ޚަބަރު

ދަތި އުނދަގޫ ވަގުތުތަކުގައި އަބަދުވެސް އިންޑިއާއަށް ބަރޯސާވެވޭނެ: ޝާހިދު

މުހައްމަދު އިޝާން

ރާއްޖެއަށް ދަތި އުނދަގޫ ހާލަތެއް އަތުވެއްޖެނަމަ އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭނެ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު އެގޮތަށް ވިދާޅުވީ، މިއަދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ޝާހިދުގެ އަރިހަށް ކުރި އިހުތިރާމުގެ ޒިޔާރަތުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ޝާހިދު ވަނީ، ފާއިތުވި ތިން އަހަރު ތެރޭ ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރެވުނު ކާމިޔާބު މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

ކޮވިޑުގެ ސަބަބުން ރާއްޖެއަށް ދިމާވި ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ވެދިން އެހީތައް ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ރާއްޖެއަށް އުނދަގޫ ހާލަތެއް ނުވަތަ ދަތި ހާލަތެއް ކުރިމަތިވެއްޖެނަމަ އިންޑިއާއަށް އަބަދުވެސް ބަރޯސާވެވޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި އިންޑިއާ ސަފީރު މުނޫ މަހާވަރު ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވައިފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

އިންޑިއާ ސަފީރު ވަނީ، ރާއްޖެ އާއި އިންޑިއާ ސަރުކާރު ގުޅިގެން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.