާޑާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ ތުހުމަތުވެސް ޗައިނާގެ ކުންފުންޏަށް ކުރެއެވެ. އަދި ބަންގްލަދޭޝްގެ ބައެއް އެހެން ކުންފުނިތަކުންވެސް ޗައިނާގެ ކުންފުނި މެދުވެރިކޮށް އެއްޗެހި ގަންނަ ކަމަށްވެއެވެ.
ޗައިނާގެ ކުންފުންޏަކަށް މިފަދަ ތުހުމަތެއް އަމާޒުވެފައިވާ އިރު، ދަ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނުން ލަފާކުރާ ގޮތުގައި، ދުނިޔޭގައި ދައުރުވާ ފޭކު ނުވަތަ ވަގު ޝިޕްމަންޓްތަކުގެ 65 ޕަސެންޓް އަންނަނީ ޗައިނާއިންނެވެ. އަދި ފޭކު އެއްޗެހި އުފެއްދުމުގައި ޗައިނާގެ ކުންފުނިތަކަކީ މަޝްހޫރު ބައެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ