ކޮވިޑް 19 ގެ ވެކްސިން ފުރިހަމަ ނުކޮށް ހުރުމުން އޮސްޓްރޭލިއާ ސަރުކާރުން ވިސާ ކެންސަލް ކުރި ނޯވަކް ޖޮކޮވިޗަށް ވަގުތުން ވިސާ ދީ، އޮސްޓްރޭލިއާއަށް އެތެރެ ވެވޭނެ ގޮތް ހެދުމަށް ކޯޓުން އަންގައިފިއެވެ.
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަންގައި ކުޅުމަށް އޮސްޓްރޭލިއާއަށް ދިޔައީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ޑުބާއީ މަގުން އޮސްޓްރޭލިއާއަށް ޖޮކޮވިޗް ދިޔައީ ހާއްސަ ވިސާއެއްގެ ދަށުން އެގައުމަށް އެތެރެވުމަށެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާގެ ސިއްހީ އިދާރާތަކުގެ ހާއްސަ ގަވާއިދުތަކުގެ ތެރެއިން ބަލައި، ޖޮކޮވިޗްގެ ވިސާ ވަނީ ކެންސަލް ކޮށްފައެވެ.
ޖޮކޮވިޗަށް އޮސްޓްރޭލިއާގެ ވިސާ ނުލިބުނީ ވެކްސިން ނުޖަހާ ދިޔުމުންނެވެ. ވެކްސިން ނުޖަހާނަމަ އޮސްޓްރޭލިއާއަށް އެތެރެވެވޭނީ ވެކްސިން ނުޖެހޭނެ ކަމުގެ ލިޔުމެއް އޮވެގެންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޖޮކޮވިޗް އޮސްޓްރޭލިއާއަށް ފުރަތަމަ ދިޔައީ އިދާރާތަކުން އެ ލިޔުން ހޯދައިގެން ނަމަވެސް އެއާޕޯޓުން އެ ލިޔުން ބަލައި ނުގަތީއެވެ.
ޖޮކޮވިޗް ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމާއެކު ސާބިއާ ސަރުކާރުންވެސް އޮސްޓްރޭލިއާއަށް ފާޑު ކިޔައި ބަހުގެ ހަމަލާތައް ދީފައިވާ އިރު، އެ މައްސަލަ ޖޮކޮވިޗްގެ ފަރާތުން ހުށަހެޅީ ކޯޓަށެވެ. ޖޮކޮވިޗްގެ ފަރާތުން ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން ޖޮކޮވިޗަށް ވެކްސިނާ ނުލައި އޮސްޓްރޭލިއާއަށް އެތެރެވެވެން ޖެހެނީ މިދިޔަ މަހު ތެރޭގައި އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވުމުންނެވެ. އިދާރާތަކުން ކުރިން ބުނީ ޖޮކޮވިޗް ވެކްސިން ނުޖަހަނީ ވެކްސިނާ ދެކޮޅުވުމުން ކަމަށާއި، ހުށަހެޅި ލިޔުންތަކުން ވިސާ ދެވޭ ވަރަށް ކަންކަން ފުރިހަމަ ނުވާ ކަމަށެވެ.
އެ މައްސަލަ ބަލައި އޮސްޓްރޭލިއާ ކޯޓުގެ ފަނޑިޔާރު އެންތޮނީ ކެލީ މައްސަލަ ނިންމީ އޮސްޓްރޭލިއާ ސަރުކާރާ ދެކޮޅަށެވެ. ޖޮކޮވިޗް ޑިޓެންޝަންއިން ދޫކޮށްލައި ވަގުތުން އޮސްޓްރޭލިއާއަށް އެތެރެ ކުރަން އެންގުމުގެ އިތުރުން ކެލީ ސަރުކާރަށް އަމުރު ކޮށްފައިވަނީ ޖޮކޮވިޗަށް ގެއްލުމުގެ ބަދަލުވެސް ދިނުމަށެވެ. ކެލީގެ ނިންމުމުގައިވާ ގޮތުން ވިސާ ކެންސަލް ކުރުމަށްފަހު އެއަށް ޖަވާބުދާރީ ވާން އިދާރާތަކުން ޖޮކޮވިޗަށް އެކަށޭނެ ވަގުތު ދީފައެއް ނުވެއެވެ. ޖޮކޮވިޗަށް ޖަވާބުދޭން ހަވަނަ ދުވަހުގެ ރޭ 8:30 އާ ހަމައަށް ދިން ނަމަވެސް ވިސާ ކެންސަލް ކުރަން 7:40 ގައި ނިންމި ކަމަށްވެސް ކެލީ ފާހަގަ ކޮށްފައިވެއެވެ.
އެގޮތަށް ނިންމުން ނިންމާފައިވީ ނަމަވެސް އަދިވެސް އިމިގްރޭޝަން އޮފިސަރު އެލެކްސް ހޯކަށް ޖޮކޮވިޗްގެ ވިސާ ކެންސަލް ކުރުމުގެ ބާރު އޮންނާނެއެވެ. އެހެންކަމުން މުބާރާތުން ފެންނާނެ ކަމުގެ ޔަގީންކަން އަދިވެސް ނުލިބެއެވެ. މިމަހު 17 ވަނަ ދުވަހު އޮސްޓްރޭލިއަން އޯޕަން ފަށާ އިރު، ޖޮކޮވިޗަށް ކުޅެވޭނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.
އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަން މުބާރާތް އިންތިޒާމު ކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެއެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާ ނަމަ މުބާރާތުގައި ބައިވެރި ވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަބަބުން ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކަމަށް ސާބިތުކޮށްދޭ "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަހަޅަން ޖެހޭނެއެވެ.
ޖޮކޮވިޗަކީ މިވަގުތު ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގައި އެއްވަނައަށް ރޭންކް ކޮށްފައިވާ ކުޅުންތެރިޔާއެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް