ބޭރަށް ހިންގުމަކީ ބޮޑުކަމުދާތަކެތި އާންމުކޮށް ހުންނަވަރަށް ވުރެން ދިޔާކޮށް ނުވަތަ ފެންކޮށް ހުރުމާއެކު ސައުވީސް ގަޑިއިރުގެތެރޭގައި 3 ފަހަރަށް ވުރެން ގިނައިން ބޮޑުކަމު ދެވުމެވެ. ބޭރަށްހިންގަން މެދުވެރިވަނީ ގޮހޮރުގެ އެތެރެފަށަލަޔަށް އަންނަ ބަދަލުތަކަކެއްގެ ސަބަބުން ދިޔާތަކެތި ހަށިގަނޑަށްނަގައި ނުދިނުމުގެ ސަބަބުން ނުވަތަ، ގޮހޮރުގެ ފަށަލަތަކުން ފެން އުފައްދައި ގޮހޮރުތެރެއަށް ފޮނުވުމުގެ ސަބަބުން، ބޮޑުކަމުދާތަކެތީގައި ފެނުގެ ނިސްބަތް އިތުރުވުމުވުންނެވެ. ބޭރަށްހިންގުމުގެ ސަބަބުން ގިނައިން ކުޑަކުދިން މަރުވަނީ މިގޮތަށް ހަށިގަނޑުންގެއްލިގެންދާ ފެނާއި ލޮނާއި އެހެނިހެން މައުދަނުތައް ހަށިގަނޑަށް އަނބުރާ އިޔާދަ ނުކުރެވުމުގެ ސަބަބުން ހަށިގަނޑުގެ ހިނގުމަށް ބުރޫއެރުމުންނެވެ.
ރާއްޖޭގައި ކުޑަކުދިން ހޮސްޕިޓަލަށް ގެންދެވޭ އެންމެ އާންމު އެއްސަބަބަކީ ބޭރަށްހިންގުމެވެ. މިބަލި އާންމުކޮށް ގިނަވާކަމަށް ފާހަގަކުރެވިފައިވަނީ ވިއްސާރައަލިކުރަމުން އަންނަ ދުވަސްވަރެވެ.
ބޭރަށްހިންގުން ޖެހިދާނެ ސަބަބުތަކެއްވަނީ ފާހަގަކުރެވިފައެވެ. ޖުމުލަކޮށް ބޭރަށްހިންގުމުގެ ސަބަބުތައް ބަހާލެވިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. ޖަރާސީމުގެ ސަބަބުން ޖެހޭ ބޭރަށްހިންގުމާއި އެހެނިހެން ސަބަބުތަކުގެ ނަތީޖާއެއްގެގޮތުން ޖެހޭ ބޭރަށްހިންގުމެވެ. ޖަރާސީމުގެ ޒަރީއާއިން ގޮހޮރަށް ޖެހޭ އިންފެކްޝަންތަކަކީ އެންމެ ފާހަގަކޮށްލެވޭ އެއްސަބަބެވެ. ބެކްޓީރިއާއާއި ވައިރަހާއި ޕެރަސައިޓްތަކަކީ ބޭރަށްހިންގުން ޖައްސުވާ ޖަރާސީމުތަކެވެ. އެތަކެތި ހަށިގަނޑަށް ވަންނަ އެންމެ އާންމު އެއްމަގަކީ ކާބޯތަކެއްޗެވެ. ކާނާވިހަވަނީ މިފަދަ ޖަރާސީމެއްގެ އަސަރުކޮށްފައިހުންނަ ކާބޯތަކެތި ކެވުމުންނެވެ. އެފަދަ ޖަރާސީމެއްގެ އަސަރު ހުރިމީހެއްގެ ފަރާތުން ގައިންގަޔަށްވެސް މިބަލި އަރާފާނެއެވެ. ނަޖިހުގެ އަސަރުކޮށްފައިވާ ބޯފެނާއި ރައްކާތެރިނޫންގޮތުގައި ނެގިފައި ހުންނަ ފެން ބޭނުންކުރެވުމަކީވެސް ބޭރަށްހިންގުމުގެ ފުރުސަތު ބޮޑުވާކަމެކެވެ. ހަށިގަނޑުގެތެރެޔަށް ބެކްޓީރިޔާތައް ވަނުމަށްފަހު އުފައްދާވިހައަކީ ވެސް ބޭރަށްހިންގުން ޖައްސުވާ މާއްދާތަކެކެވެ.
ކަމުންދާ ބޭހެއްގެ ސަބަބުންވެސް ބަނޑުދިޔާވެދާނެއެވެ. ބަނޑުހަރުވުމުން ދޭބޭހާއި ބައެއް އެންޓިބަޔޯޓިކަކީ މިފަދަ ބޭސްތަކުގެ މިސާލެވެ. އެންޓިބަޔޯޓިކް ބޭނުންކުރުމުން ގޮހޮރުގައި އާންމުކޮށް ހުންނަ ބައެއް ބެކްޓީރިޔާތައް މަރުވެ ނުރަނގަޅު ބެކްޓީރިޔާ އާލާވުމަށް މަގުފަހިކުރުވައެވެ. ކާބޯތަކެތީގެ ބާވަތްތަކުގެތެރެއިން ނުގުޅޭ ބާވަތެއްގެ ކާނާއެއް ބޭނުންކުރެވުމުންވެސް މިމައްސަލަކުރިމަތިވުން އެކަށީގެންވެއެވެ. ގިނަފަހަރަށް މިގޮތަށް ދިމާވަނީ ބައެއްބާވަތުގެ ކާނާ ހަޖަމުކުރުމުގެ މައްސަލަ ދިމާވުމުންނެވެ. މައިދާއާއި ކުޑަގޮހޮރާއި ބޮޑުގޮހޮރުގެ ބައެއް ބަލިތަކަކީވެސް މަދުން ނަމަވެސް ބޭރަށްހިންގުން އަލާމާތެއްގެ ގޮތުގައި ފެނިދާނެ ބަލިތަކެވެ. ބޭރަށްހިންގާ ވަކިސަބަބެއް ނުހޯދުމަކީވެސް ބައެއްފަހަރު ދިމާވާކަމެކެވެ. މިމަޒުމޫނުގައި ބަލާލާނީ ކުއްލިޔަކަށް ފެށި، ކުރުމުއްދަތެއްގެތެރޭގައި ފަސޭހަވާ ބޭރަށްހިންގުން ނުވަތަ އެކިއުޓް ޑައިރިޔާއަށެވެ.
ކުއްލިޔަކަށް ފެށި، ކުރުމުއްދަތެއްގެތެރޭގައި ފަސޭހަވާ ބޭރަށްހިންގުން ނުވަތަ އެކިއުޓް ޑައިރިޔާ ދެބަޔަކަށް ބަހާލެވެއެވެ. މިދެބާވަތް ވަކިކުރެވެނީ ބޮޑުކަމުދާތަކެތި ހުންނަގޮތުންނެވެ. އެއްވައްތަރެއްގެ ބޭރަށްހިންގުމުގައި ބޮޑުކަމުދެވޭތަކެތި ހުންނަނީ ވަރަށް ފެންކޮށެވެ. އަނެއްބާވަތަކީ ޑިސެންޓްރީ ނުވަތަ ބޭރަށްހިންގާއިރު ބޮޑުކަމުދާތަކެތީގައި ލޭއެކުލެވިފައިހުންނަ ބޭރަށްހިންގުމެވެ. ދިގުމުއްދަތައް ދެމިގެންދާ ބޭރަށްހިންގުންކަމުގައި ބެލެވެނީ 14 ދުވަހަށްވުރެ ދިގުމުއްދަތަކަށް ދެމިގެންދިޔުމުންނެވެ. މިއީ ޕާރސިސްޓަންޓް ޑައިރިއާއެވެ.
ހަމައެކަނި ގާތުންކިރުދޭ ތުއްތުކުދިން، ގާތުންދޭ ކޮންމެ ފަހަރަކު ބޮޑުކަމުދިޔުމަކީ އާންމުކަމެކެވެ. ބައެއްކުދިން 24 ގަޑި އިރުތެރޭގައި 6 ފަހަރު ނުވަތަ 8 ފަހަރު ވެސް ބޮޑުކަމުދެއެވެ. ކުއްލިޔަކަށް ބޮޑުކަމުދާމިންވަރު އިތުރުވެ ގާތުންދޭ ކޮންމެފަހަރަކު އެއްފަހަރަށްވުރެ ގިނައިން ބޮޑުކަމުދެވުމާއި އާންމުކޮށް ހުންނަ މިންވަރަށްވުރެން ފެންކޮށް ހުރުމަކީ ތުއްތުކުދިން ބޭރަށްހިންގުމުގެ ބައެއް އަލާމާތެވެ. ތުއްތު ކުދިން ބޭރަށްހިންގަން ދިމާވާ ބައެއް ސަބަބުތައް ތަފާތެވެ. މަންމަ އެންޓިބަޔޯޓިކެއް ބޭނުންކުރުމާއި މަންމަގެ ކާނާއަށް އަންނަ ބަދަލަކާ ގުޅިގެންވެސް ހަމައެކަނި ގާތުންދޭ ކުއްޖެއްގެ ބޮޑުކަމުދިއުމަށް މިފަދަ ބަދަލު އާދެއެވެ. ތުއްތުކުދިން ބޭރަށްހިންގުމަކީ އެހެންބައްޔެއްގެ އަލާމާތަކަށް ވުމަކީ މަދުންނަމަވެސް އެކަށީގެންވާކަމެކެވެ. ހޯދުންތަކުން ދައްކާގޮތުގައި ހަމައެކަނި ގާތުން ކިރުދޭ ކުދިންނަށް ނިސްބަތުން ބޭރަށްހިންގުން ޖެހޭލެއް އެހެނިހެން ކިރުދޭ ކުދިންނަށްވުރެން މަދެވެ.
ދުވާލެއްގެ މައްޗަށް 3 ފަހަރަށް ވުރެން ގިނައިން ދިޔާކޮށް ބޮޑުކަމުދެވުމުގެ އިތުރުން ފެނިދާނެ އިތުރު އުނދަގޫތަކުގެތެރޭގައި ބަނޑުގައި ރިއްސުމާއި، ބަނޑުގައި ވައިހެދި، ބަނޑު ފުއްޕުމާއި މޭނުބައިކުރުން ހިމެނެއެވެ. ބޮޑުކަމުދާން ޖެހުމުން ކޮންޓްރޯލްކުރަން އުނދަގޫވުމާއި ރިހުންގަނޑަކާއެކު ބޮޑުކަމުދެވުމުން ނުވަތަ ވައިބޭރުވުމުން ބަނޑުގެ ރިހުން ކެނޑުމާއި، ބޮޑުކަމުދާތަކެތީގައި ލޮނދި ނުވަތަ ލޭގެ އަސަރުހުރުމަކީވެސް ފާހަގަކުރެވޭބައެއް ކަންކަމެވެ.
ޑީހައިޑްރޭޓްވުމަކީ ބޭރަށްހިންގުމާ ގުޅިފައިވާ އެންމެ ނުރައްކާތެރި މައްސަލައެވެ. ޑީހައިޑްރޭޓްވުމަކީ ހަށިގަނޑުން ގެއްލެމުންދާ ފެނާއި ލޮނުގެ ބައިތައް އަނބުރާ އިޔާދަ ނުކުރެވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ރަނގަޅަށް މަސައްކަތްކުރުމަށް ބުރޫއެރުމެވެ. ނޭވާލުމުގެތެރެއިންނާއި ދާހިއްލުމުންވެސް ހަށިގަނޑުން ފެނާއި ލޮނު ބޭރުވެއެވެ. ހަށިގަނޑުގެ ބޭނުންތަކަށް ނަގާފައި ބާކީވާ ލޮނާއި ފެނާއި ކާނާގެ އެހީގައި ގުނަވަންތަކުގެ ބޭނުމަށް ހަކަތަ އުފެއްދުމަށްފަހު ބާކީވާ ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް ބޭރުކުރެވެނީ ބޮޑުކަމު ދިޔުމުންނާއި ކުޑަކަމުދިޔުމުންނެވެ. ހޮޑުލެވުމުންވެސް ހަށިގަނޑުން ލޮނާއި ފެނާއި ހަކަތަ އުފެއްދުމަށް ބޭނުންވާ ބައިތައް ގެއްލިގެން ދެއެވެ. އާންމުކޮށް ހަށިގަނޑުން ބޭރުވާ މިފަދަ ބާވަތްތައް ތަބީޢީގޮތުން ހަށިގަނޑަށް އިޔާދަވަމުންދެއެވެ. ޑީހައިޑްރޭޓުވަނީ ހަށިގަނޑުގައިހުންނަ ފެނާއި ލޮނު އަނބުރާ އިޔާދަ ނުކުރެވޭހާ ހަލުވިމިނެއްގައި ބޭރުވަމުންދިޔުމުންނެވެ.
ގެއްލޭ ލޮނުގެ ބައިތައް ނުވަތަ އިލެކްޓްރޮލައިޓްސް ގެ ތެރޭގައި ސޯޑިއަމާއި ކްލޯރައިޑާއި ޕޮޓޭސިއަމާއި ބައިކާބަނޭޓް ހިމެނެއެވެ. ލޮނުގެ މިބައިތަކަކީ ގޮހޮރުގައި ހުންނަ ފަށަލަތަކުގެތެރެއިން ފެނާއި އެހެނިހެން ބައިތައް ހަށިގަނޑުގެތެރެއަށް ނަގައިދިނުގައި މަސައްކަތްކުރާ ބައިތަކެކެވެ. ބޭރަށްހިންގުމުގެ އެންމެ ބޮޑު ނުރައްކަލަކީ ގޮހޮރުގެ އެތެރެ ފަށަލައަށް ބަދަލުތަކެއް އައިސް ހަށިގަންޑުން ބޭރުވަމުންދާ ފެނާއި ލޮނުގެ ބައިތައް އަނބުރާ ހަށިގަނޑަށް އިޔާދަކުރުމުގައި ހުރަސްތަކެއް ދިމާވުމެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތައް ފުރިހަމަގޮތުގައި މަސައްކަތް ނުކުރުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާތެރިވާ ހާލަތަކަށްދިޔުމެވެ.
ޑީހައިޑްރޭޓުވުން ނުވަތަ ހަށިގަނޑުން ފެން މަދުވުމުގެ 3 މަރުހަލާއެއްވެއެވެ. އެކި މަރުހަލާގެ އަލާމާތްތައް ތަފާތެވެ. ފުރަތަމަ މަރުހަލާ ނުވަތަ މައިލްޑް ޑީހައިޑްރޭޝަންގެ ނިޝާންތަކެއް ފެންނާކަށް ނުހުރެއެވެ. މެދުމިނަކަށް (މޮޑަރޭޓް ޑީހައިޑްރޭޝަން) ހަށިގަނޑުން ފެނާއި ލޮނުގެ ބައިތައް ގެއްލުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކަރުހިއްކުމާއި ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއްވާތީ އުޅުމާއި ވަރުދެރަވުމާއި ލޯ ވަޅުވަދެފައި ހުރުމާއި ހަންގަނޑު ދަމާލުމުން އަނބުރާ ހުރިގޮތަށް ރުޖޫއަވުމުގެ ބާރު ނުވަތަ އިލާސްޓިސިޓީ ދަށްވުން ހިމެނެއެވެ. ކުޑަކަމުދެވޭ މިންވަރު މަދުވެ ރޯއިރު ކަރުނަ އަންނަ މިންވަރު މަދުވެއެވެ.
ސިވިއަރ ޑީހައިޑްރޭޝަން ނުވަތަ ފުރާނަޔަށް ނުރައްކާވާ ހިސާބަށް ދިއުމުން މަތީގައި ދެންނެވި ނިޝާންތައް އިތުރަށް ފާޅުވެއެވެ. ބަނޑުގެ ނުވަތަ ފަލަމަސްގަނޑުން ތަންކޮޅެއްގައި ދެއިނގިލިކުރިން (ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި ބޭނުންކޮށްގެން) ހިފާލާފައި ދޫކޮށްލުމުން ކުރީން ހުރިގޮތަށް އިއާދަ ވުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އިތުރުވެއެވެ. ވަރު ދެރަވެ، ޚަބަރު ހުސްވާގޮތްވުން އެކަށީގެންވެއެވެ. އަތްފައި ފިނިވެ، ހުދުވެއެވެ. ލޭގެ ޕްރެޝަރު ދަށްވެ ޝޮކަށްދިޔުމާއެކު ފުރާނަޔަށް ނުރައްކާވެއެވެ. މިފަދަ ހާލަތަކަށް ދިއުމުން ވަރަށް އަވަސް ހަލުވި ފަރުވާތަކެއް ނުދެވިއްޖެނަމަ ބަލިކުއްޖާ ނިޔާވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން، ހޮޑުލެވި، ބޭރަށް ހިންގުން ފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުން ފެނާއި ލޮނު މަދުވާނަމަ، ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
ޑީހައިޑްރޭޝަން އެއްމަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުވުމުގައި މާގިނަ ވަގުތުތަކެއް ހޭދަނުވެވެސް ހިނގައިދާނެއެވެ. އެހެންކަމުން، ބޭރަށްހިންގާނަމަ ފެންމަދުވިޔަ ނުދިނުމަށް ޓަކައި ވީހާވެސް އަވަހަކަށް ދިޔާތަކެތި ބޭނުންކުރައްވަން ފައްޓަވަންވާނެއެވެ. ޚާއްސަ ސަމާލުކަމެއްދެއްވައިގެން ސިއްހީ ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ މަގުމަތީގައިވެސް ދިޔާތަކެތި ދެއްވަމުންގެންދަވަންވާނެއެވެ.
ޑީހައިޑްރޭޓުވުމުގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިންނަށެވެ. ހާއްސަކޮށް އުމުރުން އެއް އަހަރުން ދަށުގެ ކުދިންނަށެވެ. މީގެތެރެއިންވެސް އުމުރުން 6 މަސް ނުފުރޭ ކުދިންނަށް ނުރައްކާ ވަކިން ބޮޑެވެ. ތުއްތު ކުދިންނާއި ކުޑަކުދިންނަށް މިނުރައްކާ ބޮޑުވަނީ ކިތަންމެ މަދުން ހަށިގަނޑުން ފެން ބޭރުވިކަމުގައި ވިޔަސް، އެކުދިންގެ ބަރުދަނާ އަޅައި ބަލާއިރު ނިސްބަތުން ބޮޑު އެއްޗެއް ގެއްލިގެންދާކަމެވެ. އުމުރުން 1 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވިހޭއިރު ހުރި ބަރުދަން 2500 ގްރާމަށް ވުރެން މަދު ކުދިންނާއި އުމުރާ އެއްގޮތަށް ބޮޑުވަމުން ނާންނަ ކުދިންގެ މިފުރުޞަތު ބޮޑެވެ. ހަމައެކަނި ގާތުން ދޭކުދިން ބޭރަށް ހިންގުމުގެ ސަބަބުން ގާތުން ނުބޯނަމަ، މިފުރުޞަތު އިތުރުވެއެވެ. ހޮޑުލެވޭ ވަރު ގިނަވުމުގެ ސަބަބުން ނުވަތަ މޭނުބައިކުރުމުގެ ސަބަބުން ދިޔާއެއްޗެހި ނުބޮވޭ ކުދިންވެސް މީގެތެރޭގައި ހިމެނެއެވެ.
ބޭރަށްހިންގުމުގެ ސަބަބުން ޑީހައިޑްރޭޓްވުމުގެ ފުރުޞަތު ބޮޑު ފަރާތްތަކާއި، ޑީހައިޑްރޭޓް ވުމުގެ އަލާމާތްތައް ފެންނަން ކޮންމެ ފަރާތަކުންވެސް ލަސްނުކުރައްވާ ޞިއްޙީ ފަރުވާ ހޯއްދަވަންވާނެއެވެ. މާގިނައިން ހޮޑުލެވި ބޯ ކޮންމެ އެއްޗެއް ހޮޑަށް ލެވޭނަމަ، ފުރާނަޔަށް ނުރައްކާވާވަރަށް ޑީހައިޑްރޭޓް ވުމުގެ ފުރުޞަތުބޮޑެވެ.
ކުޑަކުއްޖަކު ނުވަތަ ތުއްތު ކުއްޖަކު ބޭރަށްހިންގާނަމަ، އެންމެ މަދުވެގެން ކޮންމެ 6 ގަޑި އިރަކުން އެއްފަހަރު ކުޑަކަމުދޭތޯ ބައްލަވަންވާނެއެވެ. ނެޕީ ޖައްސަވާފައި ހުރި ނަމަ، ނެޕީ އަވަސް އަވަހަށް ބަދަލުކުރައްވައި ނެޕީގައި ހުންނަ ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެތި ވަކިން ފާހަގަ ކުރެއްވޭތޯ ބައްލަވަންވާނެއެވެ. މިއީ ބޮޑުކަމުދާތަކެތި ފެންކޮށް ހުންނަ އިރު ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް، ބޮޑުކަމުދާއެއްޗެހީގައި ހުންނަކުލަޔާއި ނެޕީގައި ފުރަގަސްފަރާތާ ދިމާގައި ތެމިފައި ހުންނަ ހުރުމާއި ކުޑަކަމުދާތަކެތި ހުންނަ ހިސާބު ފާހަގަކުރައްވަންވާނެއެވެ. މިކަން ފާހަގަކުރައްވަން ދަތިފުޅުވާނަމަ، ނެޕީޖައްސަވާއިރު ކުރިމަތިފަރާތާ ދިމާވާގޮތަށް ކަފަކޮޅެއް ބޭއްވެވިދާނެއެވެ. ނެޕީ ބަދަލުކުރައްވާއިރު އެކަފަކޮޅު ތެމިފައި ހުރޭތޯ ބައްލަވަންވާނެއެވެ. ޑޮކްޓަރާ ހަމަޔަށް ވަޑައިގަންނަވާއިރު ކުއްޖާ އެންމެ ފަހުން ކުޑަކަމުދިޔަ އިރެއް ޔަގީންކަމާއެކު ވިދާޅުވާން އެނގިވަޑައިގަތުން މުހިންމެވެ. ބޮޑުކަމުދާތަކެތީގައި ލޮނދި ނުވަތަ ލޭހުރުމާއި ހުންއައުމަކީ ވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އަލާމާތްތަކެވެ.
ބޭރަށްހިންގުމާއި، ހަށިގަނޑުގައި ފެންމަދުވުމަކީ ޞިއްޙީ ޚިދުމަތްތެރިންނަށް ބަލާބެލުމުންނާއި ބެލެނިވެރިންނާއި އެކުއްޖައްކާ ދެކެވޭ ވާހަކައިންވެސް އަންދާޒާ ކުރެވޭ ކަންކަމެވެ. ނަމަވެސް، ބޭރަށްހިންގާ ސަބަބު ދެނެގަތުމަށާއި ބޭރަށްހިންގަނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށްވާނަމަ، އެއީ ކޮންކަލަހަ އިންފެކްޝަނެއްކަމާއި، ހަށިގަނޑަށް އެއިންފެކްޝަނެއްގެ އަސަރުކޮށްފައިވާ މިންވަރު ބެލޭނީ ލޭގެ ތަހުލީލުތަކުންނެވެ. ހަށިގަނޑުގައިވާ ލޮނުގެ ބާވަތްތައް ހުރި މިންވަރު ވެސް ލޭގެ ތަލުލީލުގެ އަލީގައި ދެނެގަނެވެއެވެ. ހަށިގަނޑުގައި ފެންމަދުވުމުގެ ސަބަބުން ނިސްބަތުން ސޯޑިއަމް ހުންނަ މިންވަރު މަތިވެއްޖެނަމަ ފިޓްޖެހުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. ޕޮޓައިސިއަމް މަދުނަމަ ބަނޑު ފުއްޕައި ގޮހޮރުގެ މަސައްކަތަށް ބުރޫއަރައެވެ. އަދި މިނޫންވެސް މައްސަލަތަކަށް ހުށަހެޅެއެވެ. ވުމާއެކު، ލޮނުގެ ބާވައްތައް ހުރި މިންވަރު ވަޒަންކޮށް މިކަންކަމަށް ހައްލު ހޯދަން ޖެހެއެވެ. ބޭރަށްހިންގުމަށް އެންމެ އާންމުކޮށް ކުރެވޭ އެއްތަހުލީލަކީ ބޮޑުކަމުދާތަކެތީގެ ތަހުލީލެވެ. ބޮޑުކަމުދާތަކެތީގައިވާ ޖަރާސީމު ދެނެގަތުމުގެ (ކަލްޗަރ) އިތުރުން ސްޓޫލް ރޫޓީނުން ނަޖިހުގައި ހަމަލޮލަށް ނުފެންނަ މިވަރަކަށް ލޭ ނުވަތަ ދޮސް އެކުލެވިފައި ހުރިކަން ނުވަތަ ނެތްކަން ދެނެގަނެވެއެވެ. ހަޖަމުވުމުގައި ހުންނަ ބައެއް މައްސަލަތައްވެސް ފާހަގަކުރެވެއެވެ. ބޮޑުކަމުދާ ތަކެތި ނެގުމުގައި ލެބޯރަޓަރީއިން ދޭ އިރުޝާދާ އެއްގޮތަށް ނެގިއްޖެނަމަ، އިތުރު ޖަރާސީމަށް ސާމްޕަލް ނަގާ ދަޅަށް ވަނުމުގެ ފުރުޞަތު ކުޑަވެ، އިންފެކްޝަންޖެހުމުގެ ސަބަބަކަށް ވި ޖަރާސީމު ހޯދުމަށް މަގުފަހިވެއެވެ.
އާދައިގެ ބޭރަށްހިންގުމަކީ ޚާއްޞަ ފަރުވާއަކާނުލައި ކުރުމުއްދަތެއްގެތެރޭގައި އަމިއްލަޔަށް ފަސޭހަވާކަމެކެވެ. ކުރީންވެސް ދެންނެވިފަދައިން ބޭރަށްހިންގާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނީ ގިނައިން ދިޔާތަކެތި ބޭނުންކުރެއްވުމަށާއި ރަނގަޅަށް ފަރީއްކުޅުއްވުމަށެވެ. ކުރިންވެސް ދެންނެވިފަދައިން ބޭރަށްހިންގަން ދިމާވަނީ ގޮހޮރުގެ އެތެރެ ފަށަލަޔަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. މިކަން ރަނގަޅުކޮށް އާންމު ހާލަތަށް ގެނައުމުގައި ހަކަތަ ލިބޭ ކާނާ ވަރަށް މުހިންމު ދައުރެއްކުޅެއެވެ. ކާބޯހައިޑްރޭޓްސްގެ ބައިތައް ހަޖަމުވުމަށް ފަހު ގޮހޮރުގެ ފަށަލަތަކުގެ ޒަރީއާއިން އެތެރެވާން ފެށުމުން، އެފަށަލައިގެ ސެލްތަކަށް އާ ދިރުމެއް ލިބެއެވެ. މިމާއްދާތައް އެތެރެވާ އެތެރެވުމާއެކު، ފެނާއި ލޮނުގެ ތަފާތު ބައިތައް ހަށިގަނޑުގެ އެތެރެއަށް ވަދެ، ގޮހޮރުގެ ފަށަލަ އާންމު ހާލަތަށް ގެނެސް، ބޭރަށްހިންގުން ރަނގަޅުވުމަށް އެހީތެރިވެދެއެވެ.
ބޭރަށްހިންގަންފެށުމުން ޑޮކްޓަރެއްގެ މަޝްވަރާ ހޯއްދެވުމެއްނެތި އަމިއްލަފުޅަށް ފަރުވާކުރެއްވުމާއި އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ބޭރަށްހިންގުން ހުއްޓުވުމަށް ބޭސްދެއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ. މިފަދަ ބޭސްތައް ދެއްވުމުން، ޖަރާސީމާއި އެޖަރާސީމުން އުފައްދާ ވިހަތައް ހަށިގަނޑުގައި ގިނަވަގުތު ހޭދަވުމަށް ފުރުޞަތު ދެވެއެވެ. ވުމާއެކެ ކުއްޖާގެ ހާލަތު އިތުރަށް ގޯސްވުން ވަރަށް ގާތެވެ. މީގެ ބަދަލުގައި ގޮހޮރުގައި ހުންނަ އާންމު "ރަނގަޅު" ބެކްޓީރިއާތަކަށް "ގޯސް" ޖަރާސީމުތަކުގެ މައްޗަށް ގަދަވުމަށް ފުރުޞަތު ދިނުމަށްޓަކައި ޕްރޯބަޔޯޓިކެއް ދެވިދާނެއެވެ. އޮގްމެންޓިން (އެންޓިބަޔޯޓިކް) އާ އެކު ޕްރޯބަޔޯޓިކެއް ދެނީ މިސަބަބަށްޓަކައެވެ. ސައިޑް އިފެކްޓެއްގެ ގޮތުގައި އަތުވެދާނެ ބޭރަށްހިންގުމަކުން ދިފާއުކުރުމަށްޓަކައެވެ.
ބޭރަށްހިންގުމާއެކު، ހުންއައިސް، ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ނުވަތަ ލޮނދީގެ އަސަރު ހުންނަނީ ގިނަފަހަރަށް ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. ލޭގެ ތަހުލީލުތަކާއި ބޮޑުކަމުދާތަކެތީގެ ޓެސްޓު ހެދުމަށްފަހު އެކަމާ ގުޅޭ އެންޓިބަޔޯޓިކެއް ދެވެއެވެ. އަދި ޕްރޮޓޮޒޯވާއެއްކަމުގައި ވަނީނަމަ، އެންޓި ޕްރޮޓޮޒޯވަލްއެއް ދެވެއެވެ. މީގެ އިތުރުން، މޭނުބައިކޮށް ހޮޑުލެވޭނަމަ، އެކަމުން ދުރުހެލިކުރުވުމަށް އެކަމާ ގުޅޭ ބޭހެއްދެވެއެވެ.
ބޮޑުކަމުދެވޭވަރާއި ކުޑަކަމުދާމިންވަރާއި ހޮޑުލެވޭ މިންވަރާއި އަދަދު ނޯޓުކުރައްވަމުންގެންދެވުން ވަރަށް މުހިންމެއެވެ. ހަމަ މިއާއެކުއެކީގައި ދިޔާތަކެތި ދެއްވޭ އަދަދާއި ކާންދެއްވޭވަރާއި ބާވަތް ނޯޓްކުރެއްވުން އެހާމެ މުހިންމެވެ.
ބޭރަށްހިންގުމާއެކު ހަށިގަނޑުން ފެން މާބޮޑަށް މަދުވެފައިވާ ކުދިންނަށް އައި.ވީގެ ޒަރީއާއިން ހަށިގަނޑުން މަދުވެފައިވާ ބައި އަނބުރާ ލިބި ފުރާނަޔަށް ނުރައްކާވާ ޙާލަތުން ސަލާމަތްވަންދެން އައި.ވީ ކުރިޔަށްގެންދަން ޖެހިދާނެއެވެ. ނުރައްކަލުން ބޭރުވުމަށްފަހު ވެސް، އެކުއްޖަކަށް އަމިއްލަޔަށް ހަށިގަނޑަށް ބޭނުންވާވަރަށް ދިޔާތަކެތި ބޮވެންފަށަންދެން އައި.ވީ ދޭންޖެހޭނެއެވެ. އައި.ވީ ގުޅާފައި ހުންނައިރުވެސް މަދު އެތިފޮދުފޮދުން ދިޔާތަކެތި ދެއްވޭތޯ މަސައްކަތްކުރައްވަންވާނެއެވެ.
ކުރިންވެސް ފާހަގަކޮށްފައިވާނޭފަދައިން ބޭރަށްހިންގުމަށް ފަރުވާކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ހަށިގަނޑުން ފެނާއި ލޮނުގެބައިތައް މަދުވިޔަނުދީ ހިފެހެއްޓުމަށެވެ. ދިޔާތަކެތީގެ ތެރެއިން އެންމެ ރަނގަޅު ބުއިންތަކަކީ ކުރުނބާ ފެނާއި އޯ.އާރ.އެސް ނުވަތަ ލޮނު ޕެކެޓެވެ. ކުރުނބާ ފެނާއި ލޮނުޕެކެޓުގައި ގްލޫކޯޒާއި ލޮނުގެ ބައިތަކާއި ފެން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހުރެއެވެ. ވުމާއެކު، ކުރުނބާ ފެނާއި ލޮނުޕެކެޓު މަދު އެތި ފޮދުން އަވަސް އަވަހަށް ދެއްވުން ވަރަށް މުހިންމެވެ. ދޭތެރެއަކުން އާދައިގެ ފެންފޮދެއްވެސް ދެއްވަންވާނެއެވެ. ޖޫސް ދެއްވާއިރު އެއަށް ހަކުރު އެޅުއްވުން ރަނގަޅެއްނޫނެވެ. ޖޫސް ހައްދަވާއިރު އާދަކޮށް ފެންއަޅުއްވާވަރަށްވުރެ ގިނައިން ފެންއަޅުއްވަންވާނެއެވެ. ހަށިގަނޑުން ފެން ބޭރުވާމިންވަރަށް ދިޔާތަކެތި އެތެރެކުރުން މުހިންމެވެ.
ލޮނު ޕެކެޓާއި ކުރުނބާ ފެނަށް އެއްވެސް އެއްޗެއް އެއްކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ލޮނު ނުވަތަ ގުލްކޯޒް އެއްކޮށްފިނަމަ ޑީހައިޑްރޭޓުވުމުގެ ފުރުޞަތު ވަކީން ބޮޑުވެ ފުރާނަޔަށް ނުރައްކާވެއެވެ. ލޮނުޕެކެޓު ތައްޔާރުކުރައްވަންވާނީ ޕެކެޓުގެ ބޭރުގައިވާ އިރުޝާދުތަކާއި އެއްގޮތަށެވެ. އެކި ރަހަލާގޮތަށް ކުޑަކުދިންނަށް ކަމުދާހެން ތައްޔާރު ކުރެވިފައި ހުންނަ ޖެލީ ނުވަތަ ބުއިމުގެ ގޮތުގައި ވެސް މިހާރު "ލޮނުޕެކެޓު" ނުވަތަ "ހައިޑްރަލައިޓް" ހުރެއެވެ. އެއަށްވެސް އެއްވެސް އިތުރުއެއްޗެއް އެއްކުރެއްވުމަކީ ނުރައްކާތެރި ކަމެކެވެ.
ހޮޑުލެވޭނަމަ، ހޮޑުލެވުމަށް ފަހު 15 ވަރަކަށް މިނެޓު އެއްޗެއް ނުދެއްވައި މަޑުކޮށްލެއްވުމަށްފަހު އަނެއްކާވެސް ދިޔާތަކެތި އެތި ފޮދު ފޮދުން ދެއްވަން ފައްޓަވާށެވެ. ހޮޑުލެވުން މަދުވެލަންދެން އޮއްޓަރު ހުރި ކާނާ މަދުކޮށްލެއްވުން ރަނގަޅެވެ.
ބޭރަށްހިންގާ ދުވަސްވަރު ކާނާ މަދުކުރުމަކީ ރަނގަޅު ގޮތް ކަމުގައި ހީވެފައިވާ ހީވުމަކީ ރަނގަޅު ހީއެއްނޫނެވެ. ކުރިން ވެސް ފާހަގަކޮށްލިފަދައިން، ބޭރަށްހިންގުން އަވަހަށް ރަނގަޅު ވާނީ އާދައިގެ ގޮތެއްގައި ކެއުމުގެ ކަންތައްވެސް ބެހެއްޓިގެންނެވެ. ކާނާގެތެރެއިން އެންމެ ރަނގަޅީ ފަސޭހައިން ހަޖަމުކުރެވޭފަދަ ކާނާއެވެ. ތެލާއި ހަވާދު އެކުލެވިފައިވާ ކާނާ ބޭރަށްހިންގާއިރު ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ހަމަ އެފަދައިން، ފޮނި އެއްޗެތި ދެއްވުންވެސް ރަނގަޅެއް ނޫނެވެ. ފައިބަރ ގިނަ ތަރުކާރީ އާއި މޭވާ ވެސް އެހާ ރަނގަޅެއް ނޫނެވެ. ކިރުގެ ބާވަތްތަކުންވެސް ބޭރަށްހިނގުން އިތުރަށް ގޯސްވުން އެކަށީގެންވެއެވެ. އެހެންނަމަވެސް، އެކްޓިވް ކަލްޗަރ ޔޯގަޓަކީ ރަނގަޅު އެއްޗެކެވެ. ގޮހޮރުގައި ރަނގަޅު ބެކްޓީރިއާ އާލާކުރުމަށް އެހީތެރިވެދޭތީއެވެ. އާންމުކޮށް ބޭނުންކުރާ ޑެޒާޓް ޔޯގަޓަކުން މިފައިދާއެއް ނުކުރާނެއެވެ. އޭގައި ހަކުރު ހުންނަ މިންވަރު ގިނަވުމުގެ ސަބަބުން ބޭރަށް ހިނގުން އިތުރަށް ގޯސްވުން ވެސް އެކަށީގެންވެއެވެ. ބަތްޕެނާއި ފެނުކެއްކި އަލުތްވާއި ދޮންކޭލަކީ ކެއުމުގައި ހިމަނުއްވަން ރަނގަޅު ބާވަތްތަކެވެ. މިބާވަތްތަކަކީ ގޭތެރޭގެ އާންމު ދިރިއުޅުމުގައި ވެސް ބޭނުންކުރެވޭ ތަކެތިކަމުގައިވާނަމަ، ބަލިވެ އުޅޭ ދުވަސްވަރުވެސް މިފަދަ ތަކެތި ދެއްވަން ފަސޭހަފުޅުވާނެއެވެ.
ނެޕީ ރޭޝަކީ ބޭރަށްހިންގާ ކުއްޖަކަށް ވަރަށް ފަސޭހައިން ދިމާވެދާނެ މައްސަލައެކެވެ. މިކަމުން ދިފާއުވުމަށްޓަކައި އަވަސް އަވަހަށް ނެޕީ ބަދަލުކުރެއްވުން މުހިންމެވެ. ނެޕީ ތެމިފައި ހުރުމުން ފާރުވާލެއް ފަސޭހަވާނެތީއެވެ. އަވަހަށް ނެޕީ ބަދަލުކުރެއްވުމުން ލިބޭނެ އަނެއް ފައިދާއަކީ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ޖެހުމުގެ ފުރުޞަތު ކުޑަވުމެވެ.
ބޮޑުކަމުދެވުމަށްފަހު ތާހިރު ކުރައްވާއިރު ސައިބޯންޏާއި އޮހޮރޭ ފެނުން ދޮންނެވުމުން ހަންގަނޑު ހަލާކުވުން ދުރުކޮށްދެއެވެ. ދޮންނެވުމާއި ފެންހިއްކެވުމުގައި ބާރަށް އުނގުޅުއްވުމުން ދުރުހެލިވެވަޑައިގަންނަވަންޖެހޭނެއެވެ.
ނެޕީއިން ފޮރުވިފައިވާ ހިސާބުގައި ފާރު އުފެދިއްޖެނަމަ ޒިންކް އޮކްސައިޑް އެކުލެވިފައިވާ ނެޕީކްރީމެއް ނެޕީ ބަދަލުކުރައްވާ ކޮންމެ ފަހަރަކު ބޭނުންކުރައްވާށެވެ. ރާއްޖޭގައި އާންމުކޮށް ގެންގުޅޭ ނެޕީ ކްރީމްތަކުގެ ތެރެއިން ޒިންކް އޮކްސައިޑް އެކުލެވިފައިވަނީ ކިއުރޭޝް ކްރީމާއި ސޫޑޯ ކްރީމުގައެވެ. ކްރީމް ހޭއްކެވުމުގައި ފާރުކޮޅު އެއްކޮށް ފޮރުވޭވަރަށް ބޯކޮށް ކްރީމް ހާއްކަވައިލައްވާށެވެ. ބާރަށް އުނގުޅުއްވުން ރަނގަޅެއް ނޫނެވެ. ފާރުކޮޅު އެއްކޮށް ފޮރުވިފައި ހުރުމުން، ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާތަކެތި ފާރުކޮޅުގައި ހޭކުމުން ދުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ފާރުކޮޅު ރަނގަޅު ވުމުގެ ފުރުޞަތު ލިބެއެވެ.
ބޭރަށްހިންގުމަކީ ވަރަށް ފަސޭހައިން ފެތުރިގެން ހިނގައިދާނެ ބައްޔެކެވެ. ވުމާއެކު ސާފުތާހިރުކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހެއެވެ. ކުޑަދަރިފުޅުގެ ނެޕީ ބަދަލުކުރެއްވުމަށްފަހު ކުޑަދަރިފުޅާއި ބެލެނިވެރިޔާގެ އަތްޕުޅު ރަނގަޅަށް ސައިބޯނިލައްވައިގެން ދޮންނަވަންވާނެއެވެ. ނެޕީ އެއްލައިލައްވަންވާނީ ރައްކާތެރި ގޮތުގައެވެ. މަދުވެގެން ދުވާލަކު އެއްފަހަރު ފާޚާނާގެ ދޮރުގެ އަތްގަނޑާއި ފްލަޝްޓޭންކުގެ އަތްގަނޑާއި ފާޚާނާތަށީގައި އިށީންނަތަން ރަނގަޅަށް ސާފުކޮށް ދޮވެލައްވަންނާނެއެވެ.
ބޮޑުކަމުދާތަކެތި ހެދުމުގައި ނުވަތަ ބެޑްޝީޓުގައި ހޭކިފައިވާނަމަ ހޫނުފެނާއި ދޮންނަކުނޑި ބޭނުންކުރައްވައިގެން ރަނގަޅަށް ދޮންނަވަންވާނެއެވެ. އެއަށްފަހު ރަނގަޅަށް އަތްސާފުކުރައްވަންވާނެއެވެ. ކާބޯތަކެތި ތައްޔާރުކުރެއްވުމުގައި ވެސް ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވަންވާނެއެވެ.
ބޭރަށްހިންގުން ރަނގަޅުވުމަށްފަހު ވެސް 2 ހަފުތާވަންދެން ފަތާފެންގަނޑާއި ބިލިގާފަދަ ތަންތަން ބޭނުންކުރެއްވުން ރަނގަޅެއްނޫނެވެ. އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައެވެ.
ބޭރަށްހިންގުން ފަދަ ބައްޔަކުން ރަނގަޅުވަމުން އަންނައިރު ހަށިގަނޑުގެ ދިފާޢީ ނިޒާމު ހުންނާނީ ބަލިކަށިވެފައެވެ. ފަސޭހައިން އިތުރު އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ވުމާއެކު، ފަރީއްކޮޅަށް ޚާއްޞަ ސަމާލުކަމެއްދެއްވަންވަންވާނެއެވެ. ކުއްޖާގެ ބަރުދަން ބަލިވުމުގެ ކުރިން ހުރިވަރަށް އެނބުރިއައިސް އުމުރާ ގުޅޭ ގޮތަށް ބޮޑުވަމުންދޭތޯ ބެއްލެވުން ވަރަށް މުހިންމެވެ. ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނަކަށް މަގުފަހިވިޔަނުއްދެއްވައި ސާފުތާހިރުކަން ހިފެހެއްޓެވުމާއި ގިނައިންދިޔާތަކެތި ދެއްވުން މުހިންމެވެ.
އެޑިޓަރުގެ ނޯޓު: ޑރ. ނުސައިބާ ފާރޫޤް ޙަސަނަކީ މެޑިކަލް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވުމަށްފަހު މެޑިކަލް އޮފިސަރެއްގެ ހައިސިއްޔަތުން އިންދިރާ ގާނދީ މެމޯރިޔަލް ހޮސްޕިޓަލުގެ ކުޑަ ކުދިންގެ ޚާއްސަ ޑިޕާޓްމަންޓުގައްޔާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުފަންވެނި ސިއްހަތު ޕްރޮގްރާމުގައި މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ. މިހާރު މިދާއިރާއިން އިތުރަށް ތަމްރީނު ހޯދެއްވުމަށްޓަކައި ގެންދަވަނީ ނޭޕާލްގެ ޓްރިބޮވަން ޔުނިވަރސިޓީ ގެ ޓީޗިންގް ހޮސްޕިޓަލުގެ ކުޑަ ކުދިންގެ ޚާއްސަ ޑިޕާޓްމަންޓުގައި ރެސިޑަންސީ ހައްދަވަމުންނެވެ. ޑރ. ނުސައިބާ އަކީ 2001 އަހަރުން ފެށިގެން މިޔަދާ ހަމަޔަށްވެސް ރާއްޖޭގެ ސިއްހީ ޚިދުމަތްކުރާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގައި ހިލޭސާބަހަށް މަސައްކަތްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.