ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މެނޭޖީރިއަލް ޓްރެއިނިން ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.
ސްޓެލްކޯއިން ބުނީ، އެ ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ، މައިގަނޑު ތިން ބަޔަކަށް ފޯކަސް ކޮށްގެން ކަމަށެވެ. އެއީ ލީޑަޝިޕް ސްކިލްސްއާއި ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސްއެވެ.
ތިން ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޓްރެއިނިންގައި ވަނީ މިޑްލް މެނޭޖްމަންޓުގެ 45 މުވައްޒަފަކު ތަމްރީނުކޮށްފައެވެ.
ސްޓެލްކޯއިން ބުނީ، މިއީ ކުންފުނީގެ ތާރީހުގައިވެސް ކުންފުނީގެ ކުރިމަގު ބައްޓަންކުރުމަށްޓައި، ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާ ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިން ކަމަށާއި މީގެ ކުރިން މިފަދަ ތަމްރީނުތައް ދެވިފައިވަނީ ސީނިއާ މެނޭޖްމަންޓަށް ކަމަށެވެ.
ޓްރެއިނިން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެވެސް ފެށުން ކަމަށާއި، ކުރިއަށްއޮތް ތަނުގައި މިފަދަ އެހެން ޕްރޮގްރާމުތައްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ޓްރެއިނިންއާއެކު، ކުންފުނި ކުރިއަށްދާ ސްޕީޑާ އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
"މިއީ މި ކުންފުނީގެ ލީޑާޝިޕް ސަކްސަޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑާސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަން ތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންތަކެއް ދެވި، ކުންފުނީގެ ވިޝަންއާއި މިޝަންއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ،" މުޣުނީ ވިދާޅުވިއެވެ.
މުޣުނީ އިތުރަށް ވިދާޅުވީ މިފަދަ ޓްރެއިނިންތަކާއެކު، ކުންފުނީގައި ކުރިން ހުރި ސަގާފަތްތައް ބަދަލުވެގެން އަންނަ އިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި، އަދި އަހުލާގު ރަނގަޅު ބަޔަކަށް ހެދިގެންދާނެ ކަމަށާއި ދަށުން މަސައްކަތް ކުރާ މުވައްޒަފުން އިތުރަށް މޮޓިވޭޓް ކުރުމުގެ ހުނަރުތައްވެސް ދަސްވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު