ޚަބަރު

ބައެއް ރިސޯޓްތަކުން ބިދޭސީ މުވައްޒަފުންނަށްވެސް މިނިމަމް ވޭޖް ދެނީ

1

މިއަހަރުން ފެށިގެން ދޭން ނިންމާފައިވާ މިނިމަމް ވޭޖް، ބައެއް ރިސޯޓްތަކުން ބިދޭސީން ހިމަނައިގެން ދިނުމަށް ނިންމައިފިއެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅައި އެކަން އިއުލާންކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. މިނިމަމް ވޭޖު ކަނޑައެޅީ ބިދޭސީ މުވައްޒިފުންނަށް ނުހިމަނައެވެ.

އަނަންތަރާ ކިހަވަކުން މިއަދު އެ ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ފޮނުވި ނޯޓިސް އެއްގައި ބުނީ ރާއްޖޭގެ ސަރުކާރުން މިނިމަމް ވޭޖު ދިނުމަށް ނިންމީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. ނަމަވެސް އެ ކުންފުނިން ރާއްޖޭގައި ހިންގާ ފަސް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީންނަ ވެސް ދިވެހިންނެކޭ އެއްގޮތަށް މިނިމަމް ވޭޖު ދޭނެ ކަމަށެވެ.

އަނަންތަރާގެ އިތުރުން ވެސް އެހެން ބައެއް ރިސޯޓުތަކުން ވަނީ ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ނިންމައިފައެވެ. އޭގެ ތެރޭގައި ޖޭ ޑަބްލިޔު މެރިއޮޓް މޯލްޑިވްސް އާއި ޝުވެލް ބްލެންކް ރަންދެލި މޯލްޑިވަސް ހިމެނެއެވެ. އަދި ޔުނިވާސަލް ރިސޯޓްތަކުންވެސް ވަނީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމަށް ނިންމައިފައެވެ.

އަންތާރާ ހޮޓަލްސް އެންޑް ރިސޯޓު ކުންފުނިން ރާއްޖޭގައި ފަސް ރިސޯޓެއް ހިންގައެވެ. އެ ފަސް ރިސޯޓަކީ، ދިގު މޯލްޑިވްސް، ކިހާވަށް މޯލްޑިވަސް، ނަލަދޫ ޕްރައިވެޓް އައިލެންޑު އަދި ނިޔާމަ ޕްރައިވެޓް އައިލެންޑްސްއެވެ.

މިނިމަމް ވޭޖްގެ ދަށުން ކުދި ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓަރުގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.

މިނިމަމް ވޭޖް ކަމަށް ބަލާފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑީގެ ފައިސާ، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟