ޚަބަރު

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ނިންމާ ނިންމުންތައް އެކި ގޮތް ގޮތަށް ބަދަލުކުރާތީ އިތުބާރު ގެއްލޭ: ޑރ. ފައިސަލް

އަލީ ޔާމިން

ކޮވިޑާ ގުޅިގެން ނިންމާ ނިންމުންތައް އެކި ގޮތް ގޮތަށް ނިންމުމުން މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ، ރާއްޖޭގައި މިހާރު ފެތުރެމުންދަނީ "އޮމިކްްރޯން" ވޭރިއަންޓު ކަމަށާއި އެ ވޭރިއަންޓުގެ ނުރައްކަލުން ސަލާމަތްވެވޭނީ އެންމެން ގުޅިގެން، ފިޔަވަޅުތަކަށް ބޯލަނބައިގެން ކަމަށެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ޕަބްލިކް ހެލްތުން ނިންމައި ނިންމުންތައް އެއްގޮތަކަށް ނިންމަންޖެހޭ ކަމަށާއި ނޫން ނަމަ ރައްޔިތުންނަށް އޮޅުންއަރާގޮތްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރޭގަނޑު ނިންމާ ނިންމުމެއް ހެނދުނު އެއާ ދިމާ އިދިކޮޅަށް ނިންމީމަ އާންމު ރައްޔިތުންނަށްވެސް ވާނެ ގޮތަކީ ވަރަށް ބޮޑަށް އޮޅުންބޮޅުންވޭ، އެ މުއައްސަސާތަކަށް ކުރާ އިތުބާރުވެސް ގެއްލިގެންދޭ ހަގީގަތުގައި،" ޑރ. ފައިސަލް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާ އެކު، މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ އިރު، ނެގެޓިވް ނަތީޖާއެއް އޮތުން ވަނީ ލާޒިމުކޮށްފައެވެ.

އެ ނިންމުމާ އެކު ސާމްޕަލް ސެންޓަރުތަކަށް ބާރުބޮޑުވެ، އެތައް ބަޔަކު ސާމްޕަލް ނަގަން ކިއުގައި ޖެހުނެވެ. އެކަމުގެ ނުރުހުން އަމާޒުވުމުން، އެޗްޕީއޭއިން ފަހުން ވަނީ ނެގެޓިވް ޕީސީއާރަކާ ނުލައި މާދަމާގެ ނިޔަލަށް ދަތުރުކުރެވޭނެ ގޮތަށް އެ އުސޫލު ބަދަލުކޮށްފައެވެ.