ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ އިންވެސްޓްމަންޓްގެ ދަށުން ޅ. ކުރެންދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ކުރެންދޫގައި ގާއިމުކުރި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ކުރެންދޫގެ ގާއިމުކުރި އޭޓީއެމްއާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކިން ހިދުމަތް ތައާރަފުކޮށް ކުރެންދޫގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން ހިންނަވަރުގައިވެސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލުން ވަނީ މިހާތަނަށް 20 އަތޮޅެއްގައި ބޭންކުގެ 35 ބްރާންޗާއި 76 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 135 އޭޓީއެމްގެ އިތުރުން 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ތާއާރަފުކޮށްފައެވެ.