އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ހައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި އާ އިމާރާތެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން މާލޭ ސިޓީކައުންސިލުން އެދާރާގެ ރައްޔިތުންނާ ބައްދަލުކުރަން މިއަދު ނިންމައިފިއެވެ.
އެ މައްސަލަ ކައުންސިލުގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރެވެ.
މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ބާ ޖަމާލުއްދީން ހުރި ތަނުގައި އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ސަރުކާރުން ނިންމި އިރު، އެއީ މާލޭ ސިޓީ ކައުންސިލުގެ ބިމެއް ކަމަށެވެ. އަދި ކައުންލިސްގެ އިހުތިސާސްގައިވާ ބިންތަކުގެ ބޭނުން ކުރަންވާނީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކަމަށް ގާނޫނު ބުނާ އިރު، ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ޕާކެއް އަޅަން އެ ދާއިރާގެ ރައްޔިތުން އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެބިމުގައި އަރަބިއްޔާ ސްކޫލް އިމާރާތް ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ގަރާރެއް ފާސްކުރަން އޭނާ ހުށަހެޅުއްވިއެވެ.
ނަމަވެސް މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މާލޭ ސިޓީ ކައުންސިލުން އެ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދި ފަހުން ކަމަށެވެ.
އެހެނެކަމުން ރައީސްގެ ނިންމެވުމާ ގުޅިގެން އެ ދާއިރާގެ ރައްޔިތުންގެ ހިޔާލު އަލުން ހޯދަންޖެހޭނެ ކަމަށާއި އެ ދާއިރާގެ ރައްޔިތުން އެގޮތަށް އެދޭ ނަމަ ސިޓީ ކައުންސިލުން ރައީސްގެ ނިންމުމާ އެއްގޮތަށް ކަންތައް ކުރުން ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ (ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާގެ އާ އިމާރާތް ހެދުން) ކުއްލިއަކަށް ސަރުކާރުން ނިންމި ކަމެއް، އެހެންކަމުން މި ބަދަލު އައުމާއެކީ ރައްޔިތުންނާ ބައްދަލުކުރަންޖެހޭ، ރައްޔިތުން ބޭނުންވާ ގޮތަކީ ކޮބައިތޯ ބަލަން އަވަސް ކަމެއްގެ ގޮތުގައި، އެތަނުގައި އަރަބިއްޔާ ހުރުމަށް ރައްޔިތުން ނިންމައިފި ނަމަ އެގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމަންޖެހޭ، ނޫނިއްޔާ އެހެން ބިމެއް ރައްޔިތުން އެކަމަށް ހުހަޅައިފި ނަމަ އެކަން ސިޓީ ކައުންސިލުން ސަރުކާރަށް ހުށަހަޅަންޖެހޭ،" ސުޖާއު ވިދާޅުވިއެވެ.
އޭނާގެ ހުށަހެޅުމަށް އެހެން މެންބަރުން ތާއީދުކޮށް، އެ މައްސަލައިގައި އެ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދަން ރައްޔިތުންނާ ބައްދަލުކުރަން ކައުންސިލުން ފާސްކުރިއެވެ.
އެގޮތަށް ފާސްކުރުމާ ގުޅިގެން އަންނަ ހަފުތާގެ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ރެއަށް އެ ބައްދަލުވުން އިންތިޒާމު ކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް އެންގެވިއެވެ.