ށ. ކޮމަންޑޫއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވައިލުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ދެ ކޮމަންޑޫ ގުޅުވުމުގެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ތަހައްމަލުކުރަމުން އަންނަ ކޮމަންޑޫގެ ރައްޔިތުންނަށް އެކަމުގެ ހައްލެއް ހޯދައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

އެ މަޝްރޫއާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، ދެ ކޮމަންޑޫ ގުޅުވައިލުމަށް ހަމަޖެހިފައިވަނީ ލިންކަކުން ކަމަށާއި އެ މަޝްރޫއު ބަޔަކާ ހަވާލުކުރުން މާދަމާގެ ވަގުތެއްގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅައިލާނެ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

"އެކަމުގެ ޕްލޭން މިހާރު އޮތީ ނިމިފައި، އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި އެ މަންޒަރުވެސް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫގައި 2،000 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެއެވެ. ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއާއެކު ކޮމަންޑޫ ރައްޔިތުން ތިބީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ.