ޚަބަރު

ރަށުން ބޭރު މީހުންނަށް ތިނަދޫން ގޯތި ދެނީ

ރިފާ ހަލީލު

ގދ. ތިނަދޫން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރު ފަރާތްތަކުގެ މައުލޫމާތު ހޯދަން ތިނަދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެރަށަކީ ހަލުވިމިނެއްގައި އާބާދީ އިތުރުވަމުން އަންނަ ރަށެއް ކަމަށާއި އެހެންކަމުން ތަރައްގީގެ އާ އުސްމިންތަކަކަށް ވާސިލުވުމަށް ކައުންސިލުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި އެހެން ރަށްރަށުގެ ރައްޔިތުންވެސް ހިމަނައިގެން ސަރަހައްދީ ތަރައްގީގެ ތެރެއިން އެންމެންނަށް ލާބަ ހުރި ގޮތްތައް ހޯދައި އެމަގުން މަސައްކަތްކުރުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިންގާ އެކިއެކި ހަރަކާތްތަކާއެކު ތިނަދޫން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރުގެ ފަރާތްތަކަށް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކުރުމަށް އެ ކައުންސިލުން ގަސްތުކުރާ ކަމަށް އިއުލާނުގައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނީ، ގޯތި ބޭނުންވާ، ރަށުން ބޭރުގެ ފަރާތްތަކުން ގޫގުލް ފޯމު މެދުވެރިކޮށް އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިނަދޫގެ އުތުރު ފަރާތުން ބޮޑު ބިމެއް ވަނީ ހިއްކައިފައެވެ. އެ ބިމުން މިހާތަނަށް އެއްވެސް ބަޔަކަށް ގޯތި ދޫކޮށްފައިނުވާ އިރު، އެރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރާނެ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.