އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގުރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ގާނާ ބަލިކޮށް، މޮރޮކޯއިން ފެށުން ރަނގަޅުކޮށްފިއެވެ.

ކެމަރޫންގެ ޔައުންޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މޮރޮކޯ މޮޅުވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މީގެ ކުރިން ގާނާއިން ހަތަރު ފަހަރު އެފްކޮން ކާމިޔާބު ކޮށްފައިވާ އިރު، މޮރޮކޯއިން އެފްކޮން ކާމިޔާބު ކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. މީގެ ކުރިން މޮރޮކޯ އިން އެފްކޮން ކާމިޔާބު ކުރީ 1976 ވަނަ އަހަރެވެ. ގާނާއިން އެންމެފަހުން ކާމިޔާބު ކުރީ 1982 ވަނަ އަހަރު ލީބިއާގައި ބޭއްވި އެފްކޮން މުބާރާތެވެ. ދެޓީމުވެސް މިފަހަރުގެ މުބާރާތަށް ނުކުތީ އެ ތާރީހު ބަދަލުކޮށް، އެފްކޮންގެ ތަށްޓަށެވެ.

މެޗު ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ފުރަތަމަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް ނުފެނު ނަމަވެސް ހާފު ނިމެން ދިޔައިރު، މެޗު ކޮންމެވެސް ވަރަކަށް ހުޅުވިގެން ދިޔައެވެ. މޮރޮކޯގެ ކެޕްޓަން، ޕްރިމިއާ ލީގުގެ ވުލްވްސް ޑިފެންޑަރު ރޯމައިން ސައިސް ބޮލުން ޖެހި ބޯޅަ މަތީ ދަނޑި ކައިރިން އަމާޒުވި އިރު، ގާނާއަށް ފުރަތަމަ ހާފުގައި އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް މޮރޮކޯ ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 73 ވަނަ މިނެޓުގައި ވަހީދު ހަލިހޮޑުޒިކް ފޮނުވާލި ހަމަލާގެ އިތުރުން ޖޯސެފް ޕައިންޓްސިލްސްގެ ހަމަލާވެސް މަތަކުރީ ގާނާގެ ގޯލްކީޕަރު ޔަސީން ބޯނޫއެވެ. ގާނާގެ އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ކެޕްޓަން އަންދްރޭ އަޔޫއެވެ. އަޔޫ ފޮނުވާލި ވޮލީ ގޯލާ އަމާޒުނުވެ ދިޔައީ ކިރިޔާއެވެ.

މެޗުގައި މޮރޮކޯއިން ޖެހި ހަމައެކަނި ގޯލު، މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލީގު ވަންގެ އަންޖާސްއަސް ކުޅޭ ސޮފިއާން ބޯފަލްއެވެ.

ރޭ ގުރޫޕް ބީގައި ގީނީން 1-0ގެ ނަތީޖާއަކުން މަލާވީ ބަލިކުރި އިރު، އެ މެޗުގައި ގޯލު ޖެހީ އިސިއާގާ ސީލާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލިވަޕޫލްގެ ނަބީ ކެއިޓާއެވެ. ކެއިޓާއަކީ ގީނީގެ ކެޕްޓަނެވެ. ގުރޫޕް ސީގައި ކުޅުނު ދެވަނަ މެޗުގައި ގެބޮންއިން ކޮމޮރޯސް ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ކޮވިޑްގެ 19ގެ ސަބަބުން ގެބޮންގެ ކެޕްޓަން ޕީއޭ އެމްރިކް އަބަމަޔާން މެޗުގައި ކުޅެފައި ނުވާއިރު، އެޓީމުގެ ހަމައެކަނި ގޯލު ޖެހީ ސަލީމް ބޯޕެންޒާއެވެ.

18:00 އަލްޖީރިއާ - ސިއެރާ ލެއޮން

21:00 ނައިޖީރިއާ - މިސްރު

00:00 ސޫދާން - ގީނީ-ބިސާއޫ