ޚަބަރު

ރާއްޖެ އާއި ޗައިނާގެ ގުޅުން މި ސަރުކާރުގައި އިތުރަށް ވަރުގަދަވާނެ: ޝާހިދު

މުހައްމަދު އިޝާން

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން މި ސަރުކާރުގައި އިތުރަށް ވަރުގަދަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމާ މެދު ޝައްކެތް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ޝީ ޖިންގްޕިންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރު ހަރުފަތަކަށް ދާނެކަމާ މެދު ޝައްކެއް ނެތް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި އޮތީ "ވަން ޗައިނާ" ސިޔާސަތަށް ކަމަށާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އިތުރު ދާއިރާތަކުން ވެސް ދެ ގައުމުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުން އެއްބަސްވާ ކަންކަމުގައި އދ. ގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަންގް ޔީ އާއެކު މަޝްވަރާކުރެއްވި ކަމަށެވެ.

މިއަދު ރާއްޖެ އާއި ޗައިނާގެ ދެމެދުގައި ވަނީ ފަސް އެެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ ފަސް އެއްބަސްވުމަކީ ޗައިނާއިން ރާއްޖެއަށް 960 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމަކާއި ޗައިނާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ސާފު ބޯފެން ފޯރުކޮށްދިނުމަށް 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކުރިއަށްގެންދަން ވެފައިވާ އެއްބަސްވުމެކެވެ. އަދި ސިނަމާލެ ބްރިޖު ހިލޭ މެއިންޓެއިސް ކޮށްދިނުމުގެ އެއްބަސްވުމަކާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޗައިނާއާއެކު ވި އެއްބަސްވުމެކެވެ.