ރިޕޯޓް

މިލިއަން ޑޮލަރުގެ ޕީސީއާރް "ވިޔަފާރި"

2

މާލެއިން ފުރާމީހުން ޕީސީއާރު ހަދަން މަޖުބޫރުކަމަށް މިދިޔަ އާދީއްތަ ދުވަހު އެޗްޕީއޭއިން ނިންމި ނިންމުން ވެގެންދިޔައީ ސްކޫލް ޗުއްޓީގައި މާލެ އައިސް ރަށަށް ދާން ތައްޔާރުވެގެން ތިބި އެތައް ބަޔަކަށް ޖެހުނު ބޮޑު ތުރާލަކަށެވެ. އެޗްޕީއޭގެ ކުއްލި ނިންމުމާއެކު އާއްމުންގެ ލޭ ކެކިގަތީ ހޫނު ތެޔޮ އެއްޗަކަށް ފެން އަޅައިލުމުން ކެކިގަންނަ ފަދައިންނެވެ. ސޯޝަލްމީޑިއާތަކުގައި އެތިވަރުގޮވަމުން ކިޔަމުންދިޔައީ މިއީ ވަކިބަޔަކަށް މަންފާ ވާ ގޮތަށް ކުރާ ވިޔަފާރިއެއް ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ޕީސީއާރު ހަދާ ލެބޯޓަރީއެއްގެ އޮފިޝަލަކު ވަން އަށް މައުލޫމާތު ދެމުން ބުނީ އެލެބޯޓަރީން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،500 އަށްވުރެ ގިނަ ސާމްޕަލް ނަގާކަމަށެވެ.

މީގެތެރެއިން ގިނައީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައި ގައުމަށް އެނބުރިދާ ފަތުރުވެރިންގެ ސާމްޕަލްތަކެވެ. ޓޫރިސްޓުންގެ ސާމްޕަލް އެކަނިވެސް 2،200 އަށް އަރައެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ޕީސީއާރު ހިދުމަތްދެމުން އަންނަ ލެބޯޓަރީ ތަކުގެ ތެރޭގައި ހިމެނޭ މި ލެބޯޓަރީން އާއްމުކޮށް ރިސޯޓުތަކަށް ޕީސީއާރެއް ހަދައިދޭ އެންމެ ދަށް އަގަކީ 30 ޑޮލަރެވެ.

ދުވާލަކަށް 2،200 ސާމްޕަލް 30 ޑޮލަރުގެ ރޭޓުން ބެއްޔަސް 66،000 ޑޮލަރު ޖެހެއެވެ. ދުވާލަކަށް އެއީ 1,017,720 ރުފިޔާއެވެ. މަހެއްގެ މައްޗަށް 30.5 މިލިއަން ރުފިޔާއެވެ. މިއީ ރާއްޖެތެރެއަށް ދަތުރުކުރަން ސާމްޕަލް ނަގާ ފަރާތްތަކާއި، ރާއްޖެއިން ބޭރަށް ފުރާ ދިވެހިން އަދި ވޯކް ވިސާ ހޯލްޑަރުންގެ އަދަދު ނުލައިވެސް މިދެންނެވި ލެބޯޓަރީއަށް ދުވާލަކަށް ލިބޭނެ އާމްދަނީއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރީން ޒިޔާރަތް ކުރިއިރު އެއީ 1.3 މިލިއަން ޕީސީއާރެވެ. ޕީސީއާރެއް 30 ޑޮލަރުން ހެދިކަމުގައިވިޔަސް، އަގު 39 މިލިއަން ޑޮލަރަށް އަރާނެއެވެ. އެއީ 601 މިލިއަން ރުފިޔާއެވެ.

ހެލްތު މިނިސްޓްރީން "އާރް.ޓީ-ޕީސީއާރް" ހަދަން ހުއްދަދީފައިވަނީ އަމިއްލަ ހަތް ލެބޯޓަރީއަކަށެވެ. އެ ހަތް ލެބޯޓަރީއަށް އެއްވަރަކަށް ބަހާލިޔަސް އަހަރެއްގެ މައްޗަށް މިލިއަނުން އާމްދަނީ ލިބޭނެ އެވެ. ޓެސްޓަކަށް 30 ޑޮލަރަށްވުރެ ބޮޑުކޮށް އަގު ނަގާ އަމިއްލަ ހޮސްޕިޓާ ތަކާއި ކްލިނިކުތައްވެސް އެބަހުއްޓެވެ.

މަލްޓި މިލިއަން ޑޮލަރު މި ވިޔަފާރީން ފައިދާ ނަގަނީ ޕީސީއާރު ހަދާ ތަންތަނުން އެކަންޏެއް ނޫނެވެ. ގިނަބައެއްގެ ތުހުމަތުތައް ލެބޯޓަރީތަކުގެ ވެރިންނަށް އަމާޒުވަމުންދާއިރު މި ވިޔަފާރީގެ ފައިދާ ރިސޯޓުތަކާއި ޓޫރިސްޓުން ގެންނަ އޭޖެންޓުން ވެސް ނަގާލެއް މަދެއް ނޫނެވެ. ލެބޯޓަރީތަކުން ރިސޯޓަށް ނުވަތަ އޭޖެންޓަށް 30 ޑޮލަރު ޗާޖުކުރާއިރު ޓޫރިސްޓުން އަތުން އޭގެ އެތައް ގުނައެއް ބޮޑުކޮށް ޗާޖުކުރާ ގެސްޓުހައުސްތަކާއި ރިސޯޓުތައް ވެސް މަދެއް ނޫނެވެ.

ރާއްޖެއިން ބޭރަށް ފުރާ ފަތުރުވެރިޔަކަސް، ދިވެއްސަކަސް ފުރައިގެން ދެވެން އޮތީ އަމިއްލަ ކުލިނިކަކަށް އަގުދީގެން ޕީސީއާރު ހަދައިގެންނެވެ. ސަބަބަކީ ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުގެ 48 ގަޑިއިރު ހަމަނުވާ ހެލްތު ޑިކްލެރޭޝަން ފޯމެއް ފުރަންޖެހުމެވެ. މިފޯމާއެކު ނެގެޓިވް ޕީސީއާރު ނަތީޖާގެ ފީޑީއެފް ފައިލެއް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" އަށް ހުށަހަޅަން މަޖުބޫރެވެ.

އެޗްޕީއޭއިން ހަދާ ޓެސްޓް ތަކުގެ ނަތީޖާ ލިބެނީ ފޯނަށް އަންނަ "އެސްއެމްއެސް" އަކުންނެވެ. ދެން ފެންނަން ހުންނާނީ "ހާލުބެލުން" ޕޯޓަލްއިންނެވެ. އޮފިޝަލް ހާލަތެއްގައި ނޫންގޮތަކަށް އެޗްޕީއޭއިން ނަގާ ސާމްޕަލްތަކުގެ ނަތީޖާތައް ޕީޑީއެފްކޮށްވެސް އަދި ޕްރިންޓްކޮށްފައިވެސް ނުދޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އާދީއްތަ ދުވަހު އެޗްޕީއޭއިން ނިންމި ނިންމުމަށް ސޯޝަލް މީޑިޔާގައި އެއްބަޔަކު ބުނީ އެނިންމުމަކީ "ރަށެއްގެ ފަޅުތެރެއަށް ވަންނަ މަސްއައިނު ހިފަން ރައްޔިތުން ނުކުމެ ވަށައިގެން ދާ ޖަހާ އުސޫލުން ޗުއްޓީއަށް މާލެ އައިސް ތިބި ރައްޔިތުން ފެލަން ވެގެން ޓެގް ގައި ޝާމިލުވާ ބޭފުޅުން ޖަހައިގެން އުޅޭ ޓްރެޕެއް" ކަމަށެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ޓެގް ޓީމުގައި ތިއްބެވި ބައެއް ޑޮކްޓަރުންނަކީ ވެސް، ފުޅާ ދާއިރާއެއްގައި މި ވިޔަފާރިތަކުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ހިއްސާވާ ފަރާތްތަކެވެ.

އާއްމުންގެ ފާޑުކިޔުމާއެކު މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރީ ކޮވިޑް ކޮންޓްރޯލްކުރުމަށް އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރެއް ކަމަށްވާ ޑރ.އަލީ ލަތީފް އާއި އެބޭފުޅާގެ މަސްލަހަތު ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އޮންނަ ޕީސީއާރު ހަދާ ލެބޯޓަރީއެއްގެ ވާހަކައެވެ. ޕީސީއާރްގެ ވިޔަފާރި ކުރާ އެހެން ލެބޯޓަރީގެ ވާހަކަތަކެއް ނުދެކެވެއެވެ.

ޕީސީއާރުގެ މައްސަލަ ގޯސްވެފައިވާއިރު ޕީސީއާރުގެ އަގު ކޮންޓްރޯލްކުރަން މަޝްވަރާތަކެއް ނުކުރާކަމަށް ހެލްތު މިނިސްޓްރީން ވަނީ އިއްޔެ ބުނެފައެވެ.

"އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް މިނިސްޓްރީއަކުން ނުގެންދޭ. އެކަމަކު މިނިސްޓްރީން ތަފާތު އެކި ގޮތްގޮތަށް ޓެސްޓުތައް އިންޓްރޮޑިއުސްކުރުމާއި އެންޓިޖެން ޓެސްޓުތައް، އެކަހަލަ މަސައްކަތްތަކެއް މިހާރު ކުރެވިގެންދޭ،" ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ވިދާޅުވިއެވެ.

ޑރ. ޝާހު ވިދާޅުވި ގޮތުގައި، އެޗްޕީއޭގެ ނިންމުންތައް ނިންމަނީ ހަމައެކަނި ޓެގް ޓީމުން ދޭ ލަފަޔަކަށް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކަން ނިންމަނީ ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފަ އެވެ.

ކޮންމެޔަކަސް، ޕީސީއާރް ޓެސްޓު ހެދުން މި ވަނީ މިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރިއަކަށް ވެފަ އެވެ. މިހެން ކަން އޮންނަ ނަމަ ވީހާ ގިނައެއްކޮށް ޓެސްޓު ހެދޭނެ ގޮތެއް ފަހި ވެފައި އޮތުމަކީ އެއް ބަޔަކު ބޭނުންވާ ގޮތް ކަމަށް ވެދާނެ އެވެ. އެއީ މާ ބޮޑު މަސައްކަތެއް ނުކޮށް މިލިއަނުން ފައިދާވަމުންދާ ވިޔަފާރިއަކަށް މިކަން ވެފައި އޮތީމަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ޕީސީއާރް ޓެސްޓުގެ އަގުވެސް ކޮންޓްރޯލު ކުރެވެން އެބަ ޖެހެ އެވެ. ސަބަބަކީ މި ޓެސްޓު އަސާސީ ބޭނުމަކަށް ވެފައި ވާތީ އެވެ. މިހާރު މި ނަގަމުންދާ އަގަކީ ޕީސީއާރް ޓެސްޓެއް ހެދުމަށް ހިނގާ ހަރަދާ އަޅައި ބަލާއިރު މާ ބޮޑު އަދަދެއްގެ ކަމަށް އެންމެންވެސް ގަބޫލު ކުރެ އެވެ. އެހެންކަމުން މިހާރުގެ ހާލަތަށް ބަލާއިރު، ސަރުކާރުން މިކަން މިޔަށްވުރެ ގާތުން ބަލައި، ފިޔަވަޅުތަކެއް އަޅާން އެބަ ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

"މީ ބޮޑު ވިޔަފާރިގަނޑެއް. ސަރުކާރުން މި ކަމުގެ ތެރެޔަށް ވަދެ ވާނުވާ ބަލަން އެބަ ޖެހޭ. ގައުމުން ބޭރަށް ދާ ޓޫރިސްޓުންނާއި އެނޫން މީހުން އަތުން އަގު ނަގައިގެން ކުރަންވީ. އެކަމަކު މި ފަހަރު އެޗްޕީއޭއިން އެއްވެސް ވަރަކަށް ވިސްނައި ނުލައި މި ބަދަލު ގެނައީމަ އެތައް ބަޔަކު މި ޖެހުނީ މާލޭގައި ތާށިވެފަ ތިބެން. އަގު ދީގެން ނޫން ގޮތަކަށް ފަސޭހަ ކަމާއެކު ޓެސްޓު ހަދައި ނަތީޖާ ލިބޭނެ ގޮތެއް އިންތިޒާމު ކޮށްފައެއް ނޫން. މިއީ ސްކޫލު ޗުއްޓީއެއް ކަމާ އެތައް ހާސް ބަޔަކު މާލޭގައި ތިބޭނެކަން އެނގެން ޖެހޭނެ. މާލޭގެ އަދަދުތައް އެބުނާ ޕަސެންޓަށް އެރީ ކުއްލިއަކަށް ނޫން. އަރަމުން އަރަމުންގޮސް މި އެރީ. އެހެންވީމަ މިކަންކަން އިންތިޒާމު ކުރަން ޖެހޭނެ ކަން އެނގެން ވެސް ޖެހޭނެ." މެދުރާއްޖެތެރޭ ރަށަކުން އާއިލާއާއެކު މާލެ އައިސް ހުރި މީހަކު ބުންޏެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި ކުރިޔަށް އޮތް ތަނުގައިވެސް ކޮވިޑުގެ ނަންބަރުތައް ދާނީ މައްޗަށެވެ. އެހެން ކަމަށް ވާނަމަ، ކެޕިޓަލް ސިޓީއަށް ދަތުރުކުރާ ފަސޭހަކަމާއެކު ޓެސްޓު ހަދައި އަވަހަށް ނަތީޖާ ދެވޭނެ ގޮތްތަކެއް ހެދުން އެއީ ކޮންމެހެންވެސް ކުރާން ޖެހޭނެ ކަމެކެވެ. ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ މީހުން ބޮޑު އަގު ދީގެން ޓެސްޓު ހަދަން ނުޖެހޭނެ ގޮތަކަށް މިކަން ހަމަޖެހޭން ޖެހެ އެވެ.