ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގެންފައި މިވަނީ، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިއަދު ހަވީރު ރާއްޖެއަށް ވަޑައިގެންނެވީ މިނިސްޓަރު ޝާހިދު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ދާނީ މާދަމާއެވެ.