ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ މާލެއިން ރަށްރަށަށް ދިއުމަށް ނެގެޓިވް ޕީސީއާރު ޓެސްޓު ބޭނުންވާތީ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ވަނީ ބާރު ބޮޑުވެފައެވެ. ހުޅުމާލޭގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމު ކޮށްފައިނުވާތީ ހުޅުމާލޭގައި ދިރިއުޅޭ މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް އަންނަންޖެހެނީ މާލެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށް ސާމްޕަލް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު އާބާދީގެ ފަސް ޕަސެންޓަށްވުރެ އިތުރުވެފައިވާތީ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާ ބޭނުންވެއެވެ.
މާލޭގައި ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ކަލެކްޝަން ސެންޓަރަކަށް ތާޖުއްދީން ސްކޫލާއި ކުރީގެ އެފްއޭއެމް ބިލްޑިންގު ވަނީ ހަމަޖައްސައިފައެވެ. އަދި ވިލިމާލޭގައިވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑުގެ އާ ވޭރިއެންޓު، އޮމިކްރޯން ފެތުރެމުންދާ ކަމަށާއި މިކަމަށް ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް ހަރުދަނާކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު