އިސްލާމީ ތާރީޚު

އިސްލާމީ ސިޔާސަތު، އިސްލާމްދީނުގެ ޝޫރާއީ ނިޒާމު - 01

އަބްދުﷲ ފާރޫގް ހަސަން

ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ: ޢަބްދު اللّـه ފާރޫޤު ޙަސަން

ނޯޓު: މިއީ އިސްލާމްދީނުގައި ސިޔާސަތު ރޭވުމާއި ވެރިކަން ހިންގުމުގެ ނިޒާމުގެ މައްޗަށް ވަންއޮންލައިންގައި އަޅުގަނޑު ޝާއިޢުކުރަމުންއައި ތަރުޖަމާގެ ބަޔެކެވެ. މި ސިލްސިލާ މިވަނީ ވަރަށް ދިގުމުއްދަތަކަށް މެދުކަނޑައިލެވިފައެވެ. މިހާރަކަށްއައިސް ނުވެފައިހުންނަ ވަރަށްގިނަ ކަންތައްތައް ކޮވިޑް-19 އަށް ފޫޅުކަނޑާ ނޫންތޯއެވެ. މިކަންވެސް ވެފައިވަނީ އެގޮތަށެވެ. އަނެއްކާވެސް މެދުކަނޑާނުލައި މި ސިލްސިލާ ގެނެސްދެވޭތޯ ބަލާނަމެވެ. إنشـااللّـه.

* * * * * * *

އިސްވެދިޔަ ޞަފްޙާތަކުގެ ތެރެއިން މި މައިގަނޑާ ގުޅުންހުރި ޞަފުޙާތަކުގައި އަޅުގަނޑުވަނީ އިސްލާމްދީނާއި ސިޔާސަތާ ދެމެދު ވަރަށް ފުން ގުޅުމެއްހުރިކަން ސާބިތުކޮށްދީފައެވެ. ދީން މަތިވެރިކުރާން އެދޭމީހުންނަށް ސިޔާސަތާ ވަކިހިލޭވެ ސިޔާސީ ދާއިރާއާމެދު ލޯމަރައި ނުލެވޭނެކަން ބަޔާންކޮށްދީފައެވެ. އެހައިތަނުން އުފެދޭ ސުވާލުތަކަކީ މުސްލިމުންގެ އިޖުތިމާޢީ ޙަޔާތުގެ ނިޒާމަކީ ހައްދުފަހަނަޅައިފައިވާ ގޮށްމުށުބާރުހެއްޔެވެ؟ ނުވަތަ އިމެއްނޯންނަފަދަ ބާރުތަކެއް ލިބިފައިވާ ރަސްކަމުގެ ނިޒާމުހެއްޔެވެ؟

އިސްލާމީ ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި އިސްލާމްދީނުގެ އިޖުތިމާޢީ ނިޒާމަކީ އިސްތިބުދާދު ނުވަތަ ގޮށްމުށުބާރުގެ ނިޒާމެއް ނޫނެވެ. ރަސްކަމެއްވެސް ނޫނެވެ. މިހާރަކަށްއައިސް ސިޔާސަތުގެ މައުޟޫޢުގައި އިސްލާމީ މުފައްކިރުންގެ މެދުގައި އެންމެބޮޑަށް ބަހުސުކުރެވޭ މައްސަލައަކީ އިސްލާމްދީނާއި ޖުމްހޫރިއްޔަތުގެ މައުޟޫޢެވެ. ހިތުގެ ތަނަވަސްކަމާއި، މާފުކުރުމާއި، މައްސަލައަކަށް ނަހަދައި ދޫކޮށްލުމާއި، ޤާނޫނުގެ ބާރުވެރިކަމާއި، ހަމަހަމަކަމާއި، އާންމު މަޞްލަޙަތަށް ބެލުމާއި، އެންމެންނަށްވެސް ހަމަހަމަކަމާއެކު އިންސާފު ލިބުމާއި، އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރެވުމާއި، މިނިވަންކަމާއި، އިންތިޚާބީ ވެރިކަމާއި ރައްޔިތުންގެ ކުރިމަތީގައި ޒިންމާ އުފުލައި ޖަވާބުދޭންޖެހުމާ މިކަންކަމަކީ ޖުމްހޫރިއްޔަތެއް އޭގެމައްޗަށް ބިނާވެފައިވާ އަސާސްތަކެވެ. އަޅުގަނޑުމެން ވިސްނައިލާއިރު މީގެތެރޭގައި އެކަމަކާ އިސްލާމްދީނާ ގުޅުމެއް ނެތް އެއްވެސްކަމެއް ނެތެވެ. އިސްލާމްދީން އެކަމަކަށް ތާއީދުކޮށް ބާރު ނާޅާ އެއްވެސްކަމެއް ނެތެވެ. މިކަންކަމަކީ އިސްލާމީ ޤާނޫނުތަކުގެ ބިންގަލުގައި ހިމެނޭ ރުކުންތަކެވެ.

ކަންމިހެން ހުރުމާއެކުވެސް އިސްލާމީ ސިޔާސީ ނިޒާމުގެ ނަމެއްކަމުގައި މަޝްހޫރުވެފައިވާ ނަމަކީ ޚިލާފަތެވެ. ނުވަތަ ޝޫރާއީ ނިޒާމެވެ. ޝޫރާގެ އަހަންމިއްޔަތާއި އޭގެ ބޭނުންތެރިކަމާއި، ޝޫރާއަކީ އިސްލާމީ ނިޒާމުގައި ޝަރްޢުވެގެންވާ ކަމެއްކަމުގެ މައްޗަށް ދަލީލުކުރާ ސުމާރެއްނެތްހައި ގިނަ ހެކިތައް އިސްލާމީ ނިޒާމުގެ ތެރެއިން ފެންނާން އެބަހުއްޓެވެ. ކީރިތި ޤުރުއާނާއި ޙަދީޘުފުޅުތަކުން އެކަންކަމަށް ދަލީލު ލިބޭން އެބަހުއްޓެވެ. އަޅުގަނޑުމެން އިސްލާމްދީނުގެ ޖުމްހޫރީ ނިޒާމޭ ބުނާއިރު އޭގެ މަޤްޞަދަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. މިޒަމާނުގެ ފިކުރާ އެއްގޮތަށް ޖުމްހޫރިއްޔަތު މި ލަފުޒު ބޭނުންކުރިކަމުގައިވިޔަސް އޭގެ މަޤްޞަދަކީ މީހުންނަށް ފަސޭހައިން އެ ނިޒާމު ވިސްނައިދިނުމެވެ. އާދެ، އިސްލާމްދީނުގެ ސިޔާސީ ނިޒާމަކީ ވިރާސީ ރަސްކަމެއް ނޫންކަން ބަޔާންކުރުމެވެ. އެއީ ގޮށްމުށުބާރުގެ ނިޒާމެއް ނޫންކަންވެސް ޔަގީންކޮށްދިނުމެވެ. އާދެ، އެއީ ޝޫރާއީ ނިޒާމެވެ. ޝޫރާއީ ނިޒާމާއި ޖުމްހޫރިއްޔަތުގައި އެއްގޮތް ވަރަށްގިނަ ކަންތައްތަކެއް ހުރެއެވެ. އެހެންކަމުން ވިސްނައިގަތުން ފަސޭހަކުރުމަށްޓަކައި ޖުމްހޫރިއްޔަތު މިބަސް ބޭނުންކުރަނީއެވެ. މިގޮތުން މުސްލިމުންގެ އަރައިތިއްބެވި ވަރަށްގިނަ ޢާލިމުންވަނީ އިސްލާމީ ސިޔާސަތުގެ ނިޒާމަށް ޖުމްހޫރިއްޔަތުގެ ނަން ދެއްވައިފައެވެ. މަޤްޞަދަކީ ވިރާސީ ރަސްކަމާއި، އިމެއް ނޯންނަ ގޮށްމުށުބާރުގެ ވެރިކަމުގެ ނިޒާމަށް އިންކާރުކުރައްވައި އެކަންކަން ނަފީކުރެއްވުމެވެ. މިގޮތުން عــلاّمــــة شِبــلـــى نـعـمــانــى ލިޔުއްވައިފައިވާ "الـفـاروق" ގައި ވަނީ الخــلفـــاء الــرّاشــدون ގެ ވެރިކަމުގެ ނިޒާމަކީ ޖުމްހޫރިއްޔަތު ކަމުގައި ކަނޑައަޅުއްވައިފިއެވެ. (އަޅުގަނޑު ލިޔެފައިވާ "عــمــربـــن الخطّـاب" މިފޮތުގައި ބައެއް އުނިއިތުރާއެކު ވަނީ "الـفـاروق" ން އެބައި ނަކަލުކޮށް ހިމަނައިފައިވޭ.) المـــرحــــوم عــلاّمــــة شِبــلـــى نـعـمــانــى ލިޔުއްވައިފައިވެއެވެ.

"عــمــر رضـى اللّــه عـنــه ޖުމްހޫރީ ވެރިކަމެއްގެ ބިންގާ އެޅުއްވީ ކުރީގެ މިސާލެއް ނުވަތަ ނަމޫނާއަކާ ނުލައެވެ. ވަގުތު ލާޒިމުކުރިގޮތުން ޖުމްހޫރިއްޔަތުގެ ހުރިހައި އުސޫލުތަކަކާއި ގޮފިތަކެއް ހަމަޔަށް އެކަށަނޭޅުއްވުނު ކަމުގައިވިޔަސް ޖުމްހޫރީ ވެރިކަމެއްގެ ރޫޙުކަމުގައި ހިމެނޭ ހުރިހައި ދާއިރާތަކެއްވަނީ އުފައްދަވައިފައެވެ. އެހުރިހައި ކަންކަމެއްގެ އަސްލުލްއުސޫލަކީ މަޖްލިސުއްޝޫރާ އެކަށައެޅުއްވުމެވެ. އިދާރީގޮތުން އާކަމެއް ކުރިމަތިވިކަމުގައިވިޔަސް، މަޖްލިސުއްޝޫރާ ބާއްވަވައެވެ. މަޝްވަރާއާ ނުލައެއް އަދި އަކްސަރިއްޔަތުގެ ޚިޔާލާ ތަފާތު ގޮތަކަށް އެކަލޭގެފާނު އެއްވެސްކަމެއް ނުކުރައްވައެވެ. މުސްލިމުންގެ ހުރިހައި ޖަމާޢަތްތަކެއްގެ ތެރެއިން އެދުވަސްވަރު އުންމަތުގެ ބަނުމާއި ގޮށްޖެއްސެވުމުގެ ވެރީންގެ ހައިސިއްޔަތު ލިބިވަޑައިގެންފައިވަނީ ދެ ޖަމާޢަތަކަށެވެ. އެއީ އަންޞާރުންނާއި މުހާޖިރުންނެވެ. އެންމެހައި ޢަރަބީންވަނީ އެބޭކަލުންނަކީ އެ އެންމެންގެ ޤާއިމުމަޤާމުން ކަމުގައި ޤަބޫލުކޮށްފައެވެ. މަޖްލިސުއްޝޫރާގައި އަބަދުވެސް ލާޒިމީ ގޮތެއްގައި އެދެ ޖަމާޢަތުގެ ބޭކަލުން ތިއްބަވައެވެ. އަންޞާރުންވަނީ ދެ ޤަބީލާއަކަށް ބެހިވަޑައިގެންފައެވެ. އައުސުވަންހައާއި ޚަޒުރަޖުވަންހައެވެ. އެހެންކަމުން މަޖްލިސުއްޝޫރާގައި އެދެވަންހަ ތަމްސީލުވުމަކީ މުހިންމު ކަމެކެވެ. މަޖްލިސުއްޝޫރާގެ ހުރިހައި މެމްބަރުންގެ ނަންފުޅުތަކެއް އަޅުގަނޑުމެންނަކަށް ދެންނެވޭކަށެއް ނެތެވެ. ނަމަވެސް އެބޭކަލުންގެ ތެރޭގައި عـثمـان، عـلــى، عبـدالــرّحمــن بــن عــوف، مـعــاذ بــن جـبــل، أُبَـــيّ بــن كـعب، زيــد بــن ثــابت (رضـى اللّــه عنـهــم) ހިމެނިވަޑައިގަންނަވައެވެ.

ޝޫރާ މަޖްލިސް ބާއްވަވާގޮތަކީ އެ މަޖްލިސް އެއްކުރައްވާންވުމުން ގޮވާލައްވާ ބޭކަލަކު ނުކުމެވަޑައިގެން ރަށުތެރޭގައި "އައްޞަލާތު ޖާމިޢާ" އެވެ ގޮވައިލެއްވުމެވެ. މެމްބަރުން ހާޒިރުވެވަޑައިގެންނެވުމުން عــمــر ގެފާނު މަސްޖިދުއްނަބަވީއަށް އެބޭކަލުންގެ ތެރެޔަށް ވަޑައިގެން އެންމެފުރަތަމަ ކުރައްވަނީ ދެރަކުޢަތް ނަމާދެކެވެ. ނަމާދަށްފަހު މިންބަރަށް އަރައިވަޑައިގެން ޚުޠުބާ ވިދާޅުވެއެވެ. އެއަށްފަހު ބަޙުޘްކުރައްވާން ބޭނުންފުޅުވާ މައްސަލައެއް ހުށަހަޅުއްވައެވެ. ދައުލަތުގެ ޢާއްމު އިދާރީ ކަންކަމުގައި އެމަޖްލިސުގެ ނިންމުމުން ފުދޭކަމުގައި ބައްލަވައެވެ. ނަމަވެސް މުހިންމުކަމެއް ދިމާވެއްޖެކަމުގައިވާނަމަ އަންޞާރުންނާއި މުހާޖިރުންގެ ޢާއްމު ޖަލްސާ ބާއްވަވައެވެ. ވަރަށްގިނަފަހަރު މައްސަލަތަކުގައި ބަޙުޘްކުރެއްވުމަށްފަހު އެބޭކަލުން އިއްތިފާޤުވެވަޑައިގަންނަވައެވެ.

މިސާލެއްގެ ގޮތުން ދަންނަވާނަމަ، ޢިރާޤާއި އީރާނު ފަތަޙަވުމުން ޞަޙާބީންގެ ބައެއް ބޭކަލުން ބޭނުންފުޅުވީ ފުޠޫޙާތުގައި ބައިވެރިވި ސިފައިންނަށް ފަތަޙަވެފައިވާ ބިން ޖާގީރެއްގެ ގޮތުގައި (ޕްރޮޕަޓީއެއްގެ ގޮތުގައި) ބައްސަވައިދެއްވާށެވެ. އެކަމާ ބަޙުޘްކުރެއްވުމަށްޓަކައި ވަރަށްބޮޑު އެއްވުމެއް ބޭއްވެވިއެވެ. އޭގެތެރޭގައި މުހާޖިރުންނާއި އަންޞާރުންގެ ހުރިހައި ހަރުބޭކަލުން (ޤުދަމާއުން) ގެ އިތުރަށް ޢާންމުންވެސް ބައިވެރިކުރެއްވިއެވެ. އަންޞާރުންގެ މުޅިޖަމާޢަތުގެ ލީޑަރުންކަމުގައި ބެލެވޭ ގިނަބޭކަލުން (އައުސުވަންހައިން ފަސްބޭކަލުންނާއި ޚަޒުރަޖުވަންހައިން ފަސްބޭކަލުން) ބައިވެރިކުރެއްވިއެވެ. އެތައްދުވަހެއް ވާންދެން މަޖްލިސުއްޝޫރާ ހިނގަމުންދިޔައެވެ. ނުހަނު މިނިވަންކަމާއެކު އެކިބޭކަލުން ތަޤުރީރު ކުރެއްވިއެވެ. ކުޑަވެސް ބިރުފުޅެއްނެތިއެވެ.

عــمــر ގެފާނު އެބަހުސުގެ ތެރޭގައި ދެއްވި ތަޤްރީރުގައި ވިދާޅުވެފައިވާ ޖުމުލައެއް މިތާނގައި ނަކަލުކޮށްލަމެވެ. މުސްލިމުންގެ ވެރިކަމުގެ ނިޒާމުގައި ޚަލީފާގެ އިޚްތިޔާރާއި ހައިސިއްޔަތު ބަޔާންވާ ޖުމުލައަކަށްވާތީއެވެ.

"ތިމަންކަލޭގެފާނު ތިޔަބޭކަލުންނަށް މި ދަޢުވަތު އަރުއްވަނީ މުސްލިމުންގެ މަސައްކަތްތަކުގެ ތެރެއިން ތިމަންކަލޭގެފާނާ ހަވާލުވެފައިވާ ކަންތައްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ތިމަންކަލޭގެފާނަކީވެސް ތިޔަބޭކަލުންގެ ތެރެއިންވާ އެކެކެވެ."

އީރާނުގެ ފުތޫޙާތުގެ ތެރޭގައި ހިޖުރައިން އެކާވީސްވަނަ އަހަރު ނަހާވިންދުގެ ހަނގުރާމަ ކުރިމަތިވިއެވެ. ބައެއް ބޭކަލުން ދެކެވަޑައިގެންނެވިގޮތުގައި އެވަގުތު ހުންނެވި أميـــرالمـؤمـنــيـن އެހަނގުރާމަޔަށް ސީދާ އަމިއްލަފުޅަށް ވަޑައިގެންނެވުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އީރާން ސިފައިން ތައްޔާރުވެފައިވާލެއް ވަރުގަދަކަމުންނެވެ. އެކަމާބެހޭގޮތުންވެސް ވަރަށްބޮޑު މަޝްވަރާ މަޖްލިހެއް ބޭއްވެވުނެވެ. عـثمـان ގެފާނާއި، طـلحـة بــن عُـبَـيد اللّـه އާއި، الــزّبـيــر بــن الـعــوّام އާއި، عبـدالــرّحمــن بــن عــوف (رضـى اللّــه عنـهــم) ވަރަށް ވަރުގަދަޔަށް ވާހަކަފުޅު ދެއްކެވިއެވެ. އެބޭކަލުން ވިދާޅުވީ عــمــر ގެފާނު ސީދާ މައިދާނަށް ވަޑައިގަންނަވާން ފެނިވަޑައިގަންނަވާ ކަމުގައެވެ. އެންމެފަހުން ތަޤްރީރުކުރެއްވީ عـلــى ގެފާނެވެ. އެކަލޭގެފާނު ވާހަކަފުޅުދެއްކެވީ عــمــر ގެފާނު ސީދާ ވަޑައިގަންނަވާން ފެނިވަޑައިނުގަންނަވާކަމުގެ މައްޗަށެވެ. ޞަޙާބީންގެ އަކްސަރިއްޔަތުން ފާސްވީ އެގޮތަށެވެ. ހަމައެފަދައިން ސިފައިންގެ މުސާރައާއި، މުސާރަވެރީންގެ ދަފްތަރު ތަރުތީބު ކުރެއްވުމުގައި އިސްކަންދެއްވާންވީ ގޮތާއި، ގަވަރުނަރުން ލެއްވުމާއި، ބޭރުމީހުނާއެކު ވިޔަފާރިކުރުމުގެ މިނިވަންކަމާއި، އެފަދަ ވިޔަފާރީން މަހްސޫލު ނެގުމާއި މިފަދަ ވަރަށްގިނަ ކަންތައްތަކާ ބެހޭގޮތުން އެކަންކަން ނިންމެވީ މަޖްލިސުއްޝޫރާއަށް ހުށަހަޅުއްވައިގެންކަން އެނގޭ ތާރީޚީ ހެކި އެބަހުށްޓެވެ. އެކަންކަމާ ބެހޭގޮތުން މަޖްލިސުއްޝޫރާގެ ވަރަށްގިނަ ބޭކަލުން ކުރެއްވި ތަޤްރީރުތައްވެސް ތާރީޚު ފޮތްފޮތުގައި ރެކޯޑުކުރެވިފައި އެބަހުއްޓެވެ.

(ނުނިމޭ)