ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމިއުލް އުމްޓިޓީ، މުސާރަ ކުޑަކޮށް އާ އެއްބަސްވުމެއްގައި ސޮއިކުރުމުން ކްލަބަށް އަލަށް ގެންދިޔަ ސްޕެއިންގެ ތަރި ފެރަން ޓޮރެސް ރަޖިސްޓްރީކުރަން ފުރުސަތު ފަހިވެއްޖެއެވެ.
ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމްޓިޓީ އެއްބަސްވުން އާކުރީ ކުރިންވެސް އެއްބަސްވުމުގައި އޮތް މުއްދަތަށް ކަމަށެވެ. އެއީ 2026 ވަނަ އަހަރު ޖޫންގެ ނިޔަލަށެވެ. އުމްޓިޓީ އެއްބަސްވުން އާކުރަން ނިންމީ ކުރިން އެއްބަސްވުމުގައިވާ މުސާރަ ވަރަށް ބޮޑުތަނުން ކުޑަކޮށްގެންނެވެ. އޭގެ ސަބަބުން ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ތެރެއިން ބާސާއަށް އިތުރު ކުޅުންތެރިޔަކު ސްކޮޑުގައި ރަޖިސްޓްރީ ކުރުމަށް ވަނީ ފުރުސަތު ލިބިފައެވެ.
ކްލަބުން ބުނެފައިވާ ގޮތުގައި މެންޗެސްޓާ ސިޓީން ކްލަބަށް ގެންދިޔަ ފެރަން ޓޮރެސް މިހާރު ވަނީ ސްކޮޑުގައި ރަޖިސްޓްރީ ކުރެވިފައެވެ. އުމުރުން 21 އަހަރުގެ ފޯވަޑް ޓޮރެސް ބާސާއަށް ބަދަލުވީ 46.3 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. 2027 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ބާސާއިން ޓޮރެސްއާއެކު އެއްބަސްވުން ހަދާފައިވާ އިރު، އެ އައްބަސްވުމުގައިވާ ރިލީސް ފީއަކީ އެއް ބިލިއަން ޔޫރޯއެވެ. އެއީ 842 މިލިއަން ޕައުންޑުގެ ރިލީސް ފީއެކެވެ.
ޓޮރެސް އެނބުރި ސްޕެއިން ލީގަށް ގޮސްފައިވާ އިރު، ސިޓީގައި އޭނާ ހޭދަކުރީ 18 މަސް ދުވަހެވެ. ސިޓީއަށް ބަދަލުވުމުގެ ކުރިން ޓޮރެސް ސްޕެއިން ލީގުގައި ވިދާލީ ވެލެންސިއާއިންނެވެ. ސިޓީގައި ޓޮރެސް ވަނީ 43 މެޗު ކުޅެ 16 ގޯލު ޖަހައިފައެވެ. ސްޕެއިން ގައުމީ ޓީމުންވެސް ޓޮރެސްއަށް ފުރުސަތު ލިބެމުން އަންނަ އިރު، ސިޓީގައި އޭނާއަށް އޮތް އެންމެ އުނދަގޫ ކަމަކީ ފުރަތަމަ 11 އިން ޖާގަ ހޯދުމެވެ.
ޓޮރެސްގެ ޓްރާންސްފާ ފީގެ އިތުރުން ބާސާއިން ވަނީ ބޯނަސްގެ ގޮތުގައި ސިޓީއަށް 8.4 މިލިއަން ޕައުންޑް ދޭން އެއްބަސްވެފައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ