ޚަބަރު

ވަންގް ޔީގެ ދަތުރުފުޅާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ރައީސް

މުހައްމަދު އިޝާން

ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް ވާންގް ޔީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަންގް ޔީ ރައީސްއާ މަޝްވަރާކުރެއްވީ މިއަދު ހަވީރު ވަންގް ޔީ ރައީސްގެ އަރީހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ‏ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފައެވެ. އަދި ވަނީ މިއަހަރަކީ ރާއްޖޭ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަން ހާމަކުރައްވައިފައެވެ. ރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 14 އޮކްޓޫބަރު 1972 ގައެވެ.

ރައީސް އާއި ވަންގް ޔީ ވަނީ ރާއްޖެ އާއި ޗައިނާގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ‌‏ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ވަންގް ޔީ ދެއްކެވި ވާހަކަފުޅުގައި މި އަހަރު މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރޭ އަހަރުކަމުގައި ވިޔަސް، ސިލްކް ރޯޑްގެ ސަބަބުން ދެ ގައުމުގެ ގުޅުން 600 އަހަރު ކުރިޔަށް ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާގެ ހާރިޖީ ސިޔާސަތު ސިޔާސަތު ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އެއްބައިވަންތަކަމާއި އެހެން ގައުމުތަކުގެ ސިޔާދަތައް ކުރާ އިހުތިރާމްގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެ ހިމެނޭހެން ތަރައްގީވަމުން އަންނަ ހުރިހާ ގައުމެއްގެ ކުރިއެރުމުގައި ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައި ވެސް ވަންގް ޔީ ވަނީ ވިދާޅުވެފައެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގަ އާއި ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

އެގޮތުން ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށް ކުރިއަށް ގެންދާ ވެކްސިން ކެމްޕެއިނަށް ޗައިނާ ސަރުކާރުން ސައިނޯފާމް ވެކްސިން ޝިޕްމަންޓް ހަދިޔާކުރެއްވީތީ ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ވަންގް ޔީ ރާއްޖެއަށް ކުރެއްވި ދަތުރުގެ ސަބަބުން ދެގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މިއަދު ރާއްޖެ އާއި ޗައިނާގެ ދެމެދުގައި ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ފަސް އެއްބަސްވުމަކީ ޗައިނާއިން ރާއްޖެއަށް 960 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމަކާއި، ޗައިނާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ސާފު ބޯފެން ފޯރުކޮށްދިނުމަށް 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކުރިއަށްގެންދަން ވެފައިވާ އެއްބަސް ވުމެކެވެ. އަދި ސިނަމާލެ ބްރިޖު ހިލޭ މެއިންޓެއިސް ކޮށްދިނުމުގެ އެއްބަސްވުމަކާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޗައިނާއާއެކު ވި އެއްބަސްވުމެކެވެ.