އެފްރިކާ ބައްރުގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) މިރޭ ކެމަރޫންގައި ފަށާނެއެވެ. އެފްކޮން ވެގެންދާނީ 2022 ވަނަ އަހަރުގެ ފުރަތަމަ ބޮޑު މުބާރާތަށެވެ. ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕްގެ އެހެން ބޮޑެތި ލީގުތަކުގައި ވިދަމުން އަންނަ ތަރިން ކެމަރޫންއަށް ޖަމާ ވެ، އެ ތަރިންގެ ގައުމުތައް ތަމްސީލު ކުރާނެއެވެ.

މިރޭ ރާއްޖެ ގަޑިން 9:00 ގައި ހޯސްޓް ގައުމު ކެމަރޫން އާއި ބުރްކީނޯ ފާސޯ ވާދަކުރާ މެޗުން އެފްކޮން ފެށިގެންދާ އިރު، ކްލަބު ފުޓުބޯޅައިގެ އެންމެ ބުރަ ދުވަސްވަރު އެފްކޮން ބާއްވާތީ އެކަމަށް އަދިވެސް ދަނީ ކިޔަމުންނެވެ. އެފްކޮން ފުރަތަމަ ޝެޑިއުލް ކޮށްފައި އޮތީ މިދިޔަ އަހަރު ޖޫން މަހަށް ނަމަވެސް މިއަހަރަށް ފަސްކުރީ ކޮވިޑް 19 ގެ ހާލަތުގެ ސަބަބުންނެވެ. މިހާލަތުގައިވެސް އެފްކޮން މުބާރާތް ބާއްވަން އޮތީ ފަސޭހަ ގޮތަކަށް ނޫނެވެ.

އެފްރިކާ ސަރަހައްދުގައި އަލަށް އައި ކޮވިޑް 19ގެ ވޭރިއަންޓް އޮމިކްރޮން ހަލުވި ކަމާއެކު ފެތުރެމުންދާތީ މުބާރާތަށް އެކަމުގެ ހިޔަނި ވަނީ އެޅިފައެވެ. ކެމަރޫންގެ އެފްއޭއަށް ދާދި ފަހުން އިންތިހާބުވި ރައީސް، ފުޓުބޯޅަ ލެޖެންޑް ސެމިއުލް އެޓޫއަށް އެ ޕްރެޝަރާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހެއެވެ. ކްލަބު ފުޓުބޯޅައިގެ ސީޒަން ނުނިމެނީސް ކުޅުންތެރިން އެފްކޮންއަށް ދާ ދިޔުމަށް ބައެއް ކޯޗުންގެ ހިތްހަމަނުޖެހުން އައިސް މުބާރާތަށް ގަދަރު ކުޑަކުރުމުން، އެކަމަށް ރައްދު ދޭންވެސް އެފްރިކާގެ ފުޓުބޯޅަ ލެޖެންޑުންނަށް ވަނީ މަޖުބޫރުވެފައެވެ.

ކޮންމެޔަކަސް އުނދަގޫތަކުގެ ތެރެއިންވެސް މިރޭ މުބާރާތް ފަށާނެއެވެ. ސަޕޯޓަރުންގެ މަންޒަރުތައް ތަފާތު ވާނެއެވެ. 24 ގައުމަކުން އެފްރިކާގެ ރަސްކަމަށް ކުރާ ދަތުރުގެ ފޯމެޓަށް ބަލައިލުންވެސް މުހިއްމެއެވެ.

އެފްކޮންގައި މިފަހަރުވެސް 24 ޓީމު ވާދަކުރާނެއެވެ. 24 ޓީމުގެ ފޯމެޓަކަށް މުބާރާތް ހެދިފަހުން މިއީ ދެވަނަ މުބާރާތެވެ. މުބާރާތް ކުރިއަށްދާނީ ހަ ގްރޫޕަކަށް ބަހާލެވިގެން ގްރޫޕް ސްޓޭޖު ކުޅޭ ގޮތަށެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، ގަދަ 16 ގެ ޔަގީން ޖާގަ ލިބޭނީ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމުތަކަށެވެ. ގަދަ 16 ގެ ބާކީ ހަތަރު ޖާގަ ލިބޭނީ ހަ ގްރޫޕުގެ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަށެވެ.

ދުވާލެއްގެ މައްޗަށް ގްރޫޕް ސްޓޭޖުގެ ތިން މެޗެއް ތާވަލު ކޮށްފައިވާ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމި، ނޮކްއައުޓް ބުރު ފެށޭނީ 23 ޖެނުއަރީ ގައެވެ. މުބާރާތުގެ މެޗުތަކުގައި ބޭނުންކުރާނީ އުމްބްރޯ ޓޯގޫގެ ނަމުން ނަން ދީފައިވާ އެފްރިކާ ސްޓައިލުގެ ބޯޅައެކެވެ. ކެމަރޫންގެ ސަގާފަތާއި ބޯޅައިގެ ޑިޒައިނާ ގުޅުވާފައިވާ އިރު، ބޯޅަ ފެންނާނީ އެފްރިކާގެ ޑިޒައިންތަކުން ޖަރީވެފައިވާ ގޮތަކަށެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އަލްޖީރިއާއެވެ. އަދިވެސް އަލްޖީރިއާއަކީ ތަށްޓަށް ވާދަކުރާނެ ގައުމެކެވެ. މެންޗެސްޓާ ސިޓީ ފޯވަޑް ރިޔާދު މަހަރޭޒްގެ ލީޑާޝިޕްގެ ދަށުން އަލްޖީރިއާ ތަށި ދިފާއުކުރަން ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. އެންމެފަހުން އެގައުމުން ކުޅުނު 34 މެޗުންވެސް ބަލިވެފައެއް ނުވެއެވެ.

ދެން އޮތީ ސަޑިއޯ މާނޭ އާއި ޗެލްސީގެ ގޯލްކީޕަރު އެޑުއާޑު މެންޑީގެ ސެނެގާލް އެވެ. އެފްރިކާގެ ފީފާ ރޭންކިން އެންމެ މަތި ގައުމަކީ ސެނެގާލްއެވެ. މިދިޔަ ތިން އަހަރުވެސް އެފްރިކާގެ އެއްވަނަ ޓީމުގެ ގޮތުގައި ފީފާ ރޭންކިންގައި އޮތީ ސެނެގާލް އެވެ. 2019 ވަނަ އަހަރު އެފްކޮންގެ ރަނަރަޕް މަގާމު ހޯދި ސެނެގާލްވެސް މިފަހަރު މުބާރާތުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ބެލެވެއެވެ. އަނެއްކޮޅުން އެ ޓީމަށްވެސް، އަލްޖީރިއާއަށްވެސް އޮންނާނެ އެންމެ ބޮޑު އެއް ވާދަވެރިޔަކީ މިސްރެވެ. ދުނިޔޭގައި މިވަގުތު އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާ، ލިވަޕޫލްގެ މުހައްމަދު ސަލާހާއެކު މިސްރު ނުކުންނާނީ ރެކޯޑު ދެމެހެއްޓުމަށެވެ. އެގައުމަކީ ހަތް ފަހަރު އެފްކޮން ކާމިޔާބުކޮށް، އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބު ކުރި ޓީމުގެ ރެކޯޑު ދަމަހައްޓަމުން އަންނަ ޓީމެވެ.

އޭގެ އިތުރުން މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭނެ ޓީމުތަކަކީ ގާނާ އާއި ނައިޖީރިއާގެ އިތުރުން ކެމަރޫން ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ގާނާ އާއި ނައިޖީރިއާއަށްވެސް ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ އެދެވޭ ނަތީޖާތަކެއް ހޯދިފައި ނުވާއިރު، މީގެ ކުރިން ހަފަހަރު މުބާރާތް ހޯދި ކެމަރޫންއަށް އޮތީ ހޯމް އެޑްވާންޓޭޖެކެވެ.

މުބާރާތުގެ ސަޕްރައިޒިން ޓީމަކަށް ވާނެ ކަމަށް ލަފާކުރެވެނީ މާލީއެވެ. އެޓީމުން ވަނީ ދުރު ރާސްތާ ޕްލޭނަކާއެކު ފުޓުބޯޅަ ހަރުދަނާކޮށް މިއަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައި ވުމަށް، ކޮންޓިނެންޓަލް ޕްލޭ އޮފްއިންވެސް ފުރުސަތު ހޯދައިފައެވެ. ކުރިން މުބާރާތުގެ ތަށި ނަގާފައިވާ ގައުމުތަކަށް ބަލާ އިރު، އައިވަރީ ކޯސްޓާ، މޮރޮކޯ އަދި ޓިއުނީސިއާވެސް މުބާރާތުގައި ވާދަކުރާ އިރު، އަލަށް މުބާރާތް ކުޅޭ ގައުމުތަކަކީ ގަމްބިއާ އާއި ކޮމޮރޯސް އެވެ.

އުނދަގޫ ހާލަތެއްގެ އެފްކޮންއެކެވެ. ސީޒަން ތެރެއިން އެފްކޮން އަށް ކުޅުންތެރިން ފޮނުވަން ޖެހުމުން ޔޫރަޕްގެ ކްލަބުތަކުން އެކަމަށް ދެބަސްވެފައިވެސް ވެއެވެ. އެކަމުގެ ތެރެއިން ބައެއް ކްލަބުތަކުން ކުޅުންތެރިން ހިފެހެއްޓި ހާލަތްތައްވެސް އައިސްފައިވެއެވެ. އެގޮތުން ނައިޖީރިއާގެ އެންމެ މުހިއްމު ފޯވަޑް، އެމެނުއަލް ޑެނިސް ފޮނުވަން އިނގިރޭސި ކްލަބު ވޮޓްފޯޑުން ދެކޮޅު ހަދައި، އޭނާ ހިފެހެއްޓިކަންވެސް ފާހަގަކޮށްލެވުނެވެ. އެހެން ނަމަވެސް އޮފް ސީޒަނުގައި މުބާރާތް ބާއްވަން ކެމަރޫންއަަކަށް މާ ބޮޑު "ޗޮއިސް"އެއް ނެތެވެ.

ކެމަރޫންގެ މޫސުމަކީ ހޫނު މޫސުމުގައި މުބާރާތެއް ކުޅެވޭ ވަރަށްވުރެ މާ ހޫނު ގަދަ މޫސުމެކެވެ. އަދި މިއަހަރަކީ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ވޯލްޑް ކަޕްވެސް އޮންނަ އަހަރު ކަމަށްވާ އިރު، އަހަރުގެ ހޫނު މޫސުމަށް މުބާރާތް ލެވޭނެ ފުރުސަތެއް އެއްވެސް ގޮތަކުން ނެތެވެ. އެހެން ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯގެ އެދުމުގެވެސް މަތިން މުބާރާތް ބާއްވާ ދުވަސްތައް އަލުން ކަނޑައަޅަން އެފްކޮން ގައުމުތަކުން ވަނީ ނިންމައިފައެވެ.

އެފްކޮން އަކީ ދެ އަހަރުން އެއް އަހަރު ބާއްވާ މުބާރާތަކަށް ވާ އިރު، އަންނަ އަހަރުވެސް މުބާރާތް އޮންނާނެއެވެ. އެއީ މިއަހަރުގެ މުބާރާތަކީ 2021 ގެ މުބާރާތް ކަމަށް ވާތީއެވެ. އަންނަ އަހަރުގެ މުބާރާތް އައިވަރީ ކޯސްޓްގައި އޮންނާނީ ޖޫން އަދި ޖުލައި މަހުގައެވެ. ފީފާގެ ރައީސް އިންފެންޓީނޯގެ ހުށަހެޅުމަކީ އެފްކޮން ބާއްވާ އަހަރުތަކުގައި ސެޕްޓެމްބަރު ނޫނީ ނޮވެންބަރުގައި މުބާރާތް ބޭއްވުމެވެ. އެއީ މޫސުމަށްވެސް ބަލައި، ކްލަބު ފުޓުބޯޅައަށް ބުރަ ނުވާނެ ދުވަސްވަރަކަށްވެސް ބެލުމަށްފަހުއެވެ.

އެފްކޮންއަށް ދަނޑު ބޭރުން އޮތް އެންމެ ބޮޑު އެއް އުނދަގުލަކީ ކޮވިޑޮ 19 އެވެ. ގިނަ މެޗުތަކަށް ސަޕޯޓަރުންނަށް ވަދެވޭނީ ދަނޑުގެ 60 ޕަސެންޓަށެވެ. އެހެން ނަމަވެސް ކެމަރޫން ކުޅޭ މެޗުތަކަށް ސްޓޭޑިއަމްގެ 80 ޕަސެންޓަށް ސަޕޯޓަރުން ވައްދާނެއެވެ. ދަނޑަށް ވައްދާނީ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށް، ނެގެޓިވް ޓެސްޓް ނަތީޖާއެއް އޮތް ނަމައެވެ.

އެ ގޮތަށް ފިޔަވަޅުތައް އޮތް ނަމަވެސް ކެމަރޫންގެ ވެކްސިން ނިސްބަތަށް ބަލައި، އެ އުސޫލުތަކަށް އަމަލު ކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ކެމަރޫންގައި ވެކްސިން ފުރިހަމަ ކުރި އަދަދަކީ އާބާދީގެ ދެ ޕަސެންޓް ކަމަށްވާ އިރު، ހަ ސްޓޭޑިއަމްއެއްގައި ކުޅޭ 52 މެޗަށް ސަޕޯޓަރުން ވައްދަން އުފުލަން ޖެހޭ ބުރަ ބޮޑުވާނެއެވެ.

މުބާރާތުގެ ކުރިން ގައުމުތަކުގެ ސްކޮޑުތަކުންވެސް ކޮވިޑްގެ ކޭސްތައް ރިޕޯޓް ކުރަމުންދާ އިރު، އެފްކޮން އިން ނިންމާފައިވަނީ ސްކޮޑުގައި 11 ކުޅުންތެރިން ތިބި ނަމަ މެޗު ކުޅެން ޖެހޭނެ ގޮތަށެވެ. އޭގެ ތެރޭގައި ގޯލްކީޕަރަކު ނުހިމެނޭ ނަމަވެސް އުސޫލު ބަދަލެއް ނުވާނެއެވެ.

ދެން އޮތީ ކެމަރޫންގެ ދާހިލީ ސިޔާސީ ކަންކަމުގެ ވާހަކައެވެ. ސިޔާސީ ހަލަބޮލި ކަމުގައި އޮތް ކެމަރޫންއަށް މުބާރާތާ ހަމައަށް އިންފްރާސްޓްރަކްޗާ ނިންމޭނެތޯވެސް ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. މުބާރާތް އެކި ކަންކަމާ ހުރެ ލަސްވުން ވީ ކެމަރޫންއަށް ލެވުނު ނޭވަޔަކަށްވެސް މެއެވެ. އެހެން ނަމަވެސް އަދިވެސް ކެމަރޫންގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ލިމްބެ ފަދަ ސިޓީތަކުގެ ސަލާމަތީ ކަންކަމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

2017 ވަނަ އަހަރުން ފެށިގެންވެސް އެ ސަރަހައްދުގައި ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވަމުންދާ އިރު، މިހާރުވެސް އެ ސަރަހައްދުގައި ވަކި ޖަމާއަތެއް ހަދައި، ސަރުކާރާ ވަކިވުމަށް އަމްބާޒޯނިއާގެ ނަމުން ނަން ދީފައިވާ ޖަމާއަތެއް ހަރަކާތްތެެރިވެއެވެ. އެފަދަ ދާހިލީ ކަންކަމަށް ސަމާލުވުމަށް މަގުތަކުގައި މިހާރުވެސް ޗެކްޕޯސްޓްތައް ޖަހައި ސިފައިންގެ ފޯރިމެރުން ވަރަށް ބޮޑަށް އިތުރު ކޮށްފައިވެއެވެ. ހާއްސަކޮށް ލިމްބޭ ސިޓީގައި ހޯސްޓް ކުރާ އަށް މެޗަށް ވަރަށް ބޮޑަށް ސަލާމަތީ ބާރުތަކުން ސަމާލުވާނެެއެވެ.

އެފްކޮންއަކީވެސް މިހާރު ތަރިންގެ މުބާރާތެކެވެ. ދިވެހީން ދަންނަ މޫނުތައް ކަމަށްވާ ސަލާހާއި މާނޭ، މަހަރޭޒް، ޕިއޭ އެމްރިކް އަބަމަޔާން އަދި ސެބެސްޓިއަން ހެލާގެ އިތުރުން އެޑުއާޑް މެންޑީ ފަދަ މޫނުތައް އެފްކޮންއިން ފެންނަ އިރު، ދިވެހީންގެ ޝައުގުވެސް މުބާރާތަށް ކުޑައެއް ނޫނެވެ. މީޑިއާ ނެޓްގެ އައިސް ޓީވީން ރާއްޖެއާ ހަމައަށް އެފްކޮން ގެނެސްދޭ އިރު، އޮންލައިންކޮށް "ވަން"އިންވެސް އެފްކޮންގެ ހުރިހާ ހަބަރުތަކެއް ގެނެސްދޭނެއެވެ.