ބޭންކް އޮފް މޯލްޑިވްސް އިން ފޯރުކޮށްދެމުން އަންނަ ކޭޝް އޭޖެންޓުގެ ހިދުމަތް ގދ. ހޯޑެއްދުއަށް ތައާރަފު ކުރުމާއެކު، ބޭންކުގެ ކޭޝް އޭޖެންޓުންގެ އަދަދު 100 އަށް އަރައިފިއެވެ.

އޭޖެންޓް ބޭންކިންގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ބީއެމްއެލް އިން ތައާރަފުކުރި ހިދުމަތެކެވެ. 2015 ވަނަ އަހަރު ބޭންކުން ތައާރަފުކުރި މި ހިދުމަތް ފަށާފައިވަނީ ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތާ އެކުއެވެ.

ނަމަވެސް މިއަދު އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީ އަކާ ނުލައި ފައިސާ ނެގުމާއި ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކަސްޓަމަރުންނަށް ކޭޝް އޭޖެންޓުން މެދުވެރިކޮށް ދުވާލަކު 2،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެ ކަމަށާއި ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މިއީ މުޅި ރާއްޖެ އަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ދޭން ފެށި މުހިންމު ހިދުމަތެއް ކަމަށެވެ.

"މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން، ބްރާންޗެއް ނުވަތަ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފައިވާ ރަށަކަށް ދަތުރުކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ހޯދޭނެ ނިޒާމެއް މިއީ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިއަހަރު ތެރޭގައި މި ހިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް،" ޑެޕިއުޓީ ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލުން ވަނީ މިހާތަނަށް ވިހި އަތޮޅެއްގައި ބޭންކުގެ 35 ބްރާންޗާއި 76 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 134 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ތާއާރަފުކޮށްފައެވެ.