ނިމިދިޔަ 2021 ވަނަ އަހަރުގައި މީރާއަށް ޖުމުލަ އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު މީރާއަށް ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 13 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނު 15.7 ބިލިއަން ރުފިޔާއަކީ 2020 ވަނަ އަހަރު ލިބުނު އާމްދަނީއާ އަޅާބަލައި އިރު، 5.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ރެވެނިއު ރިޕޯޓާއެކު މީރާއިން އާއްމުކޮށްފައިވާ ފާއިތުވި އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓެކްސް ރެވެނިއު ގޮތުގައި އެކަނިވެސް 11.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އެ އަހަރުގެ އާމްދަނީގެ 75.7 ޕަސެންޓެވެ. އަދި ނޮން ޓެކްސް ރެވެނިއު ގޮތުގައި ލިބިފައި ވަނީ 3.8 ބިލިއަން ރުފިޔާއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން އެންމެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރުވެސް ލިބިފައިވަނީ ޓޫރިޒަމް ސެކްޓާ އިންނެވެ. ފާއިތުވި އަހަރު ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 5.3 ބިލިއަން ލިބިފައިވާއިރު، އެއީ ނިމިދިޔަ ތިން އަހަރަށް ބަލައި އިރުވެސް އިތުރު އަދަދެކެވެ. އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިިބިފައިވާ އިރު، ގްރީން ޓެކްސް ގޮތުގައި 802 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އާއްމު ޖީއެސްޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ޖޫރިމަނާގެ ގޮތުގައި 184 މިލިއަން ރުފިޔާއާއި އެއްގަމު ދުއްވާ އުޅަނދުތަކުން ނަގާ ފީ އިން 112 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 469 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 478 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އަދި ފާއިތުވި އަހަރު ފެބްރުއަރީ މަހުން ފެށިގެން ނަގަން ފެށި ވޯކްޕާމިޓް ފީގެ ގޮތުގައިވެސް 325 މިލިއަން ރުފިޔާ ލިބުނު ކަމަށް މީރާގެ ތަފާސްހިސާބުން ދައްކައެވެ.

ވިވިވަނަ އަހަރާ އަޅާބަލައި އިރު ވިޔަފާރި ފައިދާ ގެ ގޮތުގައި ލިބުނު އާމްދަނީ 1.6 ބިލިއަން ރުފިޔާ މަދެވެ. އަދި ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބިފައިވަނީވެސް 81 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މިދިޔަ އަހަރުގެ އާމްދަނީގެ ބޮޑުބައެއް ލިބިފައިވަނީ ޑޮލަރުންނެވެ. އެއީ 624 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާއިން ބަލައި ނަމަ އެއީ 9.6 ބިލިއަން ރުފިޔާއެވެ. އަދި ދިވެހި ރުފިޔާއިން ލިބުނު އާމްދަނީގެ އަދަދަކީ 6.2 ބިލިއަން ރުފިޔާއެވެ.